Roadha Mihaaru
އިންޓަ އިން ބާސާ އަށް މާޓީނޭޒް ވިއްކާލަން ތައްޔާރުވަނީ

އިންޓަ އިން ބާސާ އަށް މާޓީނޭޒް ވިއްކާލަން ތައްޔާރުވަނީ

03 ޖޫން 2020

މިލާން (ޖޫން 3) - އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒްގެ ބާސެލޯނާ އަށް ވިއްކާލަން އިންޓަ މިލާނުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (ޖޫން 3) - އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒްގެ ބާސެލޯނާ އަށް ވިއްކާލަން އިންޓަ މިލާނުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 22 އަހަރުގެ މާޓީނޭޒް އަކީ އަންނަ ސީޒަނަށް ބާސެލޯނާ އިން އެންމެ ބޮޑަށް ބޭނުންވާ އެއް ކުޅުންތެރިޔާ އެވެ. އެ ގޮތުން މާޓީނޭޒް ހޯދަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ބާސެލޯނާ އިން ވަނީ ވާހަކަތައް ފަށައިފަ އެވެ. މާޓީނޭޒްގެ އޭޖެންޓް އޭޖެންޓް ބެޓޯ ޔަކޭ މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ބާސެލޯނާ އަށް ބަދަލުވުމުގެ ޝައުގުވެރިކަން މާޓީނޭޒްގެ ހުރިކަމަށް ބުނެފަ އެވެ.

އިންޓަ އިން ދާދި ފަހުން ވަނީ އެ ޓީމުގެ މައުރޯ އިކާޑީ ޕީއެސްޖީ އަށް 60 މިލިއަން ޔޫރޯ އަށް ވިއްކާލައިފަ އެވެ. އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ކްލަބްގައި އެއްވެސް ކުޅުންތެރިޔަކު ހުންނަން ބޭނުންނުވާނަމަ އެ އޮންނަ އުސޫލެއްގެ ތެރެއިން ކުރިއަށްދާން ފުރުސަތު ދޭނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މާޓީނޭޒް މިހާރު ވަނީ ބާސެލޯނާއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރަ އަކަށް އެ ޓީމަށް ބަދަލުވާން ނިންމައިފަ އެވެ. މިހާރު އެ ޑީލް ކުރިއަށްގެންދަން ދެން ޖެހޭނީ ބާސެލޯނާ އާއި އިންޓަ އިން ޓްރާންސްފާ ފީއަކާ މެދު އެއްބަސްވާށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ބޭނުންވަނީ އޮސްމާނޭ ޑެމްބެލޭ އާއި ފިލިއްޕޭ ކުޓީނިއޯގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިޔަކާއި 60 މިލިއަން ޔޫރޯ ހުށަހަޅާށެވެ. ބަދަލުގައި އެއްވެސް ކުޅުންތެރިޔަކު ނުހިމެނޭ ގޮތަށް އިންޓަ އިން މާޓީނޭޒް ވިއްކާލަން ކިޔާ އަގަކީ 90 މިލިއަން ޔޫރޯ އެވެ.

މާޓީނޭޒް ވިއްކާލުމަށް ފަހު އިންޓަ އިން ގެންނަން ބޭނުންވަނީ އާސެނަލްގެ ފްރާންސް ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އެވެ. އިންޓަ އިން ކުރިން ގެންނަން ބޭނުންވި އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން އިންޓަ އިން މާޓީނޭޒް ގަތީ އާޖެންޓީނާގެ ރޭސިން ކްލަބަށް 22 މިލިއަން ޔޫރޯ ދީފަ އެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕްގައި އެންމެ ބޮޑަށް ކުރިއެރުން ހޯދި ފޯވާޑުންގެ ތެރޭގައި މާޓީނޭޒް ހިމެނެ އެވެ.

އަންނަ ސީޒަނަށް ބާސެލޯނާ ޓީމަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެއީ އަންނަ އަހަރަކީ ބާސެލޯނާގެ އިންތިހާބު ބާއްވާ އަހަރު ކަމަށްވެފައި އިތުރު ދައުރަކަށް ބާސެލޯނާގެ ރައީސްގެ މަގާމުގައި ހުންނަވަން މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއު ބޭނުންވާތީވެ، އެ ކްލަބަށް މަތީ ފެންވަރުގެ ކުޅުންތެރިން ހޯދަން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި މަސައްކަތްކުރަން ނިންމާފައިވާތީ އެވެ.