Roadha Mihaaru
މާޓިނޭޒް ހޯދަން ބާސާ އިން ކުޅުންތެރިން އޮފާކުރަނީ

މާޓިނޭޒް ހޯދަން ބާސެލޯނާ އިން ކުޅުންތެރިން އޮފާކުރަން ފަށައިފި

23 އެޕްރީލް 2020

ބާސެލޯނާ (އޭޕްރިލް 23) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސެލޯނާ އިން އެ ޓީމަށް ކުޅުންތެރިން އޮފާކުރަން ފަށައިފި ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

ބާސެލޯނާ (އޭޕްރިލް 23) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސެލޯނާ އިން އެ ޓީމަށް ކުޅުންތެރިން އޮފާކުރަން ފަށައިފި ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

މާޓިނޭޒްގެ ކޮންޓްރެކްޓް އުވާލައިގެން އޭނާ ގެންދާ ނަމަ ބާސެލޯނާ އިން 110 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ހެދި އެވަރުގެ އަދަދެއް ދެއްކިދާނެ ކަމަށް ނުބެލެވެ އެވެ.

މި ޑީލުގެ ތެރެއަށް ކުޅުންތެރިން ހިމަނަން އިންޓަ އިން ރުހޭ ކަމަށާއި އެގޮތުން އެ ޓީމުން އެންމެ ފުރަތަމަ ހުށަހެޅީ ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު އަރްތޫރު މެލޯ ހިމަނާށެވެ. އެކަމަކު ބާސެލޯނާ އިން އެކަމާ އެއްބަސްނުވީ އެވެ.

ބާސެލޯނާ އިން ހުށަހެޅީ ކަނާތު ބެކް ނެލްސަން ސެމެޑޯ ކަމަށާއި އިންޓަ އިން އޭނާ އަށް ޝައުގުވެރިވާ ކަމަށްވެ އެވެ. އަދި އަދި ޒުވާން މިޑްފީލްޑަރު ކާލްސް އެލޭނާ އަށް ވެސް އިންޓަ ޝައުގުވެރިވާ ކަމަށްވެ އެވެ. މީގެ ތެރެއިން ސެމެޑޯ ހުރީ އިންޓައާ ގުޅޭ ގޮތަށެވެ. އެކަމަކު ލޯނެއްގެ ދަށުން ރެއާލް ބެޓިސް އަށް ކުޅޭ އެލޭނާގެ ވިސްނުން ހުރީ އަންނަ ސީޒަނުގައި ބާސެލޯނާ އަށް ކުޅެން ކަމަށްވެ އެވެ.

އާޖެންޓީނާގެ ރޭސިން ކްލަބުން ވިދާލައި 2018 ވަނަ އަހަރު އިންޓައާ ގުޅުނު އުމުރު 22 އަހަރުގެ މާޓިނޭޒް ވަނީ އިންޓަ އަށް 66 މެޗުން 25 ގޯލް ޖަހައިދީފަ އެވެ. ލިއޮނަލް މެސީއާ އެކު އޭނާ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މާޓިނޭޒް ވެސް ވެސް ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިވާ ކަމަށްވެ އެވެ. އެހެންވެ ބާސެލޯނާ އަށް އޮތީ އިންޓަގެ އާނ ބަސް ހޯދުން އެކަންޏެވެ. އިންޓަގައި ރޮމެލޫ ލުކާކޫ ހުރުމާ އެކު އެ ޓީމުން ވެސް ރަނގަޅު ޑީލެއްގެ ތެރެއިން އޭނާ ދޫކޮށްލަން ފަސްނުޖެހޭނެ އެވެ.