Roadha Mihaaru
މަނަދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މަސައްކަތު މީހުން

ކޮވިޑް-19: މަނަދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހޮސްޕިޓަލް ސާފު ކުރާ ދެ މުވައްޒަފުން

15 މެއި 2020

ކޮވިޑް-19 އަށް ނ. މަނަދޫން މިއަދު ޕޮޒިޓިވްވި ނުވަ މީހުންގެ ތެރޭގައި އެ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ނުހިމެނުނު ނަމަވެސް އެ ތަން ސާފު ކުރާ ދެ މުވައްޒަފަކު ހިމެނޭ ކަމަށް އެ ރަށު ޓާސްކް ފޯހުން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އަށް ނ. މަނަދޫން މިއަދު ޕޮޒިޓިވްވި ނުވަ މީހުންގެ ތެރޭގައި އެ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ނުހިމެނުނު ނަމަވެސް އެ ތަން ސާފު ކުރާ ދެ މުވައްޒަފަކު ހިމެނޭ ކަމަށް އެ ރަށު ޓާސްކް ފޯހުން މިރޭ ބުނެފި އެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވްވީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން މާލެ ގެނައި މެދު އުމުރުގެ އަންހެނެކެވެ. މި މަހުގެ ފުރަތަމަ ދުވަހު އެ އަންހެން މީހާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓްވި އެ ހޮސްޕިޓަލްގެ 15 މުވައްޒަފަކު ވަނީ ގޭގައި އައިސޮލޭޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ޑޮކްޓަރުންނާއި 10 ނަރުހުންގެ އިތުރުން ޓެކްނީޝަނުން ހިމެނެ އެވެ.

އެ ސިއްހީ އެހީތެރިންނާއި އާންމުން ހިމެނޭ ގޮތަށް 34 މީހެއްގެ ސާމްޕަލް އެ ރަށުން ނެގިއިރު، އޭގެ ތެރެއިން ނުވަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއީ ހޮސްޕިޓަލް ސާފު ކުރުމުގެ މަސައްކަތުގައި އުޅޭ ދެ މީހަކާއި އާންމުންގެ ބައެއް ކަމަށް މަނަދޫ ޓާސްކް ފޯހުން ބުންޏެވެ.

"ޕޮޒިޓިވްވި އެންމެންނަކީ ވެސް އައިސޮލޭޝަންގައި ތިބި މީހުން. މަސައްކަތު ދެ މީހުންނަކީ ހޮސްޕިޓަލް ސާފު ކުރަން އައުޓްސޯސް ކޮށްފައިވާ ބައެއް،" ޓާސްކް ފޯހުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ޕޮޒިޓިވްވި މީހުން ކަރަންޓީނަށް ގެންދިއުމަށާއި އެ މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މަނަދޫ ހޮސްޕިޓަލް ސާފު ކުރަން މަސައްކަތް ކުރާ ދެ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން، އެ ހޮސްޕިޓަލުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނަދޫ އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންވެ، އެ ރަށަށް އަރައި ފޭބުމާއި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުކުތުމަކީ މަނާ ކަމެކެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށް މިއަދު އަރާފައިވާއިރު، މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އާއި އެއަތޮޅު ހިންމަފުއްޓެވެ.