Roadha Mihaaru
ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް: މަބްރޫކް

ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް: މަބްރޫކް

20 މެއި 2021

ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސް ވިޔަސް ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސް ވިޔަސް ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިން މިހާރު ކުރަނީ އަގުނުކުރެވޭ ވަރުގެ ބުރަ މަސައްކަތްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފެސިލިޓީތަކުގައި މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު، ރާއްޖެ އަށް ކުރިމަތިވެފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭހާ ބިރުވެރި އަދި އުނދަގޫ ހާލަތެއް ކަމަށެވެ. އެކަމަކު މަސައްކަތް ކިތަންމެ ބުރަޔަސް އެ ހިދުމަތުގައި ދެމިތިބެން ސިއްހީ ހިދުމަތްތެރިން ބޭނުންވާ ކަމަށާއި ހަގީގަތަކީ އެކަމުގައި ދޫދިނުމެއް ނެތުން ކަމަށެވެ.

"ދޫދެއްވާ ތަނެއް ވެސް ނުފެނޭ. ހަމަ ދުރަށް ޖެހިވަޑައިގަންނަވަން ހިޔާލެއް ކުރައްވާ ބޭފުޅެއް ވެސް އަޅުގަނޑަކާ ދިމައެއް ނުވޭ. މިކަމުގައި އެ ބޭފުޅުން ތިއްބަވާނެކަން ވަރަށް އުފަލާއެކީ ފާހަގަކުރަން. އަދި ވަރަށް ޝުކުރުވެރިކަމާއެކީ ފާހަގަކުރަން ބޭނުންވޭ،" ސިއްހީ ހިދުމަތްތެރިންނަށް ތައުރީފު ކުރައްވަމުން މަބްރޫކް ވިދާޅުވި އެވެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެޗްއީއޯސީ

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެޗްއީއޯސީ

ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއިރު، ކޮވިޑުގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވެ ސިއްހީ ދާއިރާ އަށް ނުކަތާވަރަށް ދަނީ ކޮވިޑަށް ދަނީ ޕޮޒިޓިވްވަމުންނެވެ. އެއާއެކު، ސޯޝަލް މީޑިއާގައި ނަރުހުން ދަނީ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ.

މަބްރޫކް ވިދާޅުވިގޮތުގައި، ނަރުސްކަން ކިޔަވާ ބައެއް ކުދިން އަމިއްލަ އަށް އިސްނަގައިގެން ވެސް ފެސިލިޓީތަކުގައި މަސައްކަތްކުރެ އެވެ. އެ އެންމެންގެ ހާލަތާ މެދު ވިސްނަންޖެހޭ ކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނަށް ވިޔަސް ސިއްހީ ހިދުމަތުން ބޭރުގައި ހުންނަން ބޭނުން ނުވާތީ ބައެއް ނަރުހުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބެގެން މަސައްކަތްކުރާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ދޫދެއްވާ ތަނެއް ވެސް ނުފެނޭ. ހަމަ ދުރަށް ޖެހިވަޑައިގަންނަވަން ހިޔާލެއް ކުރައްވާ ބޭފުޅެއް ވެސް އަޅުގަނޑަކާ ދިމައެއް ނުވޭ.---މަބްރޫކް

އޭނާ ވިދާޅުވީ، ކުރިމަތިވެފައިވާ ހާލަތާއެކު ސިއްހީ ހިދުމަތްތެރިންނަށް ނަފުސާނީ އެހީތެރިކަން ދޭންޖެހޭ ވަރާ ދޭތެރޭގައި ވެސް މަޝްވަރާ ކޮށްފައި ވެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިން ދުވަހަކު ވެސް ނުދާ ވަރަށް މައްޗަށް ގޮސް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވުމެވެ. މި މަހުގެ މިހާތަނަށް އެކަނިވެސް 40 އާ ގާތްކުރާ އަދަދަކަށް ކޮވިޑް ބަލީގައި ރާއްޖޭގައި ވަނީ މީހުން މަރުވެފަ އެވެ. ރާއްޖޭގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މި މަހު ވަނީ 100 ވެސް ހުރަސްކޮށްފަ އެވެ.