Roadha Mihaaru
ރާއްޖެ އަށް ލޯނު ލިބެނީ ބޮޑު އިންޓަރެސްޓުގައި: ސައީދު

ކައިރި ގައުމުތަކަށް ދެ ޕަސެންޓުގައި ދޭ ލޯނު ރާއްޖެ އަށް ލިބެނީ ހަ ޕަސެންޓުގައި: ސައީދު

16 މެއި 2020

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އިން މާ ކުޑަ އިންޓްރެސްޓެއްގައި، ރާއްޖެ ފިޔަވައި ކައިރި އެހެން ގައުމުތަކަށް ލޯނު ލިބޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އިން މާ ކުޑަ އިންޓްރެސްޓެއްގައި، ރާއްޖެ ފިޔަވައި ކައިރި އެހެން ގައުމުތަކަށް ލޯނު ލިބޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި އުނދަގޫ ކަމަށް ސަރުކާރުން ބުނުމުން ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

އޮޑިޓް އޮފީހުން އިއްޔެ ރޭ އިންތިޒާމުކުރި ކޮންފަރެންސެއްގައި، ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، 200 މިލިއަން ޑޮލަރުން އެކަނި ހަރަދުތައް އެންމެ ފުރިހަމައަށް މެނޭޖް ނުކުރެވޭނެ ކަމަށާއި މާލީ އެހީތެރިކަން ހޯދުމުގެ މަޝްވަރާ ވެސް މި ދުވަސްވަރު އުނދަގޫ ކަމަށެވެ.

"ފައިނޭންސިން ހޯދުމުގައި އެބަހުރި ވަރަށް ބޮޑެތި ދަތިތައް. އެ ކަމުގެ މަޝްވަރާ އަކީ ވަރަށް ޕެއިންފުލް ވަގުތު ދާ މަސައްކަތްތަކެއް. ބޭރުގެ މާކެޓް އެކްޓިވިޓީ ވަރަށް ދަށް. ހަމަ އެއާ އެއްކޮށް ކެޕިޓަލް ކޮންޓްރޯލް ވެސް އަޅާފައި ހުންނަނީ. އެގޮތުން ގައުމުތަކުން ޑޮލަރު ބޭރު ކުރުމުގައި ވެސް ހުންނަނީ ވަރަށް ބޮޑަށް ދަތިކޮށްފައި،" ސަރުވަޝް ވިދާޅުވި އެވެ.

"މިހާރު" ގައި ލިޔެފައިވާ އެ ޚަބަރު ޓްވިޓާގައި ޓެގް ކުރައްވައި، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ވަނީ ރާއްޖެ އިން ބޮޑު އިންޓަރެސްޓް ރޭޓެއްގައި ލޯނު ހޯދާތީ އެ ކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުދޭނީ ކޮން އިރަކުންތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދުގެ ޓުވީޓް

ސައީދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާ ނިންމުންތަކަށް ތާއީދުކުރާ ތަޖުރިބާކާރުން ތިބިކަން ޔަގީންވެ އެވެ. ނަމަވެސް އޭއައިއައިބީން ކައިރި ގައުމުތަކަށް އެތައް މިލިއަން ޑޮލަރަކުން ނަގާ ލޯނު އެންމެ ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ދޭ އިރު ރާއްޖެ އަށް ލޯނު ލިބެނީ ހަ ޕަސެންޓުގައި، ހަ މަހުގެ މެޗުއަރިޓީ ޕީރިއެޑާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންނަނީ އޭއައިއައިބީން ފަސް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންނެވެ. އޭއައިއައިބީ އަކީ އިންޑޯ-ޕެސިފިކް ގައުމުތަކުގެ ޕްރޮޖެކްޓްތަކަށް ފަންޑު ކުރަމުން އަންނަ ބޭންކެކެވެ. ޗައިނާގެ އިސްނެގުމުގެ މަތިން 2013 ވަނަ އަހަރު އުފައްދާފައިވާ މި ބޭންކުގެ 78 މެންބަރު ގައުމު ހިމެނެ އެވެ. ރާއްޖެ ވަނީ ޑިސެމްބަރު 31، 2014 ގައި މި ބޭންކްގެ ފައުންޑާ މެންބަރުންގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.

އޭއައިއައިބީން ފަސް މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެހެން ބައެއް މާލީ އިދާރާތައް މެދުވެރިކޮށް މި އަށް ވުރެ މާ ބޮޑެތި އަދަދުތަކުން ލޯނުތައް ނެގުމަށް ސަރުކާރުން މަސައްކަތް ކުރެ އެވެ.

އެގޮތުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން 50 މިލިއަން ޑޮލަރާއި ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 28 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ން 27 މިލިއަން ޑޮލަރު، އެޗްއެސްބީސީން 25 މިލިއަން ޑޮލަރު، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ވެސް 25 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބޭރުގެ މާލީ 10 އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.