Roadha Mihaaru
ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފި

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އަށް ބަދަލު ގެނެސް، އުސޫލު އާއްމުކޮށްފި

17 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެ މިންގަޑުތައް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އާ ގުޅިގެން ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެ މިންގަޑުތައް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރަ 20،000ރ. އަށް ވުރެ ދަށް މުވައްޒަފުންގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރާނެ ކަމަށެވެ.

ނަމަވެސް އަސާސީ މުސާރައިގެ ގޮތުގައި 20،001ރ. އާއި 30،000ރ. އާ ދެމެދުގެ އަދަދެއް ލިބޭ ނަމަ 20 ޕަސެންޓް އުނިކުރާނެ އެވެ. މިގެ އިތުރުން 30،001ރ. އާއި 60،000ރ. އާ ދެމެދުގެ އަދަދެއް ލިބޭ ނަމަ 30 ޕަސެންޓު، އެ އަށް ވުރެ ބޮޑު އަދަދެއް ލިބޭ ނަމަ 35 ޕަސެންޓު އުނިކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސަރުކާރު މުވައްޒަފުންގެ ތެރެއިން މިނިސްޓަރުގެ ނައިބާއި އެ މަގާމަށް ވުރެ މަތީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ އަސާސީ މުސާރަ 20،000 އަށް ވުރެ ދަށްވި ނަމަވެސް 20 ޕަސެންޓު އުނިކުރަން ޖެހޭނެ އެވެ.

އަސާސީ މުސާރައިގެ އިތުރުން އެލަވެންސްތަކާއެކު ގެއަށް ގެންދަން ލިބޭ މުސާރަ އަށް ވެސް ފިނޭންސުން ވަނީ ބަދަލުތައް ގެނެސްފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި

- އަސާސީ މުސާރަ 10،000 އަށް ވުރެ ދަށްނަމަ އެލަވެންސާއެކު 25،000ރ.

- އަސާސީ މުސާރަ 10،001ރ.- 15،000ރ. ނަމަ 30،000ރ.

- އަސާސީ މުސާރަ 15،001ރ.- 20،000ރ. ނަމަ 35،000ރ.

- އަސާސީ މުސާރަ 20،001ރ.- 25،000ރ. ނަމަ 40،000ރ.

- އަސާސީ މުސާރަ 25،001ރ.- 30،000ރ. ނަމަ 45،000ރ.

- އަސާސީ މުސާރަ 30،001ރ.- 40،000ރ. ނަމަ 50،000ރ.

- އަސާސީ މުސާރަ 40،001ރ.- 50،000ރ. ނަމަ 55،000ރ.

- އަސާސީ މުސާރަ 50،001ރ.- 60،000ރ. ނަމަ 60،000ރ.

- އަސާސީ މުސާރަ 60،001ރ.- 80،000ރ. ނަމަ 65،000ރ.

- އަސާސީ މުސާރަ 80،001އަށްވުރެ މަތިނަމަ 70،000ރ.

ރާއްޖޭން ބޭރުގައި ހުންނަ ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކޮވިޑް19 އާ ގުޅިގެން އިސްސަފުގައި މަސައްކަތްކުރާ މީހުންނާއި އެ މީހުންނަށް އެހީތެރިވާ މުވައްޒަފުންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ހާއްސަ އެލަވަންސް ލިބޭ މީހުންގެ އެލަވެންސްތަކަށް ބަދަލު ނާންނާނެ އެވެ.

ފިނޭންސުން ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައި ނަމަވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެޗްޕީއޭއާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްފުންގެ ތެރެއިން ރައީސް އައްޔަން ކުރާ މަގާމްތައް ފިޔަވައި އެހެން މުވައްޒަފުނާއި ސިފައިންނާއި ފުލުހުން އަދި ކޮވިޑް-19އާ ގުޅިގެން އިމަޖެންސީ ސެންޓަރުގައި ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި މި ބަދަލާއެކު ސަރުކާރުގެ މުވައްޒަފުން ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކޮށްފި ނަމަ އިތުރުގަޑީގެ ފައިސާ ވެސް ދޭން ޖެހޭނެ އެވެ. މި މުއްދަތުގައި އާ އެއްވެސް އެލަވެންސެއް ނުދިނުމަށާއި މަގާމުތަކަށް މުވައްޒަފުން ނުނެގުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.

ފިނޭންސުން ކަނޑައަޅައިފައިވާ މި މިންގަޑުތަކަށް މި މަހުން ފެށިގެން އަމަލު ކުރުމަށް އެ މިނިސްޓްރީން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގައިފަ އެވެ. ރާއްޖޭގެ މިހާރު އޮތް ހާލަތު ރަނގަޅުވެ މިނިސްޓްރީން ވަކި ގޮތެއް ނިންމަންދެން މި ބަދަލުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.