މިއީ ވެންޓިލޭޓަރުގެ ދުވަސްވަރެވެ. މި ވަގުތު ބޭނުންކުރަން ނޫން ނަމަވެސް ވެންޓިލޭޓަރަކީ އަމިއްލައަށް ވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެއްކަން، އައްޑޫ ޒުވާނަކު މިވަނީ އަންގައިދީފަ އެވެ.
18 މެއި 2020
މިއީ ވެންޓިލޭޓަރުގެ ދުވަސްވަރެވެ. މި ވަގުތު ބޭނުންކުރަން ނޫން ނަމަވެސް ވެންޓިލޭޓަރަކީ އަމިއްލައަށް ވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެއްކަން، އައްޑޫ ޒުވާނަކު މިވަނީ އަންގައިދީފަ އެވެ.
ހުޅުމީދުއަށް އުފަން 25 އަހަރުގެ އަހުމަދު މުއީދު ބުނީ އެ ވެންޓިލޭޓަރު އުފައްދަން ނެގީ ހަފުތާއެއްހާ ދުވަސް ކަމަށެވެ.
އަބަދުވެސް މިކަހަލަ މަސައްކަތްތަކަށް ޝައުގު ހުންނަ ޒުވާނާއަށް ވެންޓިލޭޓަރެއް އުފެއްދުމުގެ ހިޔާލު އައީ ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުގެ ވާހަކަ ސުރުހީތަކަށް އެރުމާއި ސިއްހީ ދާއިރާގައި މިހާރު އެންމެ ނުލިބޭ އެއްޗަކަށް ވެސް އެ ވުމުންނެވެ.
"މިކަމުގައި [ކޮވިޑް-19ގައި] އެންމެ މުހިންމު އެކަތި މިއީ. އެކަމަކު ބަލި ފެތުރޭ ވަރަށް ބަލާފައި މި ލިބުން ވަރަށް ދަތި. ދެން ހިތަށްއެރީ ރަނގަޅަށް މިކަން ކުރެވިއްޖެއްޔާ ދަތި ދުވަހަކާ ހަމައަށް ދާއިރު ފައިދާ ވާނޭ،" މުއީދު ބުންނެވެ.
އަޖުމަބެލުމުގެ ގޮތުން ވެންޓިލޭޓަރު ހެދީ ވެސް ރަށުން ފަސޭހައިން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެންނެވެ. އޭގެތެރޭގައި ކަބަޑު ފިލާ ހިމެނެ އެވެ. މޯޓަރެއްގެ ގޮތުގައި ބޭނުންކުރީ ކާރުގެ ބިއްލޫރިގަނޑު ތިރިކުރަން ބޭނުންކުރާ އެއްޗެވެ. ފަންކާ އާއި ސްޕީކަރެއް ރޫޅާލައިގެން ވެސް، އެއަށް ބޭނުންވާ އެއްޗެހި ހޯދި އެވެ.
މި ފަހަރު ރާއްޖޭގައި ވެންޓިލޭޓަރު އުފެއްދި މުއީދު.
"ބައެއް ސާމާނު މާލެއިން ލިބޭތޯ ވެސް ބެލިން. އެކަމަކު ނުއެއް ގެނެވޭ. ދެން ރަށުގައި ހުރި އެއްޗެހި ބޭނުންކުރީ،" މުއީދު ބުންޏެވެ.
ނަމަވެސް ވެންޓިލޭޓަރަށް ބޭނުންވާ އެންމެ މުހިންމު އެކަތި ކަމަށްވާ އެއާބޭގް ރަށުން ނުލިބުމުން އެ ހޯދީ ހުޅުމީދޫ ސިއްހީ މަރުކަޒުންނެވެ.
ވެންޓިލޭޓަރު މިހާރު ވަނީ ހުޅުމީދޫ ހެލްތު ސެންޓަރުގައި ޓެސްޓް ވެސް ކޮށްފަ އެވެ.
މުއީދު ބުނި ގޮތުގައި މިއީ އެފްޑީއޭގެ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށް ބޭނުންކުރާ ވެންޓިލޭޓަރު ފެންވަރުގެ އެއްޗެއް ނޫނެވެ. އެކަމަކު މި ހާލަތުގައި ވެންޓިލޭޓަރެއް ނުލިބި، އަދި ލިބެންދެން ނަމަވެސް، ބޭނުން ޖެހިއްޖެ ނަމަ އޭނާގެ ވެންޓިލޭޓަރު ބޭނުންކުރެވިދާނެ ކަމަށް ބުންޏެވެ.
"ބައެއްގެ ފުރާނަ ސަލާމަތްކުރަން ބޭނުންކުރާ އެއްޗެއް އެއްވެސް ވަރަކަށް ފެއިލް ވެގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލްކުރަނީ. އެހެންވީމަ އަދި މިއަށް ބައެއް ބަދަލުތައް ގެނަސް ފުރިހަމަ ޔަގީންކަމާ އެކު ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ދާނަން އަޅުގަނޑު،" އޭނާ ބުންޏެވެ.
މުއީދަކީ މިފަދަ އެއްޗެހި ތައްޔާރުކުރުމުގެ ގާބިލްކަން ހުރި ޒުވާނެކެވެ. އެހެންކަމުން މިހާރު އޭނާގެ ވިސްނުން ހުރީ ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންކުރާ، ޕީސީއާރް މެޝިނެއް އުފެއްދުމަށެވެ. އެކަމަކު ވެންޓިލޭޓަރާ ހިލާފަށް ޕީސީއާރު މެޝިނަށް ބޭނުންވާ ގިނަ ސާމާނު ހޯދަން ޖެހެނީ ރާއްޖެ އިން ބޭރުންނެވެ.
މީގެ ކުރިން އެމްއެންޑީއެފުން ވެސް ވަނީ ވެންޓިލޭޓަރެއް އުފައްދައިފަ އެވެ. ދެ ހަފްތާ ތެރޭގައި ސިފައިން އުފެއްދި އެ ވެންޓިލޭޓަރަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
ހިމަބިހީގެ ކޭސްއާ ގުޅިގެން ކުރި ސާވޭ ނިންމާލައިފި
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ
އައްޑޫ، ފުވައްމުލައް، ގަމުގެ ކާފިއު ވަގުތު އިތުރު
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ޕޮޒިޓިވްވި މީހުންނާ ދިމާނުވާ މީހަކަށް ކޮވިޑް ޖެހިއްޖެ
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
ވެންޓިލޭޓަރުތަކުގެ މަތިން ދެން ހަނދާން ނައްތާލާ!