Roadha Mihaaru
ޕްރިމިއާ ލީގު ކެންސަލްކުރުމުގެ ހިޔާލު ދޫކޮށްލައިފި

ޕްރިމިއާ ލީގު ކެންސަލްކުރުމުގެ ހިޔާލު ކްލަބްތަކުން ދޫކޮށްލައިފި

19 މެއި 2020

ލަންޑަން (މެއި 19) - ކޮވިޑް-19 އާ ހެދި މެދުކަަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އެއްކޮށް ކެންސަލްކުރަން މީގެ ކުރިން ބައެއް ކްލަބްތަކުން ވާހަކަ ދެއްކި ނަމަވެސް މިހާރު އެ ހިޔާލު ކްލަބްތަކުން ދޫކޮށްލާފައިވާ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވިދާޅުވެއްޖެ އެވެ.

ލަންޑަން (މެއި 19) - ކޮވިޑް-19 އާ ހެދި މެދުކަަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އެއްކޮށް ކެންސަލްކުރަން މީގެ ކުރިން ބައެއް ކްލަބްތަކުން ވާހަކަ ދެއްކި ނަމަވެސް މިހާރު އެ ހިޔާލު ކްލަބްތަކުން ދޫކޮށްލާފައިވާ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް އިނގިރޭސި ކްލަބްތަކުން ވަނީ ގްރޫޕް ޓްރެއިނިންތައް މިއަދު ފެށުމަށް ހުރިހާ ކްލަބެއްގެ ވޯޓުން ފާސްކޮށްފަ އެވެ. އެކަމަކު އަދިވެސް ޓްރެއިނިންތައް ގެންދެވޭނީ ޓެކުލްކުރުމާއި ކުޅުންތެރިން ކޮންޓެކްޓްނުވާގޮތަށެވެ. ކުޅުންތެރިން ކޮންޓެކްޓްވެވޭ ގޮތަށް ޓްރެއިނިން ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައިވަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ވަނީ ކޮވިޑް-19 އަށް ކުޅުންތެރިން ޓެސްޓްކޮށްފަ އެވެ. ކޮވިޑް-19ގެ ސަބަބުން އިއްޔެ ސްކޮޓްލެންޑް ލީގު ކެންސަލްކޮށް ވަނީ އެއް ވަނައިގައި އޮތް ސެލްޓިކަށް ތަށި ދީފަ އެވެ. އެ ގޮތަށް ނިންމީ ކްލަބްތަކުގެ މެޖޯރިޓީ ވޯޓުންނެވެ. މާސްޓާސް ވިދާޅުވީ ސްކޮޓްލެންޑްގެ ހިޔާލާ އެއްގޮތަށް ކުރިން ޕްރިމިއާ ލީގު ކެންސަލްކޮށްލަން ވެސް ވަރަށް ގިނަ ފަރާތްތަކުން އަޑުއުފުލި ކަމަށެވެ.

"ތެދެއް ކުރިން ކްލަބްތަކުން އުޅުނު ލީގު ކެންސަލްކުރަން. އެކަމަކު އެ ހިޔާލެއް މިހާރަކު ނެތް. އަލުން ލީގު ފަށަން އެކުލަވާލާފައިވާ ޕްރޮޖެކްޓް ރީސްޓާޓަށް ހުރިހާ ކްލަބެއްގެ އެއްބާރުލުން އެބަލިބޭ،" މާސްޓާސް ވިދާޅުވި އެވެ.

ޕްރިމިއާ ލީގުގެ ބާކީ އޮތް 92 މެޗު ކުޅޭނެ ގޮތަކާ މެދު ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ނިއުޓްރަލް ވެނިއު އެއްގައި ހުރިހާ މެޗެއް ކުޅެން ޕްރިމިއާ ލީގުން ވިސްނި ނަމަވެސް ހުރިހާ ކްލަބެއްގެ ރުހުން ނުލިބި އެކަން އޮތީ މަޑުޖެހިފަ އެވެ.

މާޗް މަހު ލީގު މެދުކަނޑާލިއިރު މެންޗެސްޓާ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑާއި އާސެނަލް އަދި އެސްޓަން ވިލާ އިން 28 މެޗު ކުޅުނުއިރު، ދެން ހުރި ޓީމުތަކުން ވަނީ 29 މެޗު ކުޅެފަ އެވެ. ލީގު އަލުން ފަށާއިރު ފުރަތަމަ އިސްކަން ދޭނީ މި ހަތަރު ޓީމުގެ މެޗުތަކަށެވެ.

ލީގުގެ އެއް ވަނައިގައި އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު ލިވަޕޫލް އެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރަން އެ ޓީމަށް ދެން ބޭނުންވަނީ ހަ ޕޮއިންޓެވެ. ލިވަޕޫލުން ތިރީސް އަހަރަށް ފަހު ލީގުގެ ޗެމްޕިއަންކަން ހޯދާއިރު ޓްރޮފީ ޕްރެޒެންޓޭޝަނެއް ބޭއްވުމަކީ އެ ޓީމުގެ އެއް އަމާޒެވެ. މާސްޓާސް ވިދާޅުވީ ޓްރޮފީ ޕްރެޒެންޓޭޝަނެއް ހަމަޖެއްސޭނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ.

މެދުކެނޑުމަށް ފަހު ޔޫރަޕުން އެންމެ ފުރަތަމަ ފެށި ވަރުގަދަ ލީގަކީ ޖަރުމަނު ބުންޑަސްލީގާ އެވެ. މާސްޓާސް ވިދާޅުވީ ޖަރުމަނު ލީގު ފެށުމަކީ ފުޓްބޯޅަ އަށް ލިބުނު ހިތްވަރެއް ކަމަށާއި އެ ގައުމުގައި ކަންތައްތައް ކުރާގޮތް ބަލަމުން އަންނަ ކަމަށެވެ.

ޕްރިމިއާ ލީގުން މަސައްކަތްކުރަނީ އަންނަ މަހު 12 ވަނަ ދުވަހު ލީގު ފެށުމަށެވެ. އިނގިރޭސި ސަރުކާރުން ވެސް ވަނީ އަންނަ މަހުގެ މެދުތެރޭގައި ޕްރިމިއާ ލީގު ފެށުމުގެ ފެހި ސިގްނަލް ދޭނެ ކަމަށް ބުނެފަ އެވެ.