Roadha Mihaaru
އިންޑިއާގެ އިތުރު 152 މީހަކު އެނބުރި ގައުމަށް

އިންޑިއާގެ އިތުރު 152 މީހަކު އެނބުރި ގައުމަށް ފޮނުވައިފި

22 މެއި 2020

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވި އިންޑިއާ މީހުންގެ ތެރެއިން، 152 މީހަކު ވައިގެ މަގުން މިއަދު ފުރުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވި އިންޑިއާ މީހުންގެ ތެރެއިން، 152 މީހަކު ވައިގެ މަގުން މިއަދު ފުރުވާލައިފި އެވެ.

މިއީ ކޮވިޑް-19 ރާއްޖެއިން ފެނުމުން، މި ގައުމުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގެންދިއުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފުރަތަމަ ފިޔަވަހީގައި، ކަނޑުމަގުން މަނަވަރުތަކެއްގައި 1،488 އިންޑިއާ މީހަކު ކޮޗިން އަށް ގެންގޮސްފައި ވެ އެވެ. މި ދަތުރުތަކުގައި އިސްކަން ދޭ މީހުންގެ ތެރޭގައި މެޑިކަލް އިމާޖެންސީތަކުގައި ދާންޖެހޭ މީހުންނާއި މާބަނޑު އަންހެނުންނާއި ވަޒީފާ ގެއްލިފައި ތިބި މީހުން ހިމެނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މިއަދު ކުރެއްވި ޓްވީޓެއް

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، މިއަދު ފުރި މީހުން ދާނީ ބެންގަލޫރަށް ކަމަށެވެ. އިތުރު ފްލައިޓެއްގައި 150 އެއްހާ މީހުން މާދަމާ ނިއުދިއްލީ އަށް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ކުރަމުން އަންނަ މަސައްކަތަށް ސަންޖޭ ޝުކުރު އަދާކުރެއްވި އެވެ. އަދި މި ދަތުރުތައް ކޮށްދޭ އެ ގައުމުގެ ގައުމީ އެއާލައިން އެއާ އިންޑިއާ އަށް ވެސް އޭނާ ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.

ވީހާ ވެސް ގިނަ އިންޑިއާ މީހުން އަނބުރާ ގެންދަން އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ދަތުރުތައް ހަމަޖައްސާނެ ކަމަށް ސަންޖޭ ވިދާޅުވި އެވެ. ބެންގަލޫރާއި ނިއު ދިއްލީގެ އިތުރުން ޗެންނާއި އަދި މުމްބާއި އަށް ވެސް ވައިގެ ދަތުރުތައް ހަމަޖައްސާނެ ކަމަށް މީގެ ކުރިން އޭނާ ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑު ވަރަށް އުފާ ކުރަން، ރާއްޖޭގައި ދިރިއުޅެމުން ދިޔަ އިންޑިއާ މީހުންނަށް އެ މީހުންގެ އާއިލާއާ އަލުން ބައްދަލުކުރެވޭނެތީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވީހާ ވެސް ގިނަ އިވެކުއޭޝަން ފްލައިޓުތައް ހަމަޖައްސަން،" ސަންޖޭ ވިދާޅުވި އެވެ.

މި ދަތުރުތަކުގައި ގެންދާ މީހުން، އެ މީހުންގެ އާއިލާއާ ބައްދަލުކުރެވޭނީ އެ ގައުމުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަހު މަޑުކުރުމަށް ފަހު އެވެ. އެންމެ ފުރަތަމަ ދަތުރުގައި އެ ގައުމަށް ދިޔަ 698 މީހުންގެ ކަރަންޓީން މުއްދަތު މިއަދަށް ހަމަވާނެ އެވެ.

ރާއްޖޭގައި 27،000 އެއްހާ އިންޑިއާ ރައްޔިތުން ދިރިއުޅެމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެ އެވެ. ކޮވިޑް-19 އަށް 1،216 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި 118 އިންޑިއާ މީހަކު ހިމެނެ އެވެ.