Roadha Mihaaru
އިންޑިއާގެ އިތުރު 155 މީހަކު ގައުމަށް ފޮނުވައިފި

އިންޑިއާގެ އިތުރު 155 މީހަކު ގައުމަށް ފޮނުވައިފި

16 ޖޫން 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ތެރެއިން އިތުރު 155 މީހަކު އެ ގައުމަށް މިއަދު އަނބުރާ ފުރައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ތެރެއިން އިތުރު 155 މީހަކު އެ ގައުމަށް މިއަދު އަނބުރާ ފުރައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "މިހާރު" އަށް ވިދާޅުވީ، މިއަދު ފުރި ފްލައިޓުން މީހުން ދިޔައީ ޓްރިވަންޑްރަމް އާއި ބެންގަލޫރަށް ކަމަށެވެ. މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް އިތުރު ދެ ފްލައިޓެއް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދިއްލީ އަށް ދާ އެ ދެ ފްލައިޓުގައި 165 މީހަކު ފުރާނެ އެވެ. މިއީ ކޮވިޑްގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ފެށި "ވަންދޭ ބާރަތު" އޮޕަރޭޝަންގެ ދަށުން ފުރި ބަޔަކެވެ.

އިންޑިއަން ހައި ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއް

މިދިޔަ މަހުގެ ކުރީކޮޅު ފެށި މި އޮޕަރޭޝަންގެ ދަށުން، ކޮވިޑް އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި މެޑިކަލް އިމަޖަންސީތައް ކުރިމަތިވި މީހުންނާއި މާބަނޑު އަންހެނުން އަނބުރާ ގެންދަން އިސްކަން ދީފައި ވެ އެވެ. އަނބުރާ ދާން އަދި ވެސް ގިނަ ބަޔަކު ނަންނޯޓުކޮށްފައިވާ ކަމަށް ރޯހިތު ވިދާޅުވި އެވެ.

ވަންދޭ ބާރަތުގެ އިތުރުން ޗާޓަރު ފްލައިޓުތަކެއްގައި ވެސް އިންޑިއާގެ ގިނަ މަސައްކަތްތެރިންތަކެއް ގެންދިޔަ ކަމަށް ރޯހިތު ވިދާޅުވި އެވެ. މި ފްލައިޓުތައް ހަމަޖައްސަނީ ރާއްޖޭގައި އިންޑިއާ މުވައްޒަފުން އުޅޭ ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުންނެވެ. މި ޗާޓަރު ފްލައިޓްތަކާއި ވަންދޭ ބާރަތުގެ ދަށުން ފުރި މީހުންގެ ޖުމްލަ އަދަދު 4،000 އާ ގާތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައި މިހާތަނަށް 2،188 މީހުން ގޮސްފައި ވެ އެވެ.

ރާއްޖޭގައި 27،000 އެއްހާ އިންޑިއާ މީހުން މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއަން ހައި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ލޭބަރުން ހިމެނެ އެވެ. ރާއްޖެއިން 2،065 މީހަކަށް މިހާތަނަށް ކޮވިޑް ޖެހިފައިވާ އިރު އޭގެ ތެރޭގައި 192 އިންޑިއާ މީހުން ހިމެނެ އެވެ.