Roadha Mihaaru
ޓެކްނިކަލް މައްސަލަތައް އެންމެ މަދީ ނެޓްފްލިކްސްގައި

ޓެކްނިކަލް މައްސަލަތައް އެންމެ މަދީ ނެޓްފްލިކްސްގައި

25 މެއި 2020

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، ސްޓްރީމިންގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މީގެ ކުރިން އިތުރުނުވާ ވަރަށް އިތުރުވެ، ހިދުމަތްދޭ ކުންފުނިތަކަށް ބާރު ބޮޑުވި ނަމަވެސް އެކަމުގެ ސަބަބުން ޓެކްނިކަލް މައްސަލަތައް އެންމެ މަދީ ނެޓްފްލިކްސްގައި ކަމަށް އެމެރިކާގައި ހެދި ސާވޭއަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، ސްޓްރީމިންގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މީގެ ކުރިން އިތުރުނުވާ ވަރަށް އިތުރުވެ، ހިދުމަތްދޭ ކުންފުނިތަކަށް ބާރު ބޮޑުވި ނަމަވެސް އެކަމުގެ ސަބަބުން ޓެކްނިކަލް މައްސަލަތައް އެންމެ މަދީ ނެޓްފްލިކްސްގައި ކަމަށް އެމެރިކާގައި ހެދި ސާވޭއަކުން ދައްކައިފި އެވެ.

ނެޓްފްލިކްސް އަކީ ސްޓްރީމިންގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.

އެމެރިކާގެ ޑޭޓާ އެނަލިޓިކްސް އެންޑް ކޮންޒިއުމާ އިންޓެލިޖެންސް ކުންފުނި ޖޭޑީ ޕަވާ އިން އެޕްރީލް މަހުގެ 24-29 އަށް ކުރިއަށް ގެންދިޔަ ސާވޭއިން ދެއްކި ގޮތުގައި ނެޓްފްލިކްސްގެ ޓެކްނިކަލް މައްސަލަތައް ހުރީ ސްޓްރީމްކުރާ ކޮންމެ 0.17 ގަޑިއިރަކަށް، އެހެން ޕްލެޓްފޯމްތަކާ އަޅާބަލާ އިރު އެންމެ 0.07 ގަ އެވެ.

އެ ކުންފުންޏާ އެންމެ ވާދަކުރާ ޕްލެޓްފޯމްތަކަަށް ބަލާ އިރު އެމެޒޯން ޕްރައިމް ވީޑިއޯ އާއި ހޫލޫގެ ނިސްބަތަކީ 0.11 އެވެ. ޑިޒްނީގެ ޕްލަސްގެ ނިސްބަތަކީ 0.12 އެވެ. ޔޫޓިއުބް ޓީވީގެ ނިސްބަތަކީ 0.13 އެވެ.

ސާވޭގައި ފާހަގަކޮށްފައިވާ ގޮތުގައި ޖުމްލަކޮށް ހުރިހާ ޕްލެޓްފޯމްތަކެއްގައި ޓެކްނިކަލް މައްސަލަތައް ކުޑަ ނަމަވެސް ދޭދޭ ޕްލެޓްފޯމްތަކުގައި ހުންނަ ކިތަންމެ ކުޑަ ފަރަގަކީ ވެސް ވިޔަފާރި އަށް ބޮޑު ތަފާތަކަށްވެ އެވެ. އެއީ ހިދުމަތް ބޭނުންކުރާ މީހުން އިތުރުވުމާއި ކަސްޓަމަރުން އެ ހިދުމަތެއްގައި ދެމިތިބުމަށް ވެސް ބާރުއަޅާ ކަމެކެވެ.

މީގެ އިތުރުން ސާވޭ އިން ދެއްކި ގޮތުގައި އެއް ޕްލެޓްފޯމަކަށް ބަރޯސާވާ ނަމަ އަދިވެސް އެންމެ ގިނަ މީހުންގެ ހޮވުމަކަށްވާނީ ކޮންޓެންޓް އެންމެ މުއްސަނދި އަދި އެންމެ ޝައުގުވެރި ނެޓްފްލިކްސް އެވެ. ސާވޭގައި ބައިވެރިވި 54 ޕަސަންޓް މީހުންގެ ހޮވުމަކީ އެއީ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަށް އިހުތިޔާރުކުރާނެ ކަމަށް ބުނި މީހުންގެ ނިސްބަތް 17 ޕަސަންޓްގައި ހުރި އިރު، ހޮވުމަކަށް ވާނީ ހޫލޫ ކަމަށް ބުނީ 13 ޕަސަންޓެވެ. އަދި ޑިޒްނީ ޕްލަސް އިހުތިޔާކުރާނެ ކަމަށް ބުނި މީހުންގެ ނިސްބަތަކީ އެންމެ ހަތަރު ޕަސަންޓެވެ.

މި ސާވޭގައި ޖޭޑީ ޕަވާ އިން ސްޓްރީމިންގެ ހިދުމަތްދޭ އަގުތަކަކަށް ރިއާޔަތެއްނުކުރެ އެވެ. އެހެން ވިޔަސް ސާވޭ އިން ސާބިތުކޮށް ދެނީ ނެޓްފްލިކްސް ފަހަތަށް ޖައްސައިލަން ވާދަވެރި އެހެން ކުންފުނިތަކަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމެވެ.

އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު 183 މިލިއަނަށް އަރަ އެވެ.