Roadha Mihaaru
"ބްލެކް ޕެންތާ" ގެ ނަމުގައި ސްކޮލަޝިޕެއް

"ބްލެކް ޕެންތާ" ގެ ރޯލު ކުޅުނު އެކްޓަރުގެ ނަމުގައި ނެޓްފްލިކްސް އިން ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި

10 އޮކްޓޯބަރ 2021

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް 2018 ގެ ހޯދި ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ޓައިޓްލް ރޯލު ކުޅުނު އަދި މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި އެކްޓަރު ޗާޑްވިކް ބޯޒްމަންގެ ނަމުގައި ނެޓްފްލިކްސް އިން ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް 2018 ގެ ހޯދި ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ޓައިޓްލް ރޯލު ކުޅުނު އަދި މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި އެކްޓަރު ޗާޑްވިކް ބޯޒްމަންގެ ނަމުގައި ނެޓްފްލިކްސް އިން ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި އެވެ.

މި ސްކޮލަޝިޕް ސްކީމަކީ ބޯޒްމަން ތައުލީމު ހާސިލުކުރި އެމެރިކާގެ ހަވަޑް ޔުނިވަސިޓީއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސްކީމެކެވެ. މިއަށް ދީފައިވާ ނަމަކީ "ޗާޑްވިކް އޭ ބޯޒްމަން މެމޯރިއަލް ސްކޮލަޝިޕް" އެވެ.

ހަވާޑް ޔުނިވަސިޓީއާ ގުޅިގެން އެކްޓަރުގެ ނަމުގައި ނެޓްފްލިކްސް އިން ސްކޮލަޝިޕް ސްކީމެއް ތައާރަފުކުރި އިރު، މި އަހަރުގެ ކުރީކޮޅު ޔުނިވަސިޓީން ވަނީ އެތަނުގެ ކޮލެޖް އޮފް ފައިން އާޓްސް އަށް ބޯޒްމަންގެ ނަން ވެސް ދީފަ އެވެ. އެގޮތުން ނަމަކަށް ހަމަޖެއްސީ ޗާޑްވިކް އޭ ބޯޒްމަން ކޮލެޖް އޮފް ފައިން އާޓްސް އެވެ.

އެތަނުން ތައުލީމު ހާސިލު ކުރެވޭ ގޮތަށް ނެޓްފްލިކްސް އިން ތައާރަފުކުރި ސްކޮލަޝީޕް ސްކީމަށް 5.4 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑަޅާފައިވެ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމުން ބުނީ ބޯޒްމަންގެ ނަމުގައި ދޭ ސްކޮލްޝިޕަކީ އެއަށް ހޮވޭ ދަރިވަރުން ކިޔެވުމަށް ހޭދަވާ ހަތަރު އަހަރުގެ ފީ ހަމަޖެހިގެންދާނެ ސްކޮލަޝިޕެއް ކަމަށެވެ.

މިކަމާ ގުޅިގެން ބޯޒްމަންގެ ހުވަފަތް އަންހެނުން ސައިމަން ލެޑްވާޑް-ބޯޒްމަން ވަނީ ނެޓްފްލިކްސް އަށް މަރުހަބާ ކިޔައި ޝުކުރު ވެސް އަދާކޮށްފަ އެވެ.

"މިއީ ހަމަ ޔަގީނުން ވެސް ފައިން އާޓްސްގެ ދާއިރާ އިން ކިޔަވައިގެން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އުންމީދު ކުރަނީ ވަކިން ހާއްސަކޮށް މާލީ ގޮތުން ދަތި ދަރިވަރުންނަށް މި ސްކޮލަޝިޕް ސްކީމްގެ ސަބަބުން ކިޔަވަން ފުރުސަތު ފަހިވެގެން ދާނެ ކަމަށް." އޭނާ ބުންޏެވެ.

ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރަންޑޯޒް ވިދާޅުވީ ބޯޒްމަންގެ ނަމުގައި ސްކޮލަޝިޕެއް ތައާރަފުކުރަން ނިންމީ އޭނާ އަކީ ފައިން އާޓްސްގެ ދާއިރާ އިން ވަރަށް ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތަކަށްވުމާ އެކު، އޭނާގެ ހަނދާންތައް ދިރުވުމުގެ ގޮތުންނެވެ.

"އަދި ބޯޒްމަން އިންސްޕިރޭޝަނަކަށް ބަލައިގެން ފައިން އާޓްސްގެ އެ ދާއިރާ އިން ކުރިއަށްދާން ހިތްވަރު ދިނުމަކީ ސްކޮލަޝިޕްގެ މައިގަނޑު މަގުސަދު." އޭނާ ވިދާޅުވި އެވެ.

"ޗާޑްވިކް އޭ ބޯޒްމަން މެމޯރިއަލް ސްކޮލަޝިޕް" ތައާރަފުކުރުމާ އެކު މިހާރު ވަނީ ހަތަރު ދަރިވަރަކަށް ސްކޮލަޝިޕް ދީފަ އެވެ. މީގެ ދަށުން ދަރިވަރުން މިއުޒިކަލް ތިއޭޓަރާއި އެކްޓިން އާއި ތިއޭޓަ އާޓްސް އެޑްމިނިސްޓްރޭޝަން އަދި ޑާންސް ފަދަ ދާއިރާތަކުން ދަރިވަރުން ކިޔަވާނެ އެވެ.

އުމުރުން އެންމެ 44 އަހަރުގައި ކޮލޯން ކެންސަރުގައި ބޯޒްމަން މަރުވީ އޮގަސްޓް 28، 2020 ގަ އެވެ. "ބްލެކް ޕެންތާ" ގެ ދެވަނަ ބައެއް އަންނަ އަހަރު ގެނެސްދޭނެ އެވެ.