Roadha Mihaaru
އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް

26 މެއި 2020

ފުވައްމުލަކުގައި މިއަދު ހަވީރު ދެ ސައިކަލް އެކްސިޑެންޓުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުވައްމުލަކުގައި މިއަދު ހަވީރު ދެ ސައިކަލް އެކްސިޑެންޓުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވީ 32 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ އަންހެނަކަށް ކަމަށެވެ. ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް މެނޭޖަރު ވިދާޅުވި އެވެ.

އެ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މިރޭ މާލެ ގެންނަން ވަނީ ހަމަޖައްސައިފަ އެވެ.

"ފިރިހެން މީހާގެ ބޮލަށް ގެއްލުންތަކެއް ވެފައި ވަނީ އަދި އޭނާގެ ނޭފަތުންނާއި އަނގައިން ލޭ އަންނަމުން ދަނީ، ހުއްޓުމެއް ނެތި. އޭނާގެ ހާލު ވަރަށް ކްރިޓިކަލް،" އަހުމަދު ވިދާޅުވި އެވެ.

އެ ރަށު ނައިބުތުއްތު މަގުގައި މިއަދު ހަވީރު 3:30 ހާއިރު ހިނގި މިި އެކްސިޑެންޓްގައި، އައިސީޔޫގައި އޮތް މީހާގެ ސައިކަލު ފަހަތުގައި މީހަކު އިން ނަމަވެސް އޭނާއަށް އަނިޔާއެއް ނުވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، އަންހެން މީހާގެ ބޮލަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އަނިޔާގެ ހާލަތު އެނގޭނީ ސީޓީ ސްކޭނެއް ހެދުމުން ކަމަށާއި އޭނާ މާލެއަށް ފޮނުވަން ނިންމީ، އެ ރަށުގައި ސީޓީ ސްކޭން ހެދެން ނެތުމުން ކަމުން ކަމަށް ވިދާޅުވި އެވެ.

އެ ދެ މީހުން މާލެ ގެނައުމަށްޓަކައި އައިޖީއެމްއެޗްގެ މެޑިކަލް ޓީމެއް ވެސް އެ ރަށަށް މިރޭ ދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މި މަސައްކަތް ކުރިއަށް ގެންދަނީ އާންމު އުސޫލާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހޮސްޕިޓަލުން ރިފާ ކޮށްގެން ޕޭޝަންޓުން މާލެ އަށް ފޮނުވާ ނަމަ، ބަލި މީހާއާ އެއްކޮށް އާންމުކޮށް އަޅުގަނޑުމެން ފޮނުވަން މިތަނުގެ ނަރުހެއް ނުވަތަ ޑޮކްޓަރެއް. ނަމަވެސް މިފަހަރު އެހެން ހެދެން ނެތީމައި އައިޖީއެމްއެޗްގެ މެޑިކަލް ޓީމެއް އަންނަނީ އެ މަސައްކަތުގައި ބައިވެރިވާން. އެކަމަށް އަޅުގަނޑު ޝުކުރުވެރިވަން،" އަހުމަދު ވިދާޅުވި އެވެ.

ބަލި މީހުންނާ އެކު އެ ހޮސްޕިޓަލްގެ ސްޓާފް ނުފޮނުވަން ނިންމީ، އެ މީހުން ފޮނުވައިފި ނަމަ އަނބުރާ އައުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ އާއި އައުމަށް ފަހު ކަރަންޓީން ވާންޖެހޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތަށް ވެއްޖެ ނަމަ ހޮސްޕިޓަލް ހިންގަން ދަތިތަކެއް ކުރިމަތި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 ގެ ނިޔަލަށް ނައިބުތުއްތު މަގު ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ..