Roadha Mihaaru
ދީޕިކާ އަށް ވީ ވައުދެއް ނުފުއްދި އެބައޮތް: ރަންވީރް

ދީޕިކާ އަށް ވީ ވައުދެއް ނުފުއްދި އެބައޮތް: ރަންވީރް

27 މެއި 2020

އަންހެނުން އަދި ބަތަލާ ދީޕިކާ ޕަދްކޯނަށް ކައިވެނީގެ ކުރިން ވީ ވައުދެއް އަދި ނުފުއްދި އެބަ އޮތް ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނުން އަދި ބަތަލާ ދީޕިކާ ޕަދްކޯނަށް ކައިވެނީގެ ކުރިން ވީ ވައުދެއް އަދި ނުފުއްދި އެބަ އޮތް ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީއާ އެކު ކުރިއަށް ގެންދިޔަ އިންސްޓަގްރާމް އިންޓަވިއުއެއްގައި ރަންވީރު ބުނީ ދީޕިކާ ގާތުވީ އެއް ވައުދަކީ އޭނާ ވަރަށް މީރުކޮށް ކައްކާ ބަޓަޗިކެން ދީޕިކާގެ އާއިލާ އަށް ކައްކައިދޭނެ ވާހަކަ އެވެ. އެކަމަކު އަދި އެކަން ނުވާ ކަމަށް ބުންޏެވެ.

ރަންވީރު ކިޔައިދިން ގޮތުގައި އެމެރިކާގެ ޔުނިވަސިޓީއެއްގައި ކިޔަވަން ހުރި އިރު އޭނާ އަކީ އަމިއްލަ ވަރަށް ގިނައިން ކައްކައި އުޅުނު މީހެކެވެ. އަދި އެންމެ ގިނައިން ކައްކާ އެއްޗަކީ އިންޑިއާގެ ވަރަށް ހާއްސަ ކެއުމެއް ކަމަށްވާ ބަޓަޗިކެން ކަމަށް ކަމަށް ބުންޏެވެ.

"އަހަރެން މި ވާހަކަ ދީޕިކާ ގާތުން ދައްކަމުން ބުނިން އޭރު އަހަރެން ކައްކާ ބަޓަޗިކެން ރަހަ ބަލަން އެކީގައި އުޅުނު ޕާކިސްތާނާއި ބަންގްލަދޭޝް އާއި އިންޑިއާގެ އެކުވެރިން އެޕާޓްމަންޓްގެ ދޮރުކައިރީ ކިއު ވެސް ހަދައިގެން ތިބެއޭ. ކޮންމެވެސް ދުވަހަކުން ވެސް ބޭނުމޭ ދީޕީކާގެ އާއިލާ އަށް ވެސް އަހަރެން ކައްކާ ބަޓަޗިކެންގެ ރަހަ ދައްކަން،" ރަންވީރު ބުންޏެވެ.

އިންޓަވިއުގައި އެ ވާހަކަ އިތުރަށް ތަފުސީލުކޮށް ދެމުން، މަޖާ މިޒާޖެއްގެ އެކްޓަރު ބުނީ އަސްލު އޭނާ އަކީ މާ މީރުކޮށް އެއްވެސް އެއްޗެއް ކައްކަން އެނގޭ މީހެއް ނޫން ކަމަށެވެ. އަދި ބަދިގެއަށް ވަދެ ކުރަން އެނގޭނެހާ ވެސް ކަމަކީ ބިހެއް ފެނުކައްކައިލުން ކަމަށް ބުންޏެވެ.

"ބަޓަޗިކެންގެ ވާހަކަ އަކީ ސީރިއަސްކޮށް ބުނަންޏާ މަކަރެއް، ސަމާސާއެއް. ވިއްކަން ހުންނަ މަސާލާ ޕެކެޓް ބޭނުންކޮށްގެން ކޮންމެވެސް ވަރެއް ކުރެވިދާނެ. އެކަމަކު އޭރަކުން ނުވާނެ އަހަރެންގެ އަމިއްލަ ރެސިޕީއަކަށް ކެއްކި އެއްޗެއް ކަމަކަށް،" ރަންވީރު ބުންޏެވެ. "މިކަން މިގޮތަށް އޮތީމަ ދީޕިކާގެ އާއިލާ އަށް ބަޓަން ޗިކެން ތައްޔާރުކޮށް ދީފައި ކާން ދޭން ބުނި ވައުދު އަދި އޮތީ ނުފުއްދި."

އިންޑިއާގެ ލޮކްޑައުން އިއުލާންކުރުމާ އެކު ފިލްމީ ތަރިން މަސައްކަތްތައް ހުއްޓާލައި ގޭގައި ތިބެން ޖެހުމުން ފެނުނު އެންމެ ބޮޑު ހުނަރަކީ ކެއްކުމާ ގުޅޭ ކަންކަމެވެ. އެގޮތުން ދީޕިކާ އެކިއެކި އެއްޗެހި ކައްކާފައި ރަންވީރަށް ކާންދޭ ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ވަރަށް ގިނައިން ހިއްސާކޮށްފައިވެ އެވެ.

ރަންވީރު ބުނީ ދީޕިކާ އަކީ ކެއްކުމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި އޭނާ ކައްކާ އިރު އެހީވެދީ އުޅޭ ކަމަށެވެ.

"ހާއްސަކޮށް ބޭކިން އާއި ތައިފުޑް ތައްޔާރުކުރުމަކީ ދީޕިކާގެ ހާއްސަ ހުނަރެއް،" ރަންވީރު ބުންޏެވެ.

ލޮކްޑައުނާ އެކު ސިނަމާތައް ބަންދުކުރުމުން ރަންވީރާއި ދީޕިކާ އެކީގައި ފެންނަން އޮތް ފިލްމެއް މިހާރު އޮތީ އެޅުވޭނެ ގޮތެއް ތާށިވެފަ އެވެ. އެއީ "83" އެވެ.

މިއީ 2018 ގައި ކައިވެނިކުރި ފަހުން ދެމަފިރިން އެކީގައި ކުޅުނު ފުރަތަނަ ފިލްމެވެ.