Roadha Mihaaru
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ

ގާނޫނުއަސާސީ ބަދަލުކުރުމުގެ ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ

28 މެއި 2020

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލް ބަލައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ޕާޓީގެ ހަތަރު މެމްބަރަކު އެއާ ޚިލާފުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލް ބަލައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ޕާޓީގެ ހަތަރު މެމްބަރަކު އެއާ ޚިލާފުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި ބިލު ބަލައިގަންނަން ފެނޭތޯ ރޭ ވޯޓު ނެގި އިރު ޖަލްސާގައި ތިއްބަވައި، ވޯޓު ނުދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ގާނޫނުއަސާސީ ބަދަލުކުރުމުގެ ބިލަށް އެ ހަތަރު މެމްްބަރުން ވޯޓު ނުދެއްވައި ތިއްބެވި އިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ރޭ ފާސްކޮށްފައި ވަނީ އެ ބިލް ބަލައިގަނެ، އެއްވެސް އިތުރު ބަދަލެއް ނުގެނެސް އޮތް ގޮތަށް ފާސްކުރުމަށެވެެ. އެކަމަށް ތްރީލައިން ވިޕެއް ނެރުނެވެ.

ތްރީލައިން ވިޕާ ޚިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަކީ ކޮންމެ ޕާޓީއަކުން ވެސް ގެންގުޅޭ އުސޫލެކެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ވިޕަކީ ޕާޓީގެ އުސޫލުތަކާއި އަމާޒުތައް ހިފަހައްޓަން ނެރޭ އެއްޗެއް ކަމަށާއި ގާނޫނުއަސާސީ މި ހާލަތުގައި ބަދަލުކުރުމާއި ރައްޔިތުން އިިންތިހާބުކޮށްފައިވާ މަގާމެއް އެނޫން ގޮތަކުން ބަދަލު ކުރުމަކީ އެމްޑީޕީން އަަބަދުވެސް އެކަމާ ދެކޮޅު ކަންތައްތައް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ދެކެ ތިބި ހަމަ އެއް މިއީ އަބަދުވެސް އަޑު އުފުލަމުން އައި ކަމެއް މިއީ ރައްްޔިތުންގެ ވޯޓުން ހޮވާ ބައެއްގެ ދައުރު ވޯޓުން ނޫން ގޮތަކަށް އިތުރެއް ނުކުރެވޭނެ،" ވައްޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެނޫން ގޮތަކަށް ކަންތައް ކުރަން އުޅުނު ކޮންމެ ފަހަރަކު އެމްޑީޕީން މީގެ ކުރިން މުޒާހަރާ ކޮށްފައިވާނެ ކަމަށާއި އެ މުޒާހަރާތަކުގައި އޭނާ ވެސް ބައިވެރިވެފައި ވާނެ ކަމަށެވެ.

ވައްޑެ ވިދާޅުވި ގޮތުގައި، ޑިމޮކްރަޓިކް އުސޫލުން އެ ސަރަހައްދެއްގެ ކަންތައްތައް ހިންގާނެ ބަޔަކު އިންތިހާބު ކުރަނީ އެ ސަރަހައްދެއްގެ ރައްޔިތުންނެވެ. އެގޮތަށް އިންތިހާބުކޮށްފައިވާ ދައުރު އިތުރެއް ނުުކުރެވޭނެ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

"މިސާލަކަށް ހުޅުދުއްފާރު ކައުންސިލް ހިންގާނެ ބަޔަކު ހުޅުދުއްފާރު ރައްޔިތުން އިންތިހާބު ކުރީ ތިން އަހަރު ދުވަހަށް. ދެން އެ ތިން އަހަރު ހަމަވީމާ އެ ހަމަވީ. ދެން އިތުރެއް ނުކުރެވޭނެ،" އެނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ބަަދަލު ގެނެސް ކައުންސިލަރުންގެ ދައުރު ދަންމައިލަން ސަރުކާރުން ހުށަހެޅީ ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާ ހެދި އިންތިހާބު ނުބޭއްވިގެންނެވެ. މިދިޔަ މަހު ބާއްވަން އޮތް އެ އިންތިހާބު ނުބޭއްވި، މިހާރު ތިބި ކައުންސިލަރުންގެ ދަައުރު އަންނަ މަހުގެ 3 ވަނަ ދުވަހު ނިމޭނެ އެވެ.

ވައްޑޭ ވިދާޅުވީ އެކަމަށް ހޯދޭނެ ހައްލުތައް އެބަހުރި ކަމަށާއި ގުދުރަތީ ކަމަކާ ހެދި އިންތިހާބު ނުބޭއްވުމުން ކައުންސިލްތައް ވަގުތީ ގޮތުން ހިންގާނެ ބަޔަކު އައްޔަން ވެސް ކުރެވިދާނެ ކަމަށެވެ.

ގާނޫނުއަސާސީ އެގޮތަށް ބަދަލުކުރަން ދެކޮޅު ހައްދަވާ އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، އިޚުލާސްތެރި ނޫން ބަޔަކު ވެރިކަމުގައި ތިބޭ ހާލަތެއްގައި އިންތިހާބީ މަގާމުތަކުގެ ދައުރު ދަންމައިލަން ގެންގުޅޭ އުކުޅަކަށް އެކަން ހަދައިފާނެތީ އެވެ.

"އަޅުގަނޑު މި ދަންނަވަނީ މިހާރު އެހެން އެކަން ކުރަނީއެކޭ ނޫން. އެކަމަކު ހަމަ އައިސްދާނެ އިހުލާސްތެރި ނޫން ބަޔަކު. ދެން އެފަދަ ހާލަތެއްގައި ހަމަ މަގާމުތަކުގެ ދައުރު ދަންމައިލަން ވީމާ ކުރާ ކަމަކަށްް ހަދާފާނެ މި އުސޫލު،" އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބަދަލުކުރުމުގެ ބިލް ބަލައިގަންނަން ވޯޓް ނުދެއްވި ހަތަރު މެމްބަރުންގެ ތެރެއިން އިންތި މަޖިލީހުގެ އިއްޔެ ޖަލްސާގައި ވަނީ ވޯޓު ނުދެއްވާނެ ކަން އިއުލާނު ވެސް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ހާލަތު އޮތްތޯ ސުވާލު އުފެދިފައިވާ މި ވަގުތުގައި ވޯޓް ދެއްވާނީ އަމިއްލަ ނަފުސަށް އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވިފައިވާ ގޮތަށް ކަމަށެވެ.

"ގާނޫނުއަސާސީ އިސްލާހުކުރެވިދާނެތޯ މި ވަގުތުގައި މިއީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއްތޯ، ގާނޫނުއަސާސީގެ ރޫހާ އެއްގޮތް ކަމެއްތޯ، ޚިލާފުކަމެއް ކަމުގެ ސުވާލު އުފެދިފައިވާ ވަގުތެއްގައި އަޅުގަނޑުގެ ނަފުސަށް އަޅުގަނޑަށް ކޮންވިންސް ވެފައިވާ ގޮތަކަށް އަޅުގަނޑު އަމަލުކުރާނީ، އެއީ ޕާޓީއަކުން އަންގާ ގޮތަކަށެއް ނޫން. ސަރުކާރަކުން އަންގާ ގޮތަކަށެއް ނޫން،" އޭނާ ވިިދާޅުވި އެވެ.