Roadha Mihaaru
ދުވަސްވީ މީހުންނަށް ވެސް ހުއްދައާ އެކު ބޭރަށް ދެވޭނެ

ދުވަސްވީ މީހުންނަށް ވެސް ހުއްދައާ އެކު ބޭރަށް ދެވޭނެ: އެޗުޕީއޭ

28 މެއި 2020

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއަށް ހުކުރު ދުވަހުން ފެށިގެން ދޭން ފަށާ ލުއިތަކުގެ ތެރޭގައި ކުރިއަށް އޮތް ދެ ހަފްތާގައި އުމުރުން 60 އަހަރުން މަތީ މީހުންނަށް ވެސް ފުލުހުންގެ ހުއްދައާ އެކު ހެނދުނު ގެއިން ބޭރަށް ނުކުމެވޭނެ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއަށް ހުކުރު ދުވަހުން ފެށިގެން ދޭން ފަށާ ލުއިތަކުގެ ތެރޭގައި ކުރިއަށް އޮތް ދެ ހަފްތާގައި އުމުރުން 60 އަހަރުން މަތީ މީހުންނަށް ވެސް ފުލުހުންގެ ހުއްދައާ އެކު ހެނދުނު ގެއިން ބޭރަށް ނުކުމެވޭނެ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ކޮވިޑް-19 އަށް އޭޕްރީލް 15 ވަނަ ދުވަހު މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އިއުލާންކުރި ލޮކްޑައުން މާދަމާ ހަމަވާތީ، ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ލުއިތައް ދެނީ ދެ ހަފުތާ އަށެވެ.

އެގޮތުން މާދަމާއަށް ފަހު ކޮންމެ ގެއަކުން ވެސް ތިން މީހުންނަށް ހަފްތާއަކު ދެ ދުވަހު، ދެ ގަޑިއިރަށް ބޭރަށް ނުކުތުމުގެ ހުއްދަ ލިބެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު އުމުރުން 60 އަހަރުން މަތީ މީހުންނަށް ވެސް ފުލުހުންގެ ހުއްދައާ އެކު ބޭރަށް ނުކުމެވޭނެ ކަމަށެވެ.

ނަމަވެސް އެ އުމުރުގެ މީހުންނަށް އެގޮތަށް ބޭރަށް ނުކުމެވެނީ ހަފްތާއަކު ކިތައް ދުވަހު ކަމެއް ވިދާޅެއް ނުވެ އެވެ.

"ފަތިހު 5:00 އިން 8:00 އާ ދެމެދު އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޕާމިޓާ އެއްކޮށް ބޭރަށް ނުކުމެވޭނެ. މި ހާލަތުގައި ޕާމިޓް ދިނުމުގެ ބޭނުމަކީ އެއް ފަހަރާ މަގުމައްޗަށް ނުކުންނަ މީހުންގެ އަދަދު އަޅުގަނޑުމެން ހިފެހެއްޓުމެއްގެ ތެރޭގައި ބޭއްވުން." ޑރ. ނަޒްލާ

ޑރ. ނަޒުލާ ވިދާޅުވީ ފުލުހުންގެ އެ ހުއްދައާ އެކު ވެސް ބޭރަށް ނުކުމެ، އެހެން ގެތަކަށް ދިއުން މަނާވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންކަމުން އެ އުމުރުގެ މީހުންގެ ރައްކާތެރިކަށް ފިޔަވަޅުތައް އަޅަން، އެޗުޕީއޭ އިން ތަކުރާރުތައް ދަނީ އެދެމުންނެވެ.

ޑރ. ނަޒުލާ ވިދާޅުވި ގޮތުގައި ފުރަތަމަ ދެ ހަފްތާއަށް ފަހު، ކޮންމެ ގޭބިސީއަކުން ހަފްތާއަކު ފަސް މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ އެވެ. އަދި ފުރަތަމަ ދެ ހަފްތާއަށް ފަހު ކުޑަކުދިންނަށް ވެސް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރަށް ނުކުމެވޭ ގޮތަށް، އުސޫލުތަކުގައި ވަނީ ހިމަނައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބައްޔަށް ވެކްސިނެއް ނެތުމާ އެކު ރައްކާތެރިވާން އެންމެ މުހިންމު އެއް ކަމަކީ ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން އުޅުމެވެ.