Roadha Mihaaru
"މާލެ ސަރަހައްދު ލޮކްޑައުން ކުރަން އަދި ނިންމާފައެއް ނުވޭ"

މާލެ ސަރަހައްދު ލޮކްޑައުން ކުރަން އަދި ނިންމާފައެއް ނުވޭ: މަބްރޫކް

21 މެއި 2021

ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރަން އަދި ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރަން އަދި ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ހާލަތު ގޯސްވުމުގެ ސަބަބަބުން މި ހަފުތާގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން މަބްރޫކް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އެ ޓްވީޓުގައި އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެތައް ބަޔަކު މަރުވުމުން މާލެ ސަރަހައްދު ލޮކްޑައުންކުރަން އުޅޭ ކަމަށް މީގެ ކުރިން ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް އެތައް ސަތޭކަ ބަޔަކު ގޭގައި ބަންދުކުރުމުގެ ބަދަލުގައި ސަރުކާރުން ނިންމީ ފިޔަވަޅުތައް ހަރުކަށިކުރާށެވެ.

އޭގެ ފަހުން ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށި އެވެ. އަދި ހަވީރު 4:00 ން ފަތިހު 4:00 އަށް ކާފިއުގެ ވަގުތު އިތުރުކޮށް ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.

ކޮވިޑުގެ އެކްޓިވް ކޭސްތައް ވެސް 20،000 އިން މައްޗަށް އަރާފައިވާއިރު އެ ބަލީގައި މި މަހު އެކަނި ވެސް 47 މީހުން މަރުވެފައި ވެ އެވެ.