Roadha Mihaaru
މި މީހާ އަށް ފުރާނާ އަށް ވުރެ މުހިންމުވީ ފޯނެއް

މި މީހާ އަށް ފުރާނާ އަށް ވުރެ މުހިންމުވީ ފޯނެއް

30 މެއި 2020

އިންޑިއާގެ އަންހެނަކު އޭނާގެ ފިރިމީހާ ސްމާޓް ފޯނެއް ގަނެ ނުދީގެން އަމިއްލަ ގައިގައި ރޯކޮށްލުމުން މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އަންހެނަކު އޭނާގެ ފިރިމީހާ ސްމާޓް ފޯނެއް ގަނެ ނުދީގެން އަމިއްލަ ގައިގައި ރޯކޮށްލުމުން މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެނުން ފޯނެއް ގަނެސްދޭން އެދެމުން ދިޔަ ނަމަވެސް މި ދަނޑިވަޅުގައި ފޯނެއް ގަނެދޭން ދެކޮޅު ހަދާތީ އެކަމާ ހިތްހަމަނުޖެހި، ރުޅިގަދަވެގެން އަމިއްލަ ގައިގައި ރޯކޮށްލީ ނިއު ދިއްލީގެ 29 އަހަރުގެ އަންހެނެކެވެ.

އޭނާ ފޯނެއް ގަނެދޭން އެދެމުން ދިޔައީ ލޮކްޑައުންއާ ދިމާކޮށް ދެ ދަރިން ކިޔަވާ ސްކޫލުގެ ކުލާސްތައް އޮންލައިންކޮށް ނަގައިދޭތީ އެކަން ވެސް ސަބަބަކަށް ދެއްކުމަށް ފަހު ކަމަށްވެ އެވެ. އެކަމަކު ފިރިމީހާއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ލޮކްޑައުން ނިމުމުން ފޯނެއް ގަނެދޭނެ ވާހަކަ އަންހެނުން ގާތު ބުނެފައިވާނެ ކަމަށެވެ.

ދިއްލީގެ މައިދާން ގަރްހީގައި ދިރިއުޅޭ އަންހެން މީހާ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގައިގައި ރޯކޮށްލި ހާދިސާއާ ގުޅިގެން ފުލުހުންނަށް ވެސް ރިޕޯޓްކޮށް، އެ މީހުންގެ އެހީގައި ހޮސްޕިޓަލަކަށް ގެންދިޔަ އެވެ. އެކަމަކު ގެންދިޔަ އިރު ހަށިގަނޑުގެ 90 ޕަސަންޓް ފިހި، ޖިއޯތީ ނަމަކަށް ކިޔާ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފިރިމީހާ ފޯނެއް ގަނެ ނުދީގެން ޖިއޯތީ ފުރާނަ ދުއްވައިލި އިރު އެ ކައިވެންޏަށް ހަތް އަހަރެވެ.