Roadha Mihaaru
އިންނާނެ މީހަކު ހޯދަން އިޝްތިހާރުކުރީ ބިލްބޯޑްގައި

އިންނާނެ މީހަކު ހޯދަން ބިލްބޯޑެއްގައި އިޝްތިހާރު ޖަހައިފި

07 ޖެނުއަރީ 2022

ލަންޑަންގައި އުޅޭ މުސްލިމު ޒުވާނަކު އިންނާނެ މީހަކު ހޯދަން ބިލްބޯޑެއްގައި އިޝްތިހާރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލަންޑަންގައި އުޅޭ މުސްލިމު ޒުވާނަކު އިންނާނެ މީހަކު ހޯދަން ބިލްބޯޑެއްގައި އިޝްތިހާރުކޮށްފި އެވެ.

ބާމިންހަމްގައި ބަހައްޓާފައިވާ ބިޔަ ބިލްބޯޑެއްގައި މުހައްމަދު މާލިކް ކިޔާ 29 އަހަރުގެ މީހާ އިންނާނެ މީހަކު ހޯދަން ކުރި އިޝްތިހާރު ގެނެސްދީފައި އިނީ "ސޭވް މީ ފްރޮމް އޭން އެރޭންޖްޑް މެރިޖް" ޖަހައިފަ އެވެ. އަދިި އޭގެ ތިރީގައި އޭނަގެ ވެބްސައިޓް "ފައިންޑްމާލިކްއަވައިފް.ކޮމް" ޖަހަފައިވެ އެވެ. ވެބްސައިޓްގައިވާ ގޮތުން މާލިކް އަކީ އަމިއްލަ މަސައްކަތްކުރާ ވިޔަފާވެރިއެކެވެ. އަދި ބޭނުން ވަނީ ދީންވެރި އަންހެނެކެވެ.

ބިލްބޯޑެއްގައި އިޝްތިހާރުކޮށްގެން އިންނާނެ މީހަކު ހޯދަން އިޝްތިހާކުރީ އާއިލާ އިން ދައްކާ މީހަކާ ކައިވެނިކުރުމުގެ އުސޫލު، މުސްލިމު އާއިލާތަކުގެ ތެރޭގައި އާދަކާދައެއްގެ ގޮތުގައި އޮންނާތީ ކަމަށް މާލިކް ބުންޏެވެ.

އިންޑިއާ ދަރިކޮޅުގެ ޕަންޖާބީ އާއިލާއަކަށް ނިސްބަތްވާ މާލިކް ބުނި ގޮތުގައި ބިލްބޯޑުގައި އިޝްތިހާރުކޮށްގެން ބައިވެރިޔަކު ހޯދަން ނިންމީ މިހާތަނަށް އިންނަން ކަމުދާ ކަހަލަ މީހަކާ ދިމަވެފައި ވެސް ނުވާތީ އެވެ. އޭނާ ބޭނުން ވަނީ މުޅި އުމުރަށް އެކީގައި އުޅޭނެ ވަފާތެރި، އޯގާތެރި ދީންވެރި އުމުރުން 20 ގެ އަހަރުތަކުގެ އަންބެކެވެ.

މާލިކް ބުނީ އޭނާ އަކީ އާއިލާ އިން ދައްކާ މީހުންނާ ކައިވެނިކުރުމުގެ އުސޫލާ ދެކޮޅު މީހެއް ނޫން ކަމަށެވެ.

"އެކަމަކު އަހަރެން ބޭނުން ވަނީ އަމިއްލަ އަށް މީހަކު ހޯދައިގެން ކައިވެނިކުރަން،" އާއިލާގައި ހުރި ހަމައެކަނި ދަރިފުޅު ބުންޏެވެ. "އަދި މިއީ އެއްގޮތަކަށް ވެސް ޖޯކެއް ނޫން. މިއީ ހަމަ ވަރަށް ސީރިއަސް ކަމެއް."