Roadha Mihaaru
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި

"މަކަރު ހެދުމުން" ކައިލީގެ ނަން ފޯބްސްގެ މަހުޖަނުންގެ ލިސްޓުން އުނިކޮށްފި

30 މެއި 2020

އަމިއްލަ މަސައްކަތުން ހޯދި އާމްދަނީއާ އެކު، އެންމެ ޒުވާން ބިލިއަނަރުގެ މަގާމު މިދިޔަ އަހަރު ލިބުނު އެމެރިކާގެ ސެލެބްރިޓީ ކައިލީ ޖެނާގެ ނަން ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން އުނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ މަސައްކަތުން ހޯދި އާމްދަނީއާ އެކު، އެންމެ ޒުވާން ބިލިއަނަރުގެ މަގާމު މިދިޔަ އަހަރު ލިބުނު އެމެރިކާގެ ސެލެބްރިޓީ ކައިލީ ޖެނާގެ ނަން ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން އުނިކޮށްފި އެވެ.

ފޯބްސް އިން ބުނިގޮތިގައި މި އަހަރުގެ އޮގަސްޓް މަހުގެ 10 ގައި 22 އަހަރު ފުރޭ ކައިލީގެ ނަން ލިސްޓުން އުނިކުރީ މިލްކިއްޔާތާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ދީފައިވާކަން އެނގުމާ ގުޅިގެންނެވެ. އެގޮތުން ކައިލީގެ މޭކަޕް ލައިން "ކައިލީ ކޮސްމެޓިކް" ލިބުނު އާމްދަނީގެ ގޮތުން ފޯބްސްއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި އޮޅުވައިލުންތަކެއް ހުރި ކަމަށާއި އެހެންވެ އޭނާގެ މިލްކިއްޔާތު އަގު ކަށަވަރުކުރެވެން ނެތުމުން ނަން އުނިކުރަން ޖެހުނީ ކަމަށް ބުންޏެވެ.

ކައިލީ އަށް ފޯބްސް އެންމެ ޒުވާން މަހުޖަނުގެ ޖާގަ ލިބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ މިއްކިއްޔާތު ބިލިއަން ޑޮލަރަށް އަރާ ކަމަށް ނިންމުމަށް ފަހު އެވެ. އަދި އޭރު އެ މަގާމު "ސެލްފްމޭޑް ބިލިއަނަރެއް" ގެ ގޮތުގައި ސިފަކޮށް، ފޯބްސްގެ ލިސްޓުން ޖާގަ ދިނުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

ފޯބްސްގެ ލިސްޓުން ނަން އުނިކުރުމާ ގުޅިގެން ޒުވާން ވިޔަފާރިވެރިޔާ ކުރި ޓްވީޓެއްގައި ބުނީ މިލްކިއްޔާތާ ބެހޭ ގޮތުން ދޮގު ހަދައިގެން އެއްވެސް ނަމެއް ހޯދަން މަސައްކަތްނުކުރާ ކަމަށެވެ. ފޯބްސް އަކީ އިތުބާރުކުރެވޭ ނޫހެއް ކަމަށް ބަލަމުން އައި ކަމަށާއި ވަކި ލަގަބެއް ހޯދަން އަމިއްލަ އަށް ކަމެއް ކޮށް އޮޅުވާލާފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ. އޭނާ ވަނީ ލިސްޓުން އުނިކުރިޔަސް ފަރުވާލެއް ނެތް ކަމުގެ މޭރުމުން ވާހަކަ ދައްކައިފަ އެވެ.

ކައިލީ އަކީ އެމެރިކާގެ މަޝްހޫރު ކާޑޭޝަން އާއިލާ އަށް ނިސްބަތްވާ މީހެކެވެ. އެންމެ ޒުވާން ބިލިއަނަރުންގެ ލިސްޓުން އޭނާގެ ނަން އުނިކުރި އިރު، އެއްބަނޑު ދައްތަ ކިމް ކާޑޭޝަންގެ ފިރިމީހާ އަދި ރެޕާ ކަންޔޭ ވެސްޓަށް ފޯބްސް އިން މިދިޔަ މަހު ވަނީ ބިލިއަރެއްގެ ދަރަޖަ ދީފަ އެވެ.