Roadha Mihaaru
އިދިކޮޅުން ބުނަނީ ގާނޫނު އަސާސީގެ އިސްލާހު ގޯސް ކަމަށް

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ގޮތް ގޯސް: އިދިކޮޅު

30 މެއި 2020

ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހުމުން ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލަ ހައްލުކުރަން ވަގުތު ލިބުނު ކަމަށާއި ނަމަވެސް އެކަން ނުކުރީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ފާޑުކިޔައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހުމުން ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލަ ހައްލުކުރަން ވަގުތު ލިބުނު ކަމަށާއި ނަމަވެސް އެކަން ނުކުރީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ފާޑުކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ނުސީދާކޮށް އެ ތުހުމަތު އެޅުވުމުގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ގޮތް ވެސް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔާ ހިލާފު ކަމަށް، ދެ ޕާޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ކައުންސިލް އިންތިހާބު ލަސްކުރަން ޖެހުމުގެ ސަބަބުން އުފެދޭ ދުސްތޫރީ މައްސަލައަށް ހައްލެއް ނުހޯދައި ލަސްކުރީ މަޖިލީހުގެ ރިޔާސަތުންނާއި އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

ކުރިން ހުށައެޅި އިސްލާހަށް އަސްލު ވީ ކިހިނެއް؟

ސަރުކާރުން ހުށައެޅި ބިލާ ބެހޭ ގޮތުން އެޕްރީލް 6 ގައި، ރައްޔިތުންގެ މަޖިލިހުގައި ހިޔާލުފާޅުކުރި އެވެ. އެ ޖަލްސާގައި ނަޝީދު ވަނީ ކުރިން ހީކޮށްފައި ނުވާ މައްސަލައެއް ނަންގަވައިފަ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރަން ދީފައި އޮންނަ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތްކުރެއްވުމެވެ.

ގާނޫނު އަސާސީގެ ހާއްސަ ވަކި ބާބެއްގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާންކުރައްވާ ހާލަތެކެވެ.

އޭރު ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ލީގަލް ޓީމުން އެމަނިކުފާނަށް ލަފާއެރުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްހާލު ކުރެވޭނެ ކަމަށެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވެސް އެގޮތަށް ވިދާޅުވި އެވެ.

އެކަމަކު އެޕްރީލް 6 ގައި ފެށި ބަހުސް އެޕްރީލް 8 ގައި ނިންމާލި ފަހުން، ސަރުކާރުގެ އެ އިސްލާހު ބާއްވާފައި ރިޔާސަތުން ކުރިއަށް ގެންދިޔައީ ގާނޫނަކުން މައްސަލަ ހައްލުކުރުމުގެ މަސައްކަތެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް، ގިނަ މެމްބަރުންގެ މެދުގައި ގަބޫލުކުރެވޭތީ، މަޖިލިހުން ދެން ނިންމީ ސުޕްރީމް ކޯޓުގެ ލަފަޔަކަށެވެ. އެ ކޯޓުން އިއްޔެ ލަފާދިނީ، ގާނޫނު އަސާސީގައި ބުނާ ކަމެއް، ގާނޫނަކުން ބަދަލުނުކުރެވޭނެ ކަމަށާއި އަދި މިއީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން ހުށައަޅާފައި އޮތީ، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމުގެ މައްސަލައަށް ހައްލެއް ލިބޭނެ މާއްދާއަކަށް ނޫން ކަމަށް ވެސް، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ލަފާގައި ބުނެފައިވެ އެވެ. އަދި އިސްލާހު ގެންނަ ނަމަ ގެންނަން ޖެހޭނީ 231 ވަނަ މާއްދާއަށް ކަމަށް ސުޕްރީމް ކޯޓުން ލަފާދިނެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ކުރިން ހުށައެޅި ބިލަށް އެ މާއްދާގެ އިސްލާހު ހިމަނައިގެން މުޅި މަޖިލިސް ހިމެނޭ ކޮމިޓިއަކުން ރޭ ވަނީ ފާސްކޮށްފަ އެވެ. ދެން އޮތީ މަޖިލިހުގެ ޖަލްސާގައި ވޯޓަށް އެހުމެވެ.

އިދިކޮޅުން މި ބުނަނީ ކީކޭ؟

ރައްޔިތުންގެ މަޖިލިހުގައި މާ ބޮޑު ބާރެއް ނެތް އިދިކޮޅު ދެ ޕާޓީގެ ބަޔާނުގައި، މަޖިލިހުގެ ރިޔާސަތުން ވަގުތު ބޭކާރުކުރުމުގެ ތުހުމަތުގެ އިތުރުން ނެގި މައްސަލަކީ، ސަރުކާރުން ކުރިން ހުށައެޅި ބިލްގައި 231 ވަނަ މާއްދާއަށް އިސްލާހު ހުށައެޅުމެވެ. ދެ ޕާޓީން ބުނީ އެއީ ސުޕްރީމް ކޯޓުގެ ލަފަޔާ ހިލާފު ކަމެއް ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ ކުރިން ހުށަހެޅި ބިލު ބަދަލުކޮށްގެން، ސުޕްރީމް ކޯޓުގެ ލަފާގައި އޮތް ހައްލު ހޯދަން މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެ ހައްލު ހޯދަން ހުށަހަޅަން ޖެހޭނީ މުޅިން އާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 93 ވަނަ މާއްދާ އާއި 94 ވަނަ މާއްދާއާ ހަވާލާދީ އެ ބަޔާނުގައި ބުންޏެވެ.

"...ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައިގައި ވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި އެކަން ހައްލުކުރެވޭނީ ގާނޫނު އަސާސީގެ އެހެން މާއްދާއެއް އިސްލާހުކޮށްގެން ކަން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވެ އެވެ،" އިދިކޮޅުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ލަފަޔާ މެދު މަޝްވަރާކުރަން ރޭ މުޅި މަޖިލިސް ކޮމިޓީއަށް ގޮސްގެން ކުރި މަޝްވަރާގައި ބައެއް މެމްބަރުން އެކަން ފާހަގަކުރެއްވި އެވެ. އެގޮތުން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ކައުންސިލަރުންގެ ދައުރު ދަންމާލަން ސަރުކާރުން ހުށަހެޅި ބިލުގައި ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ އިސްލާހު ނެތް ކަމަށެވެ. އެހެންކަމުން ހުށަހަޅާފައި ނުވާ ކަމަކަށް އިސްލާހު ވެސް ހުށަނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު މި އޮތް ގޮތުން މި ބިލު މިތަނުން ބާތިލުވުމަށް ފަހު އާ ބިލެއް ހުށަހަޅައިގެން، ހާއްސަކޮށް އެމްޑީޕީ މެމްބަރުން ތިޔަ ބޭނުންފުޅުވާ ގޮތަށް އާ ބިލެއް ހުށަހަޅަައިގެން ކުރިއަށް ގެންދެވޭނެ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.

އޭނާއަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގައި ހިމެނޭ މާއްދާތަކެއް އުނިކޮށް އާ މާއްދާތަކެއް ހިމަނަން މަޖިލީހުގެ ގަވައިދު ތަން ދޭ ކަމަށެވެ.

"އަޅުގަނޑު މިކަން މިގެންދަނީ އިނގޭތޯ ހަމަ ތިނޯހެއްގެ ފަގައިން ގެންދާ މިސާލުގައި. އިރާދަކުރެއްވިއްޔާ މިއަކު ގޯހެއް ހިނގައިގެނެއް ނުދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މިއަދު ޖަލްސާއެއް ބާއްވަން ކުރި މަސައްކަތް ނާކާމިޔާބުވުމުން މިހާރު ހަމަޖައްސާފައި ވަނީ އަންނަ ހޯމަދުވަހުގެ ރޭ ދަންވަރު ޖަލްސާއެއް ބާއްވައި، އެ އިސްލާހަށް ވޯޓަށް އަހާށެވެ. އެގޮތަށް ނިންމަން ޖެހުނީ، ގާނޫނު އަސާސީއަށް ހުށައަޅާ އިސްލާހެއް ކޮމިޓީން ފާސްވުމަށް ފަހު ތަޅުމުގައި ވޯޓަށް އަހަން ތިން ދުވަސް ބޭނުންވާތީ އެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވެން އޮތީ، މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން، މެޖޯރިޓީ ލީޑަރާއި މައިނޮރަޓީ ލީޑަރު އެއްބަސްވެގެންނެވެ. އެކަމަކު މައިނޮރިޓީ ލީޑަރު، ޕީޕީއެމްގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެގޮތަށް އެއްބަސްވެވަޑައެއް ނުގަތެވެ.

ކައުންސިލްގެ ދައުރު ޖޫން 3 ގައި ހަމަވާނެ އެވެ. ސަރުކާރުން ބޭނުންވި މުހިންމު އިސްލާހު ގެނެވެން މިހާރު އޮތީ، ޖޫން 2 ވާ އަންގާރަ ދުވަހު އެވެ. އެއީ ހޯމަދުވަހުގެ ރޭގެ ދަންވަރު 12 ގެ ފަހުންނެވެ.