Roadha Mihaaru

މާރާމާރީ ހިންގިކަމަށް ބުނެ އިދިކޮޅު މެމްބަރުން ޕޮލިހަށް

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ ހޫނުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރުނު ވަގުތު އެމްޑީޕީގެ މެެމްބަރުން އޭނާ އަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މާރާމާރީ ހިންގި ކަމަށް ބުނެ އިދިކޮޅުން ޕޮލިހަށް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

02 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ ހޫނުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރުނު ވަގުތު އެމްޑީޕީގެ މެެމްބަރުން އޭނާ އަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމާ އެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުން މިހާރު ތިއްބެވީ އޭނާއާ އެކު ވަޑައިގެން ޕޮލިސް ހެޑްކުއާޓަރުގަ އެވެ.

ޝިޔާމާ އެކު ހުންނެވި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޝިޔާމަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް އެބަހުރި ކަމަށާއި އެ މައްސަލަ އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށާއި އދ. އަށް ވެސް ހުށަހަޅުއްވާނެ ކަަމަށެވެ.

މިރޭގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން

"އަޅުގަނޑުމެން ގަބޫލުކުރަނީ މިރޭ ހިންގީ ހަމަ މާރާމާރީއެއް ކަމަށް. މަޖިލީހުގެ ރައީސް ވެސް ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އެމްޑީޕީގެ މެމްބަރުންނަށް އިރުޝާދު ދެއްވަމުން ގެންދެވީ. އެ އަޑުތަކާއި މަންޒަރު ފެންނަ ވީޑިއޯ އަޅުގަނޑުމެންގެ އަތުގައި އެބަހުރި. މި މައްސަލަ އަޅުގަނޑުމެން ހުށަހަޅާނަން އިންޓަޕާލަމެންޓްރީ ޔޫނިއަން އަށް ވެސް އދ. އަށް ވެސް،" އާދަމް ޝަރީފް ވިދާޅުވި އެވެެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަވަން ތިއްބަވާ ސިފައިންގެ އަދަދު ފަހަކަށް އައިސް މަދުވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށާއި ސާޖަންޓް އެޓް އާމް ވެސް މިރޭ އަމަލުކުރެއްވީ ރަނގަޅަކަށް ނޫން ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި މިރޭ އެޑްމިޓް ކޮށްފައި.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި މިރޭ އެޑްމިޓް ކޮށްފައި.

ޝިޔާމް މަޖިލީހުން ނެރުނު އިރު މާރާމާރީ ހިންގި ކަމަށް އިދިކޮޅުން ބުނާ އިރު، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އަށް ޝިޔާމް ހަމަލާ ދެއްވި ކަމަށް އެމްޑީޕީގެ މެމްބަރުން ވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އެގޮތުންް އަހުމަދު އީސާގެ ފައިގެ ކަކުލާ ހިސާބުން ކޮންމެވެސް ވަަރަކަށް ޒަހަމްވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.

ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވޭގތް ނުވުުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް މިރޭ ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވުމުންނެވެ. ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލުގެ މަސައްކަތް ލަސްވީ މަޖިލީހުގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބުމުން ކަމަށާއި އެ ދެ ޕާޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮޮށް ކަމަށް ވިދާޅުވެ، ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިރޭ މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިރޭ މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި.

ނަން އިއްވެވުމުން ވެސް ތަޅުމުން ނުކުމެވަޑައިނުގެން، ޝިޔާމް ހުންނެވުމުން މަޖިލިސް ހޫނުވެ، އެމްޑީޕީގެ މެމްބަރުންނާއި ޝިޔާމާ ދެމެދު ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރި އެވެ. އަދި ޝިޔާމް މަޖިލީހުން ނެރެން އުޅުމުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ހިނގި ތަން ޖަލްސާގެ މަންޒަރުތަކުން ފެނެ އެވެ.

މަޖިލީހުގެ ލައިވް ފީޑުން ފެންނަ މަންޒަރުތަކުން ކަންހިނގި ގޮތް އެހާ ރަނގަޅަށް ސާފު ނުވި ނަމަވެސް ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރެއްވިކަން އެނގެ އެވެ.

އެ ވަގުތު މަޖިލީހުގެ މެމްބަރުން ވަރަށް ގައިކޯޅިކޮށް އުޅުއްވި އިރު، ކޮވިޑް-19 ފެތުރޭ މިހާލަތުގައި މަޖިލީހުގެ ޖަލްސާ ބާއްވަން އެޗްޕީއޭއާ އެކު މަޖިލީހުން އެކުލަވާލާފައިވާ އުސޫލުގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެ އުސޫލުގައިވާ ގޮތުން ތަޅުމުގައި މެމްބަރުން ތިއްބަވަން ޖެހޭނީ ވަކި ދުރުމިނެއްގަ އެވެ.

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުގެ ބިލު މިރޭގެ ޖަލްސާއިން ފާސްކުރި އެވެ.