Roadha Mihaaru
އެންޑްރޮއިޑް ގެންގުޅޭ މީހުން މި ފޮޓޯ އަށް ސަމާލުވާތި!

އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުން މި ފޮޓޯ އަށް ސަމާލުވާތި!

03 ޖޫން 2020

ގޫގުލްގެ އޯއެސް އެންޑްރޮއިޑް ސަޕޯޓްކުރާ ފޯނުގެ ވޯލްޕޭޕަރެއްގެ ގޮތުގައި ބޭނުންކުރެވޭ ފޮޓޯއަކުން ވެސް ފޯނަށް މައްސަލަ ޖެހިދާނެކަން ހާމަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޫގުލްގެ އޯއެސް އެންޑްރޮއިޑް ސަޕޯޓްކުރާ ފޯނުގެ ވޯލްޕޭޕަރެއްގެ ގޮތުގައި ބޭނުންކުރެވޭ ފޮޓޯއަކުން ވެސް ފޯނަށް މައްސަލަ ޖެހިދާނެކަން ހާމަވެއްޖެ އެވެ.

މިކަން އެންމެ ފުރަތަމަ ހިއްސާކޮށްފައި ވަނީ އައިސް ޔުނިވާސްގެ ނަމުގައި ޓްވިޓާ އެކައުންޓެއް ގެންގުޅޭ މީހެކެވެ. އިރު އޮއްސެމުންދާ ވަގުތެއްގެ ގުދުރަތީ ރީތި މަންޒަރެއް ފެންނަ ފޮޓޯ ހިއްސާކުރަމުން އޭނާ ވަނީ އެ ފޮޓޯ ވޯލްޕޭޕަރަކަށް ސެޓްކޮށްފި ނަމަ ފޯނު ހަލާކުވެދާނެ ކަމަށާއި އެ ފޮޓޯ އެއްވެސް މީހަކު ފޮނުވައި ނަމަ ނުހުޅުވުން ރައްކާތެރި ކަމަށް ބުނެފަ އެވެ.

އޭނާ ބުނިގޮތުގައި މި މައްސަލަ އެންމެ ބޮޑަށް ދިމާވުމުގެ ފުރުސަތު ބޮޑީ ސެމްސަންގާއި ގޫގުލް ޕިކްސެލްގެ ފޯނުތަކަށެވެ.

މިއާ އެކު 9ޓު5ގޫގުލް އާއި އެންޑްރޮއިޑް އޮތޯރޮޓީން ވަނީ އައިސް ޔުނިވާސް އިން ސަމާލުކަމަށް ގެނައި ފޮޓޯ ފޯނުގެ ވޯލްޕޭޕަރަކަށް ލައިފި ނަމަ ދިމާވާ މައްސަލަ އިތުރަށް ވީޑިއޯއަކުން ތަފުސީލުކޮށްދީފަ އެވެ. އޭގައި ފެންނަނީ ވޯލްޕޭޕަރަކަށް ފޮޓޯ ސެޓްކުރުމާ އެކު ފޯނު ނިވިފައި ޖެއްސޭ ތަނެވެ.

9ޓު5ގޫގުލް އިން ބުނި ގޮތުގައި މިގޮތަށް ދިމާވެއްޖެ ނަމަ އެންމެ ރައްކާތެރި އެއްގޮތަކީ ވަގުތުން ފޯނު ރިސްޓާޓްކޮށްލައި، ސޭފް މޯޑަށް ގޮސް އެ ފޮޓޯ ޑިލީޓްކޮށްލުމެވެ. ނޫން ނަމަ ފޯނު ބޭނުން ނުކުރެވޭ ވަރަށް މައްސަލަޖެހިދާނެ އެވެ.

މިކަމާ ބެހޭ ގޮތުން، 9ޓު5ގޫގުލްގައި ހިއްސާވާ ޑައިލަން ރޫޒެލް ބުނި ގޮތުގައި އެ ފޮޓޯ ވޯލްޕޭޕަރަކަށް ހެދުމުން ފޯނަށް މައްސަލަ ޖެހެނީ އެންޑްރޮއިޑްގެ ހުރި ބަގެއްގެ ސަބަބުން ފޮޓޯގެ ކުލަތައް ފޯނުގެ ސެޓިންތަކަށް ފިޓްނުވާތީ އެވެ.

އޭނާ ބުނިގޮތުގައި އެ ފޮޓޯގައި ބޭނުންކޮށްފައި ވަނީ އާރްޖީބީ ކަލަ ކޯޑަށްވެފައި އެންޑްރޮއިޑްގެ ފޯނުތަކަކީ އެސްއާރްޖީބީ ކަލަ ކޯޑެވެ. އެހެންވެ މައްސަލަ ދިމާވަނީ އެވެ. އަދި މި ފޮޓޯގެ ސަބަބުން ގޫގުލް ޕިކްސެލްގެ ހުރިހާ މޮޑަލަކަށް މައްސަލަ ދިމާނުވާކަމަށާއި މައްސަލަ ދިމާވަނީ އެންޑްރޮއިޑް 10 ގައި ކަމަށް ވެސް ޑައިލަން ބުންޏެވެ.

އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހެނީ މި ފޮޓޯ އެއްވެސް ގޮތަކަށް ލިބިއްޖެ ނަމަ އަޅާނުލައި ދޫކޮށްލުމެވެ. ފަހަރުގައި ހަމަ ރައްޓެސަކަށް ފޮޓޯ ރީތިވެގެން، ވޯލްޕޭޕަރަކަށް ލާން ފޮނުވައި ވެސް ފާނެ އެވެ.