Roadha Mihaaru
ކުޑަހުސެންގެ ޝަކުވާއަކީ މެސެޖެއް، ރުޅިނައިސް ވިސްނަމާ!

ކުޑަހުސެންގެ ޝަކުވާއަކީ މެސެޖެއް، ރުޅިނައިސް ވިސްނަމާ!

04 ޖޫން 2020

ހުސެއިން ހަލީމް (ކުޑަހުސެއިން) އޭނާގެ ފޭސްބުކްގައި ޝަކުވާކޮށްފި އެވެ. ފިރިހެން ދަރިފުޅުގެ ސިއްހީ މައްސަލައަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުން ލަސްވުމުން، ގުނަވަނެއް (އެއީ ކޮން ގުނަވަނެއްކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ.) ނަގަން ޖެހުނު މައްސަލަ އެވެ. އެއްވެސް ޝައްކެއް ނެތި އޭނާ ގަބޫލުކުރަނީ އެއީ ފަރުވާ ކުޑަކަމުގެ މިސާލެއްގެ ގޮތުގަ އެވެ. އެހެންކަމުން ހިތާމަ އާއި ހިތްދަތިކަން ލިބުނު ބައްޕައެއްގެ ހައިސިއްޔަތުން ހުސެއިންގެ އިހުސާސްތައް އާންމުކޮށްލި އެވެ. އެއީ ޝަކުވާ އެވެ. އެއީ އޭނާ ގަބޫލުކުރާ ގޮތުގައި ފަރުވާކުޑަވެގެން ނުވާނެ ކަމެއްގައި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުން ދަރިފުޅަށް، އަދި މުޅި އާއިލާއަށް ލިބުނު ހަނދާނުން ފޮހެނުލެވޭނެ އަނިޔާއަކުން، އުފެދުނު ޝަކުވާތަކެކެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ހުސެއިން ހަލީމް (ކުޑަހުސެއިން) އޭނާގެ ފޭސްބުކްގައި ޝަކުވާކޮށްފި އެވެ. ފިރިހެން ދަރިފުޅުގެ ސިއްހީ މައްސަލައަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުން ލަސްވުމުން، ގުނަވަނެއް (އެއީ ކޮން ގުނަވަނެއްކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ.) ނަގަން ޖެހުނު މައްސަލަ އެވެ. އެއްވެސް ޝައްކެއް ނެތި އޭނާ ގަބޫލުކުރަނީ އެއީ ފަރުވާ ކުޑަކަމުގެ މިސާލެއްގެ ގޮތުގަ އެވެ. އެހެންކަމުން ހިތާމަ އާއި ހިތްދަތިކަން ލިބުނު ބައްޕައެއްގެ ހައިސިއްޔަތުން ހުސެއިންގެ އިހުސާސްތައް އާންމުކޮށްލި އެވެ. އެއީ ޝަކުވާ އެވެ. އެއީ އޭނާ ގަބޫލުކުރާ ގޮތުގައި ފަރުވާކުޑަވެގެން ނުވާނެ ކަމެއްގައި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުން ދަރިފުޅަށް، އަދި މުޅި އާއިލާއަށް ލިބުނު ހަނދާނުން ފޮހެނުލެވޭނެ އަނިޔާއަކުން، އުފެދުނު ޝަކުވާތަކެކެވެ.

ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުގެ އާންމު ހާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކުޑަހުސެއިންގެ ދަރިފުޅަށް ދިމާވި މައްސަލާގައި، އޭނާގެ އެފްބީ ޕޯސްޓުން އެނގެނީ، ތަދު ބޮޑުވެގެން މޭ 27 ވަނަ ދުވަހުގެ 9:30 ގައި އައިޖީއެމްއެޗަށް ދަރިފުޅު ގެންދިޔަ ކަމެވެ. ނަމަވެސް ދިމާވެގެން އުޅެނީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ދެކި، ބޭސް ދީފައި ފޮނުވާލި ޑޮކްޓަރަކީ، ހެސެން ގަބޫލުކުރާ ގޮތުގައި، އެންމެ ފަރުވާކުޑަކުރި އެކެކެވެ. ގެއަށް ދިއުމުގެ ކުރިން ވެސް، އެއްވެސް މައްސަލައެއް ނެތްތޯ ކަށަވަރުކުރަން ދިވެހި ޑޮކްޓަރާ ތަކުރާރުކޮށް ސުވާލުކުރި ކަމަށް، އޭނާ ލިއުނެވެ.

ބެލެވޭ ގޮތުގައި ކުއްޖާއަށް އަސްލު ބޮޑުވަރުވީ އެ ފޮނުވާލި ފޮނުވާލުމާ ގުޅިގެންނެވެ.

ދެން އައީ ކޮވިޑް-19 އާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކުން، އެފަދަ ސީރިއަސް ކަމެއްގައި ދިމާވެދާނެ މައްސަލަތަކެވެ. ތަދު ކެނޑިގެން ނުދިއުމާއި ތަދުވާ ހިސާބުން އެހެން އަލާމާތްތަކެއް ފެނުމުން މޭ 29 ވަނަ ދުވަހުގެ ދަންވަރު އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އޭރު ޑިއުޓީގައި ހުރި ޑޮކްޓަރު ބޭނުންވީ ސްކޭން ހަދާށެވެ. އެކަމަކު ކޮވިޑް-19 ގެ ޓެސްޓް ނަތީޖާ ލިބުމުގެ ކުރިން ސްކޭން ހެދޭކަށް ނެތެވެ. އެ ސްކޭން ހެދުނީ ދެ ދުވަސް ފަހުން، މޭ 31 ގަ އެވެ. އޭރު ދަރިފުޅުގެ އެ ގުނަވަނަށް އޮތީ ފަރުވާ ނުލިބި ހަލާކުވެފަ އެވެ.

ބަލިމީހާއަށާއި އޭނާގެ އާއިލާއަށް ކުރިމަތިވާ މިފަދަ ހިތްދަތި ދަނޑިވަޅުގައި ކަން ކުރާނެ ގޮތް އެނގޭނީ އެ ބަޔަކަށެވެ. އެއްޗެކޭ ނުބުނެ މަޑުން ތިބޭނީ ހެއްޔެވެ؟ ހޮސްޕިޓަލް ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާ ދިމާއަށް ހަޅޭއްފަޅޭއްލަވާފައި ނިންމާލާނީ ހެއްޔެވެ؟ ނުވަތަ އާންމުކޮށް އެ ހުރިހާ ކަމެއް ހާމަކޮށްލާނީ ހެއްޔެވެ؟

މި ސުވާލުތަކަށް އައިޖީއެމްއެޗާއި ޑޮކްޓަރުން ޖަވާބު ދޭކަށް ނުޖެހެ އެވެ. އެއީ އެ މީހެއްގެ މިޒާޖާއި އެ މީހަކު އެ މައްސަލައަކާ މެދު ދެކޭ ގޮތުގެ މައްޗަށް ބިނާވާ ކަމެކެވެ. ކުޑަހުސެން ނުދަންނަ މީހަކު ވިއްޔާ "ކަންތައްތައް ބޮޑުކޮށްލަނިއްޔޭ ބުނެފާނެ" އެވެ. އެކަމަކު ކުޑަހުސެން ދަންނަ މީހުންނަށް އޭނާގެ މިޒާޖު އެނގޭނެ އެވެ: ފާޑުކިޔަން ޖެހޭ ކަންކަމުގައި ފާޑުކިއުމެވެ. ކަމެއްގައި އެއްޗެއް ބުނަން ފެނިއްޖެ ނަމަ، އެހެން މީހަކު ކޮންމެ އެއްޗެކޭ ހިތަށްއެރިޔަސް، ބުނުމެވެ. ދިމާވާ ކަންކަމުގައި ހިތްވަރުއެލުވާނުލުމެވެ. ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމެވެ.

އައިޖިއެމްއެޗުން ބަޔަކު ޚިދުމަތް ހޯދަނީ: ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޖީއެމްޗުން ޚިދުމަތް ހޯދުމުގައި ބޮޑު ބަދަލެއް ވަނީ ގެނެސްފައި.---ފޮޓޯ: މިހާރު

އައިޖިއެމްއެޗުން ބަޔަކު ޚިދުމަތް ހޯދަނީ: ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޖީއެމްޗުން ޚިދުމަތް ހޯދުމުގައި ބޮޑު ބަދަލެއް ވަނީ ގެނެސްފައި.---ފޮޓޯ: މިހާރު

ކުޑަހުސެންގެ ޝަކުވާ ފޭސްބުކްގައި އޮއްސާލީ އެހެންވެގެންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، އެންމެ ފުރަތަމަ ދަރިފުޅު ބެލި ޑޮކްޓަރު، އޭނާއަށް ވުރެ ސީނިއަ ޑޮކްޓަރަކަށް ރިފަކުރަން ޖެހޭނެ އެވެ. އެގޮތަށް އެކަން ކުރި ނަމަ، ދަރިފުޅުގެ އެ ގުނަވަން ސަލާމަތްކުރުމުގެ ފުރުސަތު އޮތީސް ކަމަށް، އޭނާ ދެކެ އެވެ.

ހޮސްޕިޓަލެއްގެ މައްސަލަ، ޑޮކްޓަރެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ލިއުމަކީ، އެއް ބައެއްގެ ނަޒަރުގައި ވަރަށް "ބޮޑު ކުށެކެ"ވެ. އެކަން ހުރިހާ ޑޮކްޓަރުން އަމިއްލައަށް "އެއްބަސްވެގެން އުޅޭ އެއްބަސްވުމުން" ވެސް އެނގެ އެވެ. މިސާލަކަށް ހޮސްޕިޓަލެއްގައި ސީދާ ޑޮކްޓަރުގެ ފަރުވާކުޑަކަމުން ދިމާވާ ސިއްހީ މައްސަލައަކާ ބެހޭ ގޮތުން، އެހެން ޑޮކްޓަރަކާ ސުވާލުކޮށްފި ނަމަ، އެއްވެސް ޖަވާބެއް ނުދެ އެވެ. ނޫސްވެރިން އުޅެނީ މައުލޫމާތު ދޭ ޑޮކްޓަރުގެ ނަން ހާމަކުރާކަށެއް ނޫނެވެ. އަސްލު ބޭނުމަކީ ދިމާވެގެން އުޅޭ މައްސަލައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ހުރެދާނެ ތެދާއި ދޮގު، ދެނެގަނެވޭތޯ ބެލުމެވެ. އާންމުންނާ ހަމައަށް މީޑިއާއަކުން ކަމެއް ގެންނަ އިރު، އެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން މައުލޫމާތުކޮޅެއް ހޯދުމެވެ.

މީގެ ދެތިން އަހަރު ކުރިން ރަށެއްގައި ދިމާވި ހާދިސާއެކެވެ. ފުޓްބޯޅަ ކުޅެން އުޅެނިކޮށް ފަޔަށް ތަދުވެގެން ސިއްހީ މަރުކަޒަށް ދެއްކުމުން، ޕްލާސްޓަރު އެޅީ އެވެ. ދެތިން ދުވަސް ފަހުން، ފައިގެ ބައެއް އޮތީ "ކުނިވެފަ" އެވެ. ނޫސްވެރިޔަކު އެހެން ޑޮކްޓަރެއް ކައިރީގައި އެހެން ދިމާވެދާނެ ސަބަބުތައް އޮޅުންފިލުވަން ސުވާލުކުރުމުން ބުނި ކަމަށް ވަނީ "އެހެން ޑޮކްޓަރުންނަށް ހެދޭ މިސްޓޭކްތައް ކިޔައިދީ ނޫޅެން" ކަމަށެވެ.

މިއީ ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ މެދުގައި އޮންނަ ލިއެފައި ނެތް އެކަމަކު އެ އެންމެން ވަރަށް ރަނގަޅަށް ދަމަހައްޓަމުން އަންނަ "އެއްބަސްވުމެކެ"ވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދޭ މީހުންގެ ފަރާތުން އަބަދުވެސް މައްސަލަ ދިމާވެ އެވެ. އިންސާނުންނަށް ވާތީ ކުރިމަތިވާ ފަރުވާކުޑަކުރުމާއި ބޭނުންވާ ޓެސްޓްތައް ނުހެދި، ލަފައެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކާއި ބިޒީވެގެން އެ އަންނަ ވަރުބަލިކަމުގައި ހެދި ދާނެ ގޯސްތަކެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މެ އެވެ. އެކަމަކު ހިތާމަވެރި ހާދިސާއާ ކުރިމަތިވާ މީހާ އާއި އާއިލާ އެ އުޒުރުތަކެއް ގަބޫލެއް ނުކުރާނެ އެވެ. އެހެންކަމުން ޝަކުވާ އާންމުކުރުމާއި ނުކުރުމަކީ، އެ ބައެއްގެ މިޒާޖާ ގުޅިފައި އޮންނަ ކަމެކެވެ.

ކުޑަހުސެއިން އޭނާގެ ފޭސްބުކްގައި ދެ ޕޯސްޓެއް އާންމުކުރި އެވެ. ފުރަތަމަ ޕޯސްޓް ޖޫން 1 ގައި އޭނާ ލިއުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރަތްކުރައްވަ އެވެ. ދެ ވަނަ ޕޯސްޓް ޖޫން 2 ގައި ޖެހީ، ފުރަތަމަ ޕޯސްޓާ ގުޅިގެން އައިޖީއެމްއެޗާއި ބައެއް ޑޮކްޓަރުންގެ ނުރުހުން އޭނާއަށް އަމާޒުވުމުން ކަމަށް ފެނެ އެވެ. އިނގިރޭސިން ލިއުނު ޕޯސްޓް ފަށަމުން އޭނާ ބުންޏެވެ: "ހުކުމަކީ: މީގައި ގޯސް މިވީ އަހަރެމެންނެވެ (ހުރިހާ ގޯހެއް ހެދުނީ ވެސް އަހަރެމެންނަށެވެ). އައިޖީއެމްއެޗު ކަހަލަ ތަނަކާ ދެކޮޅަށް އިންސާފު ހޯދަން އަހަންނަށް ހަނގުރާމަކުރެވޭނީ ކިހިނެއް ހެއްޔެވެ؟"

މިގޮތަށް އޭނާ ލިއުނީ، ދަރިފުޅު ހޮސްޕިޓަލްގައި ނުބާއްވާ ގެއަށް ގެންދިއުމަކީ އޭނާ ހެދި ގޯހެއް ކަމަށް، ސްކޭން ޑޮކްޓަރު ބުނުމުން ކަމަށްވެ އެވެ. އެކަމަކު ހުސެއިން ލިއުނު ގޮތުގައި، ސްކޭން ހެދެން އޮތީ ހަތް ގަޑިރު ފަހުން ކަމަށް ވުމުން، އޭރު ބެލި ޑޮކްޓަރު ދެ ގޮތަކަށް ލަފާދިނެވެ. އެއް ގޮތަކީ އެމަޖެންސީ ރޫމްގައި ހައެއް ނުވަތަ ހަތް ގަޑިއިރު އޮތުމެވެ. އަނެއް ގޮތަކީ ގެއަށް ގޮސް، ހަމަޖެހިލައިގެން ނިދާލާފައި އައުމެވެ. ހޮސްޕިޓަލްގައި އޮތަސް ކޮވިޑް-19ގެ ނަތީޖާ ނުލިބެނީސް ސްކޭން ހެދޭނެ ގޮތެއް ވެސް ނެތް ކަމަށް، އޭނާ ބުންޏެވެ.

ސްކޭން ހެދުނީ ވެސް އަދި އޮޕަރޭޝަން ކުރީ ވެސް މާޗު 31 ގަ އެވެ. އެހެންކަމުން 27 ވަނަ ދުވަހު ދިމާވި ކަމެއްގައި ފުރަތަމަ ބެލި ޑޮކްޓަރަށް އަސްލު މައްސަލަ ދެނެގަނެވޭ ގޮތް ނުވުމާއި ކޮވިޑް-19އާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އެތެރޭގެ އުސޫލުތައް، ބައެއް ކަހަލަ ހާލަތްތަކާ ނުބައްދަލު އުނދަގޫ ކަމަކަށް ވުން ފަދަ ސަބަބުތަކުން، ކުޑަހުސޭންގެ ދަރިފުޅަށް ދިމާވި ހިތްދަތިކަން ބޮޑެވެ.

މި މައްސަލައިގެ ހުރިހާ ކޮޅެއް އާންމުންނަށް ރަނގަޅަށް އެނގޭނީ ތަހުގީގުކޮށް ރިޕޯޓެއް ނެރެފި ނަމަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތުގައި ހަރަކާތްތެރިވާ އެހެން މީހުންގެ މަސައްކަތްތަކުގެ އަގު ވަޒަންނުކުރަނީކީ ނޫނެވެ. އެއީ ހިދުމަތްތެރިންނެވެ. ކޮވިޑް-19 ގެ މި ހާލަތުގައި އެ ފެންނަނީ އެ ހަގީގަތެވެ. ގިނަ މީހުން ހިތްހެޔޮވެފައި، އަޅާލުން ވެސް ބޮޑެވެ. ބަލިމީހުންގެ ހިދުމަތުގައި އެހާ ގިނަ ވަގުތު ހޭދަ ވެސް ކުރެ އެވެ. މޮޅެތި ޑޮކްޓަރުން ވެސް މަދެއް ނޫނެވެ. އެކަމަކު ފަރުވާކުޑަވެގެން ހިނގާ ބޮޑެތި ކަންކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު އާންމު މީހާއަށް އޮންނަން ޖެހޭނެ އެވެ. އެހެންކަމުން އެމީހާ އެކަމާ ފާޑުކިއުމުން، އެއީ މުޅި ނިޒާމް ގޯސްކުރުން ކަމަށް ބެލުން، މާޒީއަށް ދޫކޮށްލަން އެބަ ޖެހެ އެވެ. ހޮސްޕިޓަލްތަކުގައި ހިނގާ މިފަދަ ހާދިސާތަކާ ގުޅޭ ތަހުގީގުތަކަކީ ސިއްހީ ދާއިރާގެ ބޮޑު ސިއްރެއް ކަމަށް ހެދުމުގެ ވިސްނުމާ ވެސް ދުރަށް ދާން އެބަ ޖެހެ އެވެ.

ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކުޑަހުސެން ކަހަލަ، ކަމެއް ދިމާވުމުން ސިއްރުނުކޮށް އާންމުންނާ ހަމައަށް ގެނެސްދޭނެ މީހުން، މަދުން ނަމަވެސް އުޅޭނެ ކަމެވެ. އެމީހުން ދެކެ ރުޅިއައުމުގެ ބަދަލުގައި، އަސްލު މައްސަލައަށް ރުޖޫއަވާށެވެ: އެއީ ބޮޑެތި ގޯސްތަކަށް ފިޔަވަޅު އެޅި، އަނިޔާ ކުރިމަތިވި މީހުންނަށް އިންސާފު ހޯދައިދިނުމެވެ.