Roadha Mihaaru
"ހާލު ސީރިއަސްވި ކުއްޖާއަށް އަދިވެސް ވާހަކަ ނުދެއްކޭ"

ހާލު ސީރިއަސްވި ކުޑަކުއްޖާއަށް އަދިވެސް ވާހަކަ ނުދެއްކޭ: ބައްޕަ

23 ޖެނުއަރީ 2018

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ހާލު ސީރިއަސްވި ކުޑަކުއްޖާ އަށް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ހާލު ސީރިއަސްވި ކުޑަކުއްޖާ އަށް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފި އެވެ.

ހަ އަހަރުގެ އައިޝަތު މިޝްޔާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައުމުންނެވެ. އަދި އެއީ އާދައިގެ ހުމެއް ކަމަށް ބަލައި ހަތަރު ދުވަސް ވާންދެން އެތަނުގައި ފަރުވާ ދިން ނަމަވެސް ހާލަތަށް ބަދަލެއް އައުމުން ފަހުން ސްރީލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.

އަދި މިހާރު އޭގެ ފަހުން މަހެއްވާން ގާތްވެފައިވާއިރު އަދިވެސް މިޝްޔާ އަށް ވާހަކަ ނުދެއްކޭ ކަމަށް އޭނާގެ ބައްޕަ ފުއާދު އަހުމަދު ބުންޏެވެ. ބޭރަށް ގެންދިޔައިރު އެ ކުއްޖާގެ ލޮލާއި އަނގަ ނުހުޅުވޭ ކަމަށާއި ތަނެއްގައި އިށީނދެ ވެސް ނީނދެވޭ ކަމަށް އޭނާ ބުންޏެވެ.

"މިކޮޅަށް ގެނެސް ފަރުވާދޭން ފެށިފަހުން މިހާރު ހާލު ކުރިއަށް ވުރެ ރަނގަޅު. ކޮޅަށް ނުހުރެވުނު ނަމަވެސް ދެ މިނިޓެއްހާއިރު އިށީނދެގެން އިނދެވޭ. އަނގަ ވެސް ހުޅުވިއްޖެ. އެކަމަކު އަދިވެސް ވާހަކައެއް ނުދެއްކޭ،" ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ދަރިފުޅުގެ ހާލާ ބެހޭގޮތުން ފުއާދު ބުންޏެވެ.

އޭނާ ކުރިން ބުނިގޮތުގައި ދަރިފުޅު ހުން އައިސްގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ދުލާއި ކަރުތެރެ ވަނީ ވަރަށް ބޮޑަށް ހުދުވެފަ އެވެ. އެކަމަކު އެއީ އާދައިގެ ހުމެއް ކަމަށް އައިޖީއެމްއެޗުން ނިންމައި، ގަދަކަމުން ނަމަވެސް އެ ކުއްޖާ އަށް ކާންދޭން އެންގި ކަމަށް އޭނާ ބުންޏެވެ.

ފުއާދު ބުނީ މިޝްޔާ އެ ހާލުގައި ހަތަރު ދުވަސް ވާންދެން އޮތް ކަމަށާއި އެކަމަކު ހަށިގަނޑުގެ ހަރަކާތް ކެނޑި ހާލު މާ ގޯސްވާން ފެށުމުން އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ޑޮކްޓަރުގެ ހުއްދަ އަށް އެދުނު ކަމަށެވެ. އެކަމަކު ކުޑަކުޑަ ކަމެއް ބޮޑު ކުރަނީ ކަމަށާއި ބޭރަށް ގެންދިޔުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ ޑޮކްޓަރު ރުޅިގަދަވެގެން އޭނާއާ ވާހަކަ ދެއްކި ކަމަށް އޭނާ ބުންޏެވެ.

"ނަވަލޯކާ ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރުންނަށް ދެއްކުމުން އެ މީހުން ބުނީ ދަރިފުޅުގެ ކަރުތެރެ ވަަރަށް ބޮޑަށް އިންފެކްޓްވެފައިވާ ކަމަށް. މި އިންފެކްޝަންގެ ސަބަބުން ސިކުނޑި އަށް އެކަށީގެންވާ ވަރަށް ލޭ ނުފޮނުވި ސިކުނޑިން ސިިގްނަލް ފޮނުވުން ހުއްޓިފައިވާ ކަމަށް ވެސް ބުނި،" ފުއާދު ބުންޏެވެ.

ދަރިފުޅަށް އިހުމާލުވި ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އައިޖީއެމްއެޗުން ވެސް މިހާރު އަންނަނީ މި ކަން ހިނގައިދިޔަގޮތް މިހާރު ތަހުގީގު ކުރަމުންނެވެ.