Roadha Mihaaru
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!

އެމްބިއުލާންސްގެ އިންތިޒާރުގައި ތިން ގަޑިއިރު، ދެން ހޭނެތުމަށް ފަހު މަރު!

02 ޖޫން 2021

ކޮވިޑް ބަލީގައި މާލޭގައި ރޭގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު މާ ބޮޑަށް ދެރަވެ، އެމްބިއުލާންސްގެ އިންތިޒާރުގައި ތިން ގަޑިއިރު ތިބެން ޖެހުނު ކަމަށާއި އެހެން ތިއްބާ އޭނާ ހޭނެތުނީ ކަމަށް އާއިލާ އިން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ބަލީގައި މާލޭގައި ރޭގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު މާ ބޮޑަށް ދެރަވެ، އެމްބިއުލާންސްގެ އިންތިޒާރުގައި ތިން ގަޑިއިރު ތިބެން ޖެހުނު ކަމަށާއި އެހެން ތިއްބާ އޭނާ ހޭނެތުނީ ކަމަށް އާއިލާ އިން ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވި މިޝްކާ ނިޔާވީ ކުއްލިއަކަށް މާ ބޮޑަށް ހާލު ދެރަވެ، ރޭ އައިޖީއެމްއެޗުގެ އައިއާރަށް ގެންދިޔަތާ އިރުކޮޅެއް ފަހުންނެވެ.

އެމްބިއުލާންސަށް ގުޅީ ރޭ ނުވައެއް ޖަހާކަން ހާއިރު ކަމަށާއި އެކަމަކު އެމްބިއުލާންސް ދިޔައީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން 11:40 ހާއިރު ކަމަށް އާއިލާގެ މީހަކު ކުރި ޓުވީޓެއްގައި ވެ އެވެ. އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ތަކުރާރުކޮށް ގުޅުމުން ވެސް، "އެމްބިއުލާންސް މިހާރު ހިނގައްޖެ" ކަމަށް ބުނި ކަމަށާއި އަދި ދިއުން ލަސްވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ.

"ކޮވިޑަށް ޕޮޒިޓިވްވެ މަންމަ އާއި ބައްޕާ އެކު [މިޝްކާ] ގޭގައި ކަރަންޓީނު ކޮށްފައި ހުރީ. ބަލިޖެހުނު ފަހުން ހުން އައި ނަމަވެސް މިކްޝާގެ ހާލު އިއްޔެއާ ހަމައަށް ރަނގަޅު،" އާއިލާގެ މީހަކު ޓުވިޓާގައި ލިޔެފައިވެ އެވެ.

"ނޭވާ ލާން އުނދަގޫވެ ރޭ ނޭފަތުން ލޭ ވެސް އައި."

ކުއްޖާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައި ކަމަށް އާއިލާ އިން ބުނެ އެވެ.

އެޗްޕީއޭއާ ސުވާލު ކުރުމުން އެ އިދާރާ އިން ބުނީ، މައްސަލަ ބަލަމުން އަންނަ ކަމަށާއި މި ވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އިމަޖެންސީގައި ގުޅި މީހަކު ބަލާ ދިއުމަށް އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ރިވިއު ކުރަމުން އަންނަ ކަމަށާއި މިކަން ހިނގި ގޮތް ބަލައި ތަކުރާރު ވިޔަ ނުދިމަށް ވަގުތުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.