Roadha Mihaaru
ކޮމަންވެލްތު މުހިއްމު، ރާއްޖެ ގުޅޭނެ ކަމަށް ހީކުރަން

ކޮމަންވެލްތު މުހިއްމު، ރާއްޖޭން ގުޅުން ބާއްވާނެ ކަމަށް ހީކުރަން: ޕާކިސްތާން

18 އޮކްޓޯބަރ 2016

ކޮމަންވެލްތާ އެކު ރާއްޖޭން އަދިވެސް ގުޅުން ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޕާކިސްތާނުގެ އިސް ވެރިއަކު ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިއްޔެ ދަންނަވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކޮމަންވެލްތާ އެކު ރާއްޖޭން އަދިވެސް ގުޅުން ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޕާކިސްތާނުގެ އިސް ވެރިއަކު ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިއްޔެ ދަންނަވައިފި އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައްބާނީ ވަނީ އިއްޔެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭން ނޫސްވެރިންނަށް ބެހި ލިއުމެއްގައި ބުނި ގޮތުގައި ކޮމަންވެލްތަކީ މުހިއްމު ޖަމާއަތެއް ކަމަށް ރަޒާ ރައީސް ޔާމީންގެ އަރިހުގައި ވިދާޅުވި އެވެ.

"އެކަމަކު، ރާއްޖެ އަކީ މިނިވަން ދައުލަތެއް ކަމަށް ވާތީ، ރާއްޖޭގެ ނިންމުމަށް އިހުތިރާމް ކުރަން،" ރަޒާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައީސް ޔާމީނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައީސް ޔާމީނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެކަމަކު، އެއިން އެއްވެސް ވާހަކައެއް ރައީސް އޮފީހުން ނެރުނު ބަޔާނަކު ނެތެވެ. އެ ބަޔާނުގައި ވަނީ ބޭރުގެ އިއްޒަތްތެރިންނާ އެކު ރައީސް އާއްމުކޮށް ބާއްވަވާ ބައްދަލުކުރެއްވުންތަކަށް ފަހު ނެރޭ ބަޔާންތަކުގައި ވެސް ހުންނަ ކަހަލަ، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެވެ.

ކޮމަންވެލްތުން ވަކިވާން ކެބިނެޓުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދިނުމާ އެކު، ރައީސް ވަނީ އެ ގޮތަށް އެކަން ނިންމަވާފަ އެވެ. އެ ގޮތަށް ނިންމެވީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ބޭ އިންސާފުން ފިޔަވަޅު އަޅަމުން ދާ ކަމަށް ބުނެ އެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރަން ރާއްޖޭން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ތިރީސް ހަތަރު އަހަރު މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު ކޮމަންވެލްތުން ވަކިވާން ނިންމީ، ޕާކިސްތާނު ވެސް ހިމެނޭ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި މިދިޔަ މަހުގެ 23 ގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމާ މެދު ވިސްނަން ނިންމާފައި ވަނީ މާޗް 2017 ގައި ބާއްވާ ސީމެގްގެ ބައްދަލުވުމުގަ އެވެ.

މިދިޔަ މަހާއި އޭގެ ކުރިން ބޭއްވި ސީމެގުގެ ބައްދަލުވުންތަކުގެ ކުރިން ރާއްޖޭން ވަނީ ޕާކިސްތާނަށް މަންދޫބުން ފޮނުވައި ރާއްޖެއާ އެެއްކޮޅަށް ސީމެގުގެ ނިންމުން އަނބުރާލަން މަސައްކަތްކޮށްފަ އެވެ. އޭގެ އިތުރުން ވެސް، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

ކޮމަންވެލްތާ އެކު ރާއްޖޭން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޕާކިސްތާނުން ބުނިއިރު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް ވެސް ވަނީ ރާއްޖޭން އެ ޖަމާއަތާ އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން، ކޮމަންވެލްތުން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީ ކުރިއަރުވަން ކަމަށާއި އޭގެ ބޭނުން ރާއްޖެ އަށް ހިފޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.