Roadha Mihaaru

ހައި ކޯޓުން އޮންލައިންކޮށް އަޑުއެހުން ބާއްވައި ހަސަން ސައީދުގެ ޖަލު ހުކުމް ބާތިލްކޮށްފި

ހައި ކޯޓުން ފުރަތަމަ ފަހަރަށް ލައިވްކޮށް ބޭއްވި ޝަރީއަތުގައި، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް މިއަދު ބާތިލްކޮށްފި އެވެ.

ހައި ކޯޓުން ހަސަން ސައީދުގެ ޖަލު ހުކުމް ބާތިލްކޮށްފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

07 ޖޫން 2020

ހައި ކޯޓުން ފުރަތަމަ ފަހަރަށް ލައިވްކޮށް ބޭއްވި ޝަރީއަތުގައި، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް މިއަދު ބާތިލްކޮށްފި އެވެ.

ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ހަސަން ސައީދުގެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން ފުލުހަށް ހާޒިރުނުވި ކަމަށް ބުނެ އެވެ. މިއަދު އެ ހުކުމް ބާތިލްކުރި އިރު، އެ ހުކުމް ތަންފީޒުކޮށް، ނިމި 2018 ވަނަ އަހަރު ވަނީ އޭނާ ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލަ ހަސަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމް އިއްވީ އިއްވީ ފުރަތަމަ ފަހަރަށް އެ ކޯޓުން އޮންލައިިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގަ އެވެ. އެ ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ހައި ކޯޓުން ލައިވްކޮށް ދެއްކި އެވެ.

ހުކުމުގައިވަނީ ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާކަން ފުލުހުން ނެރުނު ނޫސް ބަޔާނަކުން އިއުލާން ކުރިޔަސް، ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ތަހުގީގަށް މީހުން ހާޒިރުވާން އަންގާ އާންމު އުސޫލުގެ ތެރެއިން އެފަދަ އެންގުމެއް އޭނާ އަށް އެންގިކަން ވެސް އެނގެން ނެތް ކަމަށާއި އަދި އެންގުމެއް ނެތި އެ މައްސަލާގައި ހަސަންގެ މައްޗަށް ތަހުގީގު ހިންގައި، ދައުވާ އުފުލީ އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަން ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ޕްރޮސެކިއުޓާ ޖެނެރަލް މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ވެސް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށްކަން ދައުލަތަށް ސާފުކޮށްދެވިފައި ނުވޭ." ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

ހުކުމުގައިވާ ގޮތުން އެ ދައުވާ ހަސަންގެ މައްޗަށް ސާބިތު ކުރެވޭނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރިކަމާއި އެކަން އޭނާއަށް އެނގިފައިވާ ކަމާއި އެކަން އެނގިހުރެ ހާޒިރު ނުވި ކަމާއި އަދި ހާޒިރުނުވީ ހާޒިރުވުމުގެ ފުރުސަތު އޮވެކަން ދައުލަތުން ސާބިތުކޮށްދެވިގެންނެވެ. އެކަމަކު ދައުލަތުން ހެކިތަކުން އެކަންކަން ސާބިތު ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހަސަންއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ހެކިބަސް ސިއްރުން ނެގިއިރު، އެ މީހުންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތެއް އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޖިިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ހެއްކާ ބެހޭ ގާނޫނުގައި އެފަދަ އެއްވެސް ވާހަކައެއް ބަޔާން ނުކުރާ ކަން ވެސް އެ ހުކުމުގައި ފާހަގަކުރި އެވެ.

މީގެ އިތުރުން ހަސަން ސައީދުގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހެޅުއްވި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމީ ވެސް އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކުރުމެއް ނެތި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދިފާއީ ހެކިންގެ ބަސް އަޑުއެހުމެއް ނެތި އެ މީހުން ހާޒިރު ނުކުރަން ނިންމީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ހަސަންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސައްހަ ނޫން ކަމަށް އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އެއްބަސްވެވޭތީ އެ ހުކުމް ބާތިލް ކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔަޔަސް، ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުން ޝަރީއަތުގައި ބައިވެރިވީ ކޯޓުގައި ތިއްބަވައިގެންނެވެ. އެކަމަކު އެކި ބޭފުޅުން ތިއްބެވީ ކޯޓުގެ އެކި މާލަންތަކުގަ އެވެ.

ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާއެއްގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ހަސަންގެ މައްޗަށް ދައުލަތުން ކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ފަހުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ބަންދުގައި ހުންނަވަނިކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައި، ޖަލު ހުކުމްތައް އިއްވާފައި ތިބި އިދިކޮޅު ލީޑަރުން ދޫކޮށްލަން ކުރި އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެހެން ބައެއް ސިޔާސީ ބޭފުޅުންން ވެސް ހައްޔަރުކޮށް، ޖަލު ހުކުމްތައް އިއްވި އެވެ. އެކަމަކު އެ ހުކުމްތައް ފަހުން ބާތިލްކޮށް، އެ ބޭފުޅުން ވަނީ މިނިވަން ކޮށްފަ އެވެ.