Roadha Mihaaru
ލަންކާގައި ތިބި ދިވެހިން ބުދަ ދުވަހު ރާއްޖެ ގެންނަނީ

ލަންކާގައި ތިބި ދިވެހިން ބުދަ ދުވަހު ރާއްޖެ ގެންނަން ފަށަނީ

07 ޖޫން 2020

ކޮވިޑް-19ގެ ސަބަބުން ސްރީ ލަންކާގައި ރާއްޖެ ނާދެވި ތާށިވެފައިވާ ދިވެހިން ގެނައުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން ސްރީ ލަންކާގައި ރާއްޖެ ނާދެވި ތާށިވެފައިވާ ދިވެހިން ގެނައުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ލަންކާގައި ތިބި ދިވެހިން ގެނައުމުގެ ދަތުރު ހަމަޖައްސާފައިވަނީ ސްރީލަންކަން އެއާލައިން މެދުވެރިކޮށް ކަމަށެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު އޮތް ފްލައިޓުގައި އިސްކަން ދޭނީ ލަންކާ އަށް ބޭސްފަރުވާ އަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ޓޫރިސްޓުންގެ ގޮތުގައި ލަންކާ އަށް ގޮސް ނާދެވި ތިބި މީހުންގެ އިތުރުން ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި ރާއްޖެ އަށް އަނބުރާ ނާދެވި ތިބި މީހުންނާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ މީހުން، އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންނަށް ކަމަށެވެ. ފްލައިޓްގައި ޖާގަ އޮތް ވަރަކުން އިތުރު މީހުންނަށް ވެސް ޖާގަ ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފްލައިޓުގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި އެ ގައުމުގައި އަންނަން ބޭނުންވެފައި ތިބި އެންމެނަށް ފުރަތަމަ ފްލައިޓުގައި ރާއްޖެ ނާދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އަދިވެސް ލަންކާގެ ވެރިރަށް ކޮލަންބޯއިން އިތުރު ފްލައިޓުތައް ރާއްޖެ އަށް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ލަންކާގައި ވެސް ކާފިއު އިއުލާންކޮށް ގިނަ ދުވަސްތަކެއް ވީއިރު މިހާރު އެ ކާފިއުއަށް ވަނީ ކޮންމެސް ވަރެއްގެ ލުއިތަކެއް ދީފަ އެވެ.

މި ބަލީގެ ސަބަބުން ގިނަ ގައުމުތަކުގެ ބޯޑަރުތަކާއި ރާއްޖޭގެ ބޯޑަރު ވެސް ބަންދުކޮށްފައިވާތީ ރާއްޖެ ނާދެވި ގިނަ ދިވެހިންތަކެއް އެކި ގައުމުތަކުގައި ތާށިވެފައި އެބަތިއްބެވެ. އެ މީހުން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އެންމެ ފުރަތަމަ ވެސް ގެނެސްފައި ވަނީ ބަލި ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހިންނެވެ.

އޭގެ ފަހުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރަޖިސްޓްރީވުމަށް ހުޅުވާލާ ހުރިހާ އެންމެންގެ ވެސް ހާލު ބަލައި މައުލޫމާތުތައް އޮޅުން ފިލުވަމުން ގެންދެ އެވެ. އަދި ވީ މިންވަރަކުން ދިވެހިން ރާއްޖެ ގެންނަމުން ދެއެވެ. އެގޮތުން ޔޫކޭ، ފިލިޕިންސް، އިންޑިއާ އަދި ރަޝިއާ އާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ވެސް އެގައުމުތަކުގެ ސަރުކާރާއި ގުޅިގެން ގެނެސްފައި ވެއެވެ. މި ނޫނަސް އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނެސްފައި ވެއެވެ.

މިކަމުގައި އިސްކަން ދެނީ އެންމެ ހާލަތު ދެރަ ގައުމުތަކުގައި ހާލުގައި ތިބި ދިވެހިންނަށް ކަމަށް ވާއިރު އެކި ގައުމުތަކުގައި ބަލީގެ ހާލަތު އޮތް މިންވަރާ ހާލަތާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ނިންމާ ނިންމުމަށް ރިއާޔަތްކޮށް މީހުން ގެންނަ އުސޫލުތަކަށް ބަދަލުތައް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.