Roadha Mihaaru

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި މަސްދަޅު ހަދިޔާކުރަނީ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެތައް ބަޔަކު މަރުވެ، ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ލަންކާއަށް އެހީވާން 50،000 ޑޮލަރާއި މަސްދަޅު ދެނީ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެތައް ބަޔަކު މަރުވެ، ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް މި އެހީ ދިނުމަށް މި ނިންމީ، 'ޑިޓްވާ' ތޫފާން ގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި އުނދަގޫ ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ހަވާލާދީ އެ ބަޔާނުގައި ބުންޏެވެ.

"އަދި ރާއްޖެއިން އުއްމީދުކުރަނީ މި ފޯރުކޮށްދިން އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރަކަށް ލުއިކަމެއް ލިބޭނެ ކަމަށެވެ،" އެ ބަޔާނުގައި މިނިސްޓަރު ވިދާޅުވި އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް 34 މީހަކު އެ ހާދިސާގައި ވަނީ ގެއްލިފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅޭއިރު، ވިއްސާރައާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިގެން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިގޮތުން، ލަންކާގެ ނުވަރަ އެލިޔާގައި ތިބި ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން އުޅުނު ނަމަވެސް، މިހާރު އެ އާއިލާއާ ގުޅިފައިވާ ކަމަށާއި، އެ މީހުން ސަލާމަތުން ތިބި ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.

ލަންކާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ހައި ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ސާމާނުތައް ރައްކާތެރިކޮށް ބެހެއްޓުމާއި މޮބައިލް ފޯން ޗާޖްކޮށް، މުހިންމު ލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ވެސް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފަ އެވެ.