Roadha Mihaaru
ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތްހަދަނީ

ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހަދަނީ

06 އެޕްރީލް 2020

ރާއްޖޭގެ ފަސް ސަރަހައްދަކުން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ފަސް ސަރަހައްދަކުން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އަށް ޓެސްޓުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 5،000 ކިޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ކޮވިޑް-19 ފެތުރިއްޖެ ހާލަތެއްގައި އެންމެ ބޮޑަށް ބޭނުންވާނީ ޓެސްޓު ކުރަން ކަމަށެވެ. އެހެންވެ، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ، ރަށްރަށުގައި އެ ބައްޔަށް ޓެސްޓު ކުރެވޭނެ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮވިޑުން ސަލާމަތްވުމަށް އަދި ފަރުވާގެ ކަންކަން މި ކުރަނީ ވަރަށް ދުރާލައި ރާވައިގެން ވަރަށް ބޮޑަށް ގައުމުގެ ހާލަތު އިތުރު ވެގެންދާނެ މިންވަރަށް ބަލައިގެން. އަތޮޅު ތެރޭގައި ވެސް އެފަދަ ހާލަތުގައި، އައިސޮލޭޓް ކުރެވޭނެ ގޮތްތަކާއި މީހުން ކަރަންޓީން ކުރެވޭނެ ގޮތްތަކާއި އަދި މީހުންނަށް ފަރުވާދެވޭނެ ގޮތްތައް ހުންނާނެ. މުޅި ރާއްޖޭގައި އެ ފަރުވާ ހިނގާނީ ގުޅިފައިވާ ނިޒާމެއްގެ ތެރެއިން،" އަމީން

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓުކުރަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އެކަންޏެވެ. އެ ހޮސްޕިޓަލުން 24 ގަޑިއިރުގެ ތެރޭގައި 200 ޓެސްޓު ހެދުމުގެ ގާބިލްކަން ވަނީ ލިބިފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ފަރުވާގެ އިންތިޒާމްތައް ހަމަޖައްސަނީ މުޅި ރާއްޖެ އަށް ބަހާލައިގެންނެވެ. އޭގެ އެންމެ ބޮޑު ބުރައެއް ނަގަން ޖެހޭނީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރޭގެ ފަސް ސަރަހައްދެއްގައި އައިސީޔޫ އާއި ކްރިޓިކަލް ކެއާގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވީ، ހަމަޖައްސާފައިވާ ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

"އުތުރުގެ ސަރަހައްދާއި މެދު ރާއްޖެ އާއި ދެކުނުގެ ސަރަހައްދުގައި [ކޮވިޑް-19 އަށް] ޓެސްޓުކުރުމުގެ ގާބިލްކަން އަޅުގަނޑުމެން އިރާދަކުރެވިއްޔާ ގެންނާނަން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަ ސަރަހައްދުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގައި މިހާރު ވެސް ޖީން އެކްސްޕާޓް މެޝިން ހުންނާނެ އެވެ. ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ، އެ ޖީން އެކްސްޕާޓް މެޝިން އުފައްދާ ކުންފުންޏަށް، ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން ލިބޭ ކާޓްރިޖް އުފައްދަން ވަގުތީ ގޮތުން ހުއްދަ ދީފަ އެވެ.

"އުތުރުގެ ސަރަހައްދާއި މެދު ރާއްޖެ އާއި ދެކުނުގެ ސަރަހައްދުގައި [ކޮވިޑް-19 އަށް] ޓެސްޓުކުރުމުގެ ގާބިލްކަން އަޅުގަނޑުމެން އިރާދަކުރެވިއްޔާ ގެންނާނަން،" އަމީން

ރާއްޖޭގައި ޓީބީއަށް ޓެސްޓް ކުރަނީ ޖީންއެކްސްޕާޓް މެޝިނުންނެވެ.

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެހީގައި، އެ މެޝިންތައް ބޭނުންކޮށްގެން ޓެސްޓުތައް އިތުރުކުރާނެ ކަމަށެވެ.

"ކޮވިޑުން ސަލާމަތްވުމަށް އަދި ފަރުވާގެ ކަންކަން މި ކުރަނީ ވަރަށް ދުރާލައި ރާވައިގެން ވަރަށް ބޮޑަށް ގައުމުގެ ހާލަތު އިތުރު ވެގެންދާނެ މިންވަރަށް ބަލައިގެން. އަތޮޅު ތެރޭގައި ވެސް އެފަދަ ހާލަތުގައި އައިސޮލޭޓް ކުރެވޭނެ ގޮތްތަކާއި މީހުން ކަރަންޓީން ކުރެވޭނެ ގޮތްތަކާއި އަދި މީހުންނަށް ފަރުވާދެވޭނެ ގޮތްތައް ހުންނާނެ. މުޅި ރާއްޖޭގައި އެ ފަރުވާ ހިނގާނީ ގުޅިފައިވާ ނިޒާމެއްގެ ތެރެއިން،" އަމީން ވިދާޅުވި އެވެ.