Roadha Mihaaru
ހައުސިން މިނިސްޓަރު މަގާމުން ވަކިކޮށްދޭން އެދި ސިޓީއެއް

ހައުސިން މިނިސްޓަރު މަގާމުން ވަކިކޮށްދޭން އެދި ސިޓީއެއް

08 ޖޫން 2020

ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާގެ ގާބިލްކަމެއް ނެތް ކަމަށް ވިދާޅުވެ އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ އިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާގެ ގާބިލްކަމެއް ނެތް ކަމަށް ވިދާޅުވެ އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ އިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ، އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒު ފޮނުއްވި ސިޓީގައި ވިދާޅުވީ، ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ މުހިއްމު ވައުދަކަށް ވާއިރު 2018 ވަނަ އަހަރު މި ސަރުކާރަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ދިނީ ވެސް އެކަންކަމަށް ބެލުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމުގެ ވައުދުވި ކަމަށާއި ނަމަވެސް ވެރިކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް އަދި އެފަދަ ގޯތި ދޭނެ ޕްލޭނެއް ވެސް ހަދާފައިނުވާ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ވެސް ހައްގުވެރިންނަށް ހަވާލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކޮށް ބޯހިޔާވަހިކަމުގެ އުއްމީދުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ހޯދައިދިނުމަށް މިނިސްޓަރު ނުކުޅެދިފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަން ފެށި 7،000 ފްލެޓަށް 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލި އެވެ. އެ ކޮމެޓީން މިހާރު އަންނަނީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަމުންނެވެ.

"އާއްމުކޮށް މާލޭގެ ރައްޔިތުން އަދި ހާއްސަކޮށް މައްޗަންގޮޅި މެދު ދާއިރާގައި ކުރީގެ ސަރުކާރުތަކުން ފްލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައި ހުރި އެކިއެކި ލިޔުންތަކާއި މިނިސްޓްރީއަށް ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް އެކަށީގެންވާ ޖަވާބެއް ރައްޔިތުންނަށް ދިނުމަށް ބޯހިޔާވަހިކަމާ ބެހޭ ވުޒާރާ ނުކުޅެދިފައި،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރުގެ ސިޓީގައި ވެ އެވެ.

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި އާތިފާ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އާއްމުކޮށް މާލޭގެ ރައްޔިތުން އަދި ހާއްސަކޮށް މައްޗަންގޮޅި މެދު ދާއިރާގައި ކުރީގެ ސަރުކާރުތަކުން ފްލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައި ހުރި އެކިއެކި ލިޔުންތަކާއި މިނިސްޓްރީއަށް ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް އެކަށީގެންވާ ޖަވާބެއް ރައްޔިތުންނަށް ދިނުމަށް ބޯހިޔާވަހިކަމާ ބެހޭ ވުޒާރާ ނުކުޅެދިފައި،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރުގެ ސިޓީގައިވެ އެވެ.

އޭނާ ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އިސްނަގައިގެން އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރި މަސައްކަތްތަކުގައި ވެސް މިނިސްޓަރު ދެއްވާފައިވާ ތާރީހުތައް ފަހަނައަޅާ ގޮސްފައިވާކަމަށް ވިދާޅުވެފަ އެވެ.

"މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުން އެދިވަޑައިގަންނަވަނީ، މިހާރު މިނިސްޓާ އޮފް ހައުސިންނާ ހަވާލުވެ އޮނަރަބަލް ހުންނެވި އާތިފާ ޝުކޫރަކީ، ރައިސުލްޖުމްހޫރިއްޔާ އެ ވުޒާރާއާ ހަވާލުކުރައްވާ މަސްއޫލިއްުޔަތު އަދާކުރެއްވުމުގެ ގާބިލްކަން ހުރި ބޭފުޅެއް ނޫންކަން މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އަލީގައި ޔަގީންވާތީ އެކަމަނާ މަގާމުން ވަކިކޮށްދެއްވާ ގާބިލް މިނިސްޓަރަކު އެ ވުޒާރާއަށް އައްޔަންކޮށްދެއްވުން އެދި ރައިސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވައި ދެއްވުމަށް ޕާޓީގެ ރިޔާސަތުގައި އެދުމަށެވެ،" ސިޓީގައި ވެ އެވެ.

ގައުމީ ތަރައްގިއާ ތަރިކައިގެ ކޮމެޓީގައި އާތިފާ ވިދާޅުވި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޮންލައިންކޮށް ބޭއްވި ކޮމެޓީގައި ވާހަކަދައްކަވަމުން އާތިފާ އެންމެ ފުރަތަމަ ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފަހުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މިނިސްޓަރަށް އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ބުނެފަ އެވެ.