Roadha Mihaaru

ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ސީދާ ރައްޔިތުންނަށް: ނަޝީދު

ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ނާޒިމް ހަސަން
ނާޒިމް ހަސަން

19 ފެބުރުއަރީ 2025

ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު އުފެދިފައިވާ ގާނޫނީ ބަހުސްގެ ތެރެއަށް ވަންނަވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ލަފާ ކުރައްވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"...ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިން ބޭރުވެފަ އެވެ. އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެ، އަދި ކޯޓުގައި އޮތް މައްސަލައަށް ތަދައްހުލުވުމަށް ފަހު، އެ ޕާޓީން މައްސަލައިން ބޭރުވީ ކުއްލިއަކަށެވެ.

އެ ޕާޓީގެ އާ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.

ނަމަވެސް އެ ޕާޓީގެ ބައެއް މެންބަރުން "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި އެއީ މުޅި ޕާޓީގެ ވިސްނުމެއް ނޫނެވެ. އަދި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހަސަން ލަތީފް ހުންނެވިއިރު ނިންމަވާފައި އޮތީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެ ޕާޓީން ވަނުމަށް ކަމަށާއި އެ ނިންމުން އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ގާނޫނުއަސާސީގެ ބައެއް ބާތިލް ކުރުމުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ އޮފީހުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ބައެއް ބާތިލް ކުރަން ކޯޓަށް މައްސަލައެއް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީގެ މާއްދާގެ ސަބަބުން މީހަކަށް އަސަރެއް ކޮށްގެން އެމީހަކަށް ކޯޓަށް މައްސަލަ ހިފައިގެން އާދެވިދާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.

ކޯޓުތަކަށް އޮތް ބާރަކީ ގާނޫނުއަސާސީ މާނަކޮށްދިނުން ކަން ފާތިމަތު ހަލީމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވަނީ ޝަރީއަތުގެ މަޖިލީހުގައި ދެކޮޅު ހަދައިފަ އެވެ. މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.

މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިވަގުތު އެ މައްސަލަ ކުރިއަށް ގެންދިއުމަށްފަހު، އެ މައްސަލާގެ ހުކުމް އިއްވާއިރު އެކަމާ މެދު ގޮތެއް ނިންމުމަށެވެ.