Roadha Mihaaru
މިނިސްޓަރަކަށް ފާރިސްގެ ނަންދޭން ނުނިންމާ: އެމްއާރުއެމް

ހައުސިން މިނިސްޓަރަކަށް ފާރިސްގެ ނަން ހުށަހަޅާކަށް ނުނިންމާ: އެމްއާރުއެމް

11 ޖޫން 2020

ހައުސިން މިނިސްޓަރުގެ މަގާމަށް ހަމަޖައްސަން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށް ދައްކާ ވާހަކަތައް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިރޭ ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައުސިން މިނިސްޓަރުގެ މަގާމަށް ހަމަޖައްސަން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށް ދައްކާ ވާހަކަތައް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިރޭ ދޮގުކޮށްފި އެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ވެރިކަމުގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ވަނީ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު، ދެން އެ މަގާމަށް ވަޑައިގަންނަވާނީ މައުމޫންގެ ދަރިކަލުން ފާރިސް ކަމަށް ސޯޝަލްމީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

އެކަމަކު އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މި ވާހަކަ ދޮގު ކުރައްވަ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި ވަޒީރެއްގެ އިސްތިއުފާއާ ގުޅިގެން އެ މަގާމަށް ޕާޓީން ހުށަހަޅާނެ ނަމަކާ މެދު މިހާތަނަށް މަޝްވަރާ ނުކުރާ ކަމަށެވެ. ފާރިސް ހައުސިން މިނިސްޓަރަކަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ފެތުރި ވާހަކައިގައި ވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީން އެކަމާ [ނަމެއް ހުށަހެޅުމާ] މެދު ނިންމުމެއް މިހާތަނަށް ނިންމައިފައެއް ނެތް،" އަލީމް ވިދާޅުވި އެވެ.

މި ވެރިކަން ގެނައުމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު އިސްކޮށް މަސައްކަތް ކުރެއްވި ފާރިސް މިހާރު ހުންނެވީ ސަރުކާރުގެ އެއްވެސް މަގާމެއްގައެއް ނޫނެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރެއްވި އެވެ. އެކަމަކު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަ ކުރެއްވި މުހައްމަދު ރަޝީދެވެ.

ހައުސިން މިނިސްޓަރުގެ މަގާމު ހުސްވެފައި އޮތް އިރު ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތުން ކެބިނެޓް ބަހާލިއިރު، އެ ސްލޮޓް ލިބުނީ އެމްއާރުއެމް އަށެވެ. ސަރުކާރުގައި އެމްއާރުއެމް ހިއްސާވާ ގޮތަށް އޮތީ 20 ޕަސެންޓެވެ. އާތިފާ ހިމެނިވަޑައިގަންނަވާ ގޮތުން މައުމޫންގެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު ވަޒީރަކު ކެބިނެޓުގައި ތިއްބަވަ އެވެ.

އެހެންކަމުން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ މަގާމަށް ދެން ވަޑައިގަންނަވާނީ، ކުރިއެކާ ވެސް އެއްގޮތަށް އެމްއާރުއެމް އިން ރައީސަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ބޭފުޅެއް ކަމަށް ވުން އެކަށީގެންވެ އެވެ.

އެކަމަކު، މި ފަހުން، އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް ހަމަޖެއްސެވީ އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެއް ނޫނެވެ.

ޖެންޑަ މިނިސްޓަރަކަށް ހަމަޖެއްސެވި އައިޝަތު މުހައްމަދު ދީދީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައެއް ނުގަންނަވަ އެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި އިރު މަގާމުން ވަކިކޮށްދޭން އެދި އެމްޑީޕީގެ އިސް މެމްބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ހުށަހަޅައިފަ އެވެ.

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ގިނަ މަޝްރޫއުތަކެއް ހިންގި ޒިންމާ ބޮޑު ތަނެކެވެ. އެކަމަކު މި ވެރިކަން ފެށުމާ އެކު ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ބަހާލައި ގިނަ މަސައްކަތްތައް ހަވާލުކުރީ ޕްލޭނިން މިނިސްޓްރީއާ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ޕްލޭނިން މިނިސްޓްރީ ހަވާލުކުރިއިރު، ހައުސިންގެ މަސައްކަތްތައް ބަހާލި ގޮތުން ދެ މިނިސްޓްރީ ހިންގުމުގައި ފުށުއެރުންތަކެއް ވެސް ހުއްޓެވެ. ހައުސިން މިނިސްޓްރީގެ ޒިންމާގެ ގޮތުގައި ބޭއްވީ ކުރިއެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މަސައްކަތެވެ. އޭގެތެރޭގައި އަތޮޅުތަކުގެ ތެރެއިން ވެސް ސަރަހައްދީ ތަރައްގީގައި ހިމެނޭ ތަނެއް ނަމަ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައި އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އެކަމަކު ފަހުން އަނެއްކާވެސް ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން އާ ކުންފުންޏެއް އުފައްދައިފަ އެވެ. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފައްދައި އެތަނުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ މަސައްކަތްތައް އެ ކުންފުނީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.