Roadha Mihaaru
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ

ޗައިނާ އަށް ދައްކަންޖެހޭ ދަރަނި ސަސްޕެންޑުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ

08 ޖޫން 2020

ޗައިނާ އަށް ދައްކަންޖެހޭ ދަރަނި ސަސްޕެންޑުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާ އަށް ދައްކަންޖެހޭ ދަރަނި ސަސްޕެންޑުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލޮޖޮންގާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އެހީވާން ޖީ20 އިން ފަށާފައިވާ، ލޯނުތައް ސަސްޕެންޑުކުރުމުގެ މަސައްކަތުގައި ޗައިނާ އިން، ލުއި ދޭ 77 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޗައިނާ ސަފީރު ވިދާޅުވި ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ޗައިނާ އިން ދެމުން އަންނަ އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ލޯނުތައް ދެއްކުން ސަސްޕެންޑްކުރުމާ ބެހޭ ގޮތުން އަދި ތަފްސީލްތައް ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން ރާއްޖެ އަށް ލޯނު ނަގާފައި ވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސިނަމާލެ ބްރިޖާއި ހިޔާ މަޝްރޫއަށް ވެސް ލޯނު ނަގާފައި ވެ އެވެ. ނަމަވެސް ދަރަނީގެ ގޮތުގައި ސަރުކާރުން ހަމައެކަނި ޗައިނާއަށް މިވަގުތު ދައްކަމުން އަންނަ އަދަދެއް އަދި ސާފެއް ނުވެ އެވެ.

ދައުލަތުގެ ދަރަނި 2018 ވަނަ އަހަރާ ހަމަޔަށް ވަނީ 47.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނެވެ. ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުގެ މިންވަރު 27.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ރާއްޖޭގެ ބޭންކުތަކުންނާއި ކުންފުނިތަކުން ސަރުކާރަށް ނަގާފައިވާ ލޯނުގެ އަދަދު އުޅެނީ 20.1 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނު އިރު ލޯނާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާ އިން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ކަމަށެވެ.

މަދުން ތަރައްގީވެފައިވާ ގައުމުތަކަށް، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަން ދިނުމަށް ޖީ20 އިން ވަނީ "ޖީ20 އެކްޝަން ޕްލޭން" ގެ ދަށުން ލޯނުތައް ސަސްޕެންޑުކުރުމުގެ އިނީޝިއޭޓު ފަށާފައިވާކަން އޭޕްރިލް 15، 2020 ގައި އިއުލާނުކޮށްފަ އެވެ. އެކަމަށް އދ. އިން ކަނޑައަޅާފައިވާ އެންމެ މަދުން ތަރައްގީވެފައިވާ ގައުމުތަކަށް އެދެވޭނެ އެވެ.