Roadha Mihaaru
ރައީސާއި ނައިބުގެ މުސާރަ ކުޑަކުރި މައްސަލަ ބަލައިގެންފި

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް ނިންމައިފި

09 ޖޫން 2020

ކޮޮވިޑް-19 އާ ގުޅިގެން ރައީސާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮޮވިޑް-19 އާ ގުޅިގެން ރައީސާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ.

ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ ވެރިިންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މިދިޔަ މަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މަޖިލީހުން އެ ބަދަލު ގެނައީ ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅާފައިވާ ގާނޫނު އިސްލާހު ކުރުމެއް ނެތި އެވެ.

އެހެންވެ، މަޖިލީހުގެ އެ ނިންމުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ރައީސާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ވެސް ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ ނިންމުން ވެސް ބާތިލް ކުރަން އެ މައްސަލާގައި އެދިވަޑައިގެނއފައި ވެއެވެ. ސަބަބަކީ މިނިވަން މުއައްސަސާތަކާ ބެހޭ ބައެއް ގާނޫނުތަކުގައި އެ މަގާމެއްގެ ދައުރު ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެ ކަމަށް ބުނެފައިވާތީ އެވެ.

އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދީފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމުގައިވެ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންނެވެ. ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެއްގަ އެވެ. އެކަމަކު ދެން ހުރި މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންނެވެ.

ރައީސާއި ނައިބު ރަައީސްގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު އެއް ލައްކަ ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. އެ ގާނޫނު އިސްލާހު ކުރުމެއް ނެތި، ކޮވިޑް-19 އާ ގުޅިގެން މަޖިލީހުން ނިންމީ ރައީސްގެ މުސާރަ 65،000ރ. އަށް ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ކުޑަ ކުރުމަށެވެ.