Roadha Mihaaru
ރައީސްގެ މުސާރަ ކުޑަކުރި މައްސަލައިގެ އަޑުއެހުން ފަށަނީ

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު

11 އޮކްޓޯބަރ 2020

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ފަނޑިޔާރުންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖޫން މަހު ފާސްކުރި އެވެ. އެކަމަކު، ރައީސާއި ނައިބު ރައީސްގެ މުސާރަ އަކީ އެ ކަމަށް ޚާއްސަ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކެއް ކަމަށް ވާއިރު، އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން އޮތީ ވިދާޅުވެފަ އެވެ. އެކަން ބާތިލްކުރުމަށް މިދިޔަ ޖޫން 1 ގައި އެންމެ މަތީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އެ މައްސަލައިގައި ވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގައިި އެކަނި ކަމަށާއި އެހެންވެ، އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް މައްސަލައިގައި ވެ އެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ބަޔާންކުރުމުން އެއީ ބަރީއަވުމެއް ނެތް އިލްތިޒާމެއް ކަމަށް ބަލަންޖެހޭ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެ މަގާމުގެ މުސާރަތައް ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ހަލީމް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އެކަންކަން ފާހަގަކޮށް އޭނާ އެދިވަޑައިގަތީ ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ. އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

ކުޑަކުރި މި މުސާރަތައް އޯގަސްޓް މަހު ވަނީ ކުރިން އޮތް ގޮތަށް އިއާދަކޮށްފަ އެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. އަދި ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. އެކަމަކު އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުން ނިންމީ ތިން މަހަށް ރައީސްގެ މުސާރަ 65،000ރ. އަށް އަދި ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ކުޑަ ކުރުމަށެވެ.