Roadha Mihaaru
އެލްޖީއޭގެ ސީއީއޯއަށް އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝަން

އެލްޖީއޭގެ އާ ސީއީއޯއަކަށް އެމްޑީޕީގެ ޑެޕިއުޓީ އެސްޖީ އަފްޝަން

09 ޖޫން 2020

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާ ސީއީއޯއަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު މިއަދު އައްޔަންކުރައްވައިިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާ ސީއީއޯއަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު މިއަދު އައްޔަންކުރައްވައިިފި އެވެ.

މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރު ކުރުމާ އެކު، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން އަމަލު ކުރާނެ ޚާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އާ މެމްބަރުން މިއަދު އައްޔަން ކުރެއްވިއިރު، ކުރީގެ ބޯޑު ވަނީ މި ބަދަލާ އެކު މިއަދު އުވިފަ އެވެ. އެލްޖީއޭ އަށް އާ ބޯޑެއް ރައީސް މި އުފެއްދެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަގުތީ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ބޯޑު އުވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ. އާ ބޯޑު ދެމިއޮންނާނީ އާ ކައުންސިލަރުން މަގާމުގެ ހުވާކުރައްވަންދެނެވެ.

އެލްޖީއޭގެ އާ ބޯޑުގެ ރައީސަކަށް އައްޔަން ކުރެއްވީ، މަގާމުގެ ހައިސިއްޔަތުން މިހާތަނަށް ވެސް އެ ބޯޑުގެ ރައީސަކަށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު މަހުމޫދުގެ ބަދަލުގައި ވަގުތީ ބޯޑުގެ ސީއީއޯއަކަށް އައްޔަންކުރެއްވި އަފްޝަން އަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވެވަޑައިގެން އެ ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވި އަފްޝަނަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މިިދިޔަ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސްޕޯކްސްޕާސަން ވެސް މެ އެވެ.

ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި ޓުވީޓް ކުރެއްވި އެވެ. އެކަމަކު، އާއިލީ ކަމެއް މެދުވެރިވެ ވަގުތު ދެއްވެން ނެތިގެން ނަން އަނބުރާ ގެންދެވީ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނެއް ފާސްކުރީ، ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމާއެކު ދިމާވި އެހެން މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ.

އާ ކައުންސިލަރުން އައްޔަން ކުރެވެންދެން އަމަލުކުރާ ވަގުތީ ގާނޫނުން ވަނީ މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އެގޮތުން ވަރަށް ގިނަ ކަންކަން ކައުންސިލަރުންނަށް ދެން ކުރެވޭނީ އެލްޖީއޭގެ ބޯޑުގެ ހުއްދަ ލިބިގެންނެވެ.

އާ ކައުންސިލަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާއްމު ހިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެލްޖީއޭގެ ބޯޑަށް ސީއީއޯ އައްޔަންކޮށް ވަކިކުރާނީ ރައީސެވެ. އެ ބޯޑުގެ ސީއީއޯއަކަށް ޝަފީގު އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު 28، 2016 ގަ އެވެ.