Roadha Mihaaru
ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހު ގެންނަން ޖެހޭ:ރައީސް

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގިނަ: ރައީސް

31 ޖެނުއަރީ 2019

ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވައި ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ދިނުމަށް، ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވައި ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ދިނުމަށް، ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމަނައިގެން، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދަރުބާރުގޭގައި ބޭއްވި ފޯރަމްގައި ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު އެއް ހުށަހެޅުމަކަށް ވީ ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ. އެއާ އެކު، ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމާއިރު، ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ރައްޔިތުންގެ ހިޔާލުތައް ހޯދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ އަދި މަސައްކަތް ކުރާނީ ވެސް ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑުކުރުމަށެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ހުށަހެޅި ހިޔާލުތައް ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ވަޒީރުން އައްސަވަނީ. --ފޮޓޯ/ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ހުށަހެޅި ހިޔާލުތައް ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ވަޒީރުން އައްސަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ހިޔާލު ހޯދުމުގެ ފޯރަމެއް މާލޭގައި މިރޭ ބޭއްވިއިރު، އެ މަޝްވަރާތައް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އޭގެތެރޭގައި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ރ. އަލިފުއްޓާއި ކ. ގާފަރުގެ އިތުރުން އައްޑޫ ހިމެނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތަކުން ވަރަށް ފައިދާކުރަނިވި ރަނގަޅު ހިޔާލުތަކެއް ވަނީ ލިބިފަ އެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ވަރަށް ގިނަ. ކައުންސިލްތަކަށް ގާނޫނީ ބާރު ވީހާވެސް ބޮޑަކަށް ދޭން އަޅުގަނޑުމެން ބޭނުން،" ރައީސް ވިދާޅުވި އެވެ.

"މާލީ ބާރުވެރިކަން މާލީ ފުދުންތެރިކަން ލާމަރުކަޒީ ކުރެވެން އެބަޖެހޭ."

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ބޭއްވި ފޯރަމްގެ ބައިވެރިން. --ފޮޓޯ/ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ބޭއްވި ފޯރަމްގެ ބައިވެރިން. --ފޮޓޯ/ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމުގައި މިހާތަނަށް ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރަނގަޅަށް ކުރެވުނު ކަންކަމާއި ގޯސްކޮށް ހިނގައިދިޔަ ކަންކަން ބަލައި މި ސަރުކާރުން ބަދަލު ގެންނާނެ ކަމަށެވެ. ސަބަބަކީ އެމަނިކުފާނު ތަކުރާރު ކުރެއްވި ގޮތުގައި ތަރައްގީ އާއި އެ ނޫން ވެސް ކަންކަން ރައްޔިތުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދިއުމެވެ.

ގާނޫނު އިސްލާހުކޮށް، ކައުންސިލްތަކަށް މިނިވަންކަމާއި ބާރުތައް ދޫކޮށްލުމުން ކައުންސިލްތަކުން ޒިންމާ އުފުލަން ރައީސް އެދިވަޑައިގަތެވެ.

"ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރަން ވާނެ. މާލީ ގޮތުން ލާމަރުކަޒީ ކުރެވޭއިރު ހަވާލުކުރެވޭ ފައިސާއަކީ ރައްޔިތުން ދައުލަތަށް ދައްކާ ފައިސާ. އެ ފައިސާ ބޭނުން ކުރެވެން ވާނީ ޒިންމާދާރުކަމާ އެކު،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ވޭތުވެދިޔަ ތަނުގައި ދަތި އުނދަގޫތަކާ އެކު ވެސް ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ބައެއް ކައުންސިލްތަކުން އެންމެ އެކަށީގެންވާ މިންވަރަށް ނަތީޖާ ނެރެދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ފޯރަމްގައި ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ގިނަ އިސްލާހުތައް "ހޮޅުއަށީ"ގެ ބައިވެރިން ހުށަހެޅި އެވެ.

އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ގާނޫނުން ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދީފައި އޮތަސް، އެ ބާރުތައް ދޫކޮށްލަން މިހާތަނަށް މައި ސަރުކާރުން ޖެހިލުން ވުމެވެ. އިދާރީ ދާއިރާތައް ލާމަރުކަޒު ކޮށްފައިވިޔަސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ އަށް ކަންކަން ކުރުމުގެ ބާރާއި އިހްތިޔާރު ކައުންސިލްތަކަށް ނޯންނަ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

އެންމެ ގިނަ ބައެއްގެ ހުށަހެޅުމަކަށް ވީ މައި ސަރުކާރަށް ހުރިހާ ބާރުތަކެއް ޖަމާކޮށްފައި އޮތުން ދޫކޮށްލުމެވެ. ރަށާއި އަތޮޅުތަކުގެ ކުރިއެރުމާއި ތަރައްގީ އަށް ކަންކަން ނިންމުމުގެ އިހްތިޔާރާއި ބާރު ކައުންސިލްތަކަށް ހަގީގީ މާނައިގައި ދޭން ވެސް ހުށަހެޅި އެވެ.

ގާނޫނަށް ގެންނަން ހުށަހެޅި އެއް އިސްލާހަކީ ކައުންސިލްގައި އަންހެން މެމްބަރަކަށް ގޮނޑިއެއް ހާއްސަ ކުރުމެވެ. ނޫން ނަމަ، އެ ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ އޮޓޮމެޓިކުން ކައުންސިލްގައި ހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރުމެވެ. އެއާއެކު އެ އަތޮޅެއް ނުވަތަ އެ ރަށެއްގައި ހުރި ގުދުރަތީ ވަސީލަތްތަކުން ފައިދާ ހޯދޭނެ މަގު ތަނަވަސްކޮށް ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތަށް ބޭނުން ކުރުން ވެސް ހިމެނެ އެވެ.

އެ އިސްލާހުތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުންތަކާ އެކު ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.