Roadha Mihaaru
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި

ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން އެލްޖީއޭ އިން ހުއްޓުވައިފި

13 ޑިސެމްބަރ 2021

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓަރީ ކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަން އަންގަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓަރީ ކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަން އަންގަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފި އެވެ.

ކައުންސިލްތައް ޒިންމާދާރުކުރުވާ އެލްޖީއޭގެ ކުއްލި ޖަލްސާއެއްގައި ނިންމީ މާލޭ ސިޓީ ކައުންސިލުން ފާސްކުރި ގޮތަށް އަމަލުކުރުން ހުއްޓުވުމުގެ އިތުރަށް އެކަން ހިނގައިދިޔަ ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންދާށެވެ.

އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ފާސްކުރީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރާށެވެ. މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުޅުމާލެ އޮތަސް ހިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިކުރާތީ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުން ބޮޑުވެ، ރަޖިސްޓަރީ ބާތިލްކުރުމާ ހަމައަށް ދިޔައީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުނުކޮށްގެން ކަންބޮޑުވުން ފާޅުކުރުމަށް ފަހު އެވެ.

ސިޓީ ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބުނެ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެޗްޑީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގައި ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން ޝަރީއަތަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެއީ ގާނޫނީ ގޮތުން މުދާ މިލްކު ކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނުއަސާސީއާ ވެސް ހިލާފަށް ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.