Roadha Mihaaru
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ޓީޗަރު ހައްޔަރުކޮށްފި

ފިރިހެން ދަރިވަރުންތަކަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ގުރުއާން ޓީޗަރު ހައްޔަރުކޮށްފި

09 ޖޫން 2020

އުތުރުގެ ރަށެއްގައި ހިންގާ ގުރުއާން ކްލާހެއްގައި ކިޔަވާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ގުރުއާން ޓީޗަރު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އުތުރުގެ ރަށެއްގައި ހިންގާ ގުރުއާން ކްލާހެއްގައި ކިޔަވާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ގުރުއާން ޓީޗަރު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާ ޖިންސީ ގޯނާކުރި ކަމަށް ރިޕޯޓު ކޮށްފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށެވެ. އެއީ އެ ގުރުއާން ކްލާސް ހިންގާ މީހާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

އެ މައްސަލައިގައި ފުލުހުން ބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ޝިކާރައަކަށް ވީ ކިތައް ކުދިން ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދިއެއް ނުދެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިދިޔަ މަހުގެ ކުރީކޮޅު ވެސް ވަނީ އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތިން މަސް ކުރިން، ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވެ އެވެ.