Roadha Mihaaru
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ

ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ޖިންސީ ގޯނާކުރިތޯ ފުލުހުން ބަލަނީ

29 މާޗް 2022

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު މީހަކު ހިމެނޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު މީހަކު ހިމެނޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭތީ، އިއްޔެ އިން ފެށިގެން އައްޑޫގައި މުޒާހަރާކޮށް، ހޫނު ވެފައިވާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާ ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމެންޓެއް މިހާރު ހަދާފައިވާ ކަމަށެވެ.

ކުއްޖާގެ ނަފުސާނީ ހާލަތާ ގުޅޭ އެސެސްމަންޓެއް ހެދުމަށާއި ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އެހެން މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެކި ފަރާތްތަކުން ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރަމުން އަންނަ ކަމަށް ފުލުހުން ބަޔާނުގައި ވެ އެވެ. އަދި އިތުރު ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މި މައްސަލައިގައި ޝާމިލްވޭތޯ ބަލަމުން އަންނަ ކަމަށް ބުންޏެވެ.

"...މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން."

ފުލުހުން މި މައްސަލައިގައި އިއްޔެ ވަނީ 30 އަހަރު ވަންދެން އައްޑޫގެ ސްކޫލެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 59 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފަ އެވެ. އެ ރަށުގެ ބައެއް މީހުން ބުނާގޮތުގައި އެ އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ ބުދަ ދުވަހު ކުއްޖާ ގޮވައިގެން ފާހާނާ އަށް ދިޔައީ އޭނާ ކަމަށް ވާތީ އެވެ.

ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަންހެންމީހާ ހައްޔަރު ކުރިޔަސް އެކަން ކުރީ އެ ކުއްޖާގެ ކާފަ ކަމަށް ތުހުމަތުކޮށް، އެ މީހާގެ ގޭދޮށަށް އިއްޔެ ގިނަ ބަޔަކު ވަނީ އެއްވެ އަޑުގަދަކޮށްފަ އެވެ. އަދި އެކަން ކުރީ އޭނާ ކަމަށް އެ ކުއްޖާ ވެސް އެއްބަސްވާ ކަމަށް އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަމުގެ ކަށަވަރުކަމެއް އަދި ނުދެ އެވެ.