Roadha Mihaaru
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

09 ޖޫން 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރީ މިދިޔަ އެޕްރީލް 15 ގަ އެވެ. އެކަމަކު ބައެއް ފިޔަވަޅުތައް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ލުއިކޮށްފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ލުއި ދިނުމަށް ފަހު ކޮމިއުނިޓީ ސްޕްރެޑް އޮތީ ކިހިނެތްތޯ ބަލަން އަންނަ ހަފްތާގައި ސާމްޕަލްތައް ނަގަން ފަށާނެ ކަމަށެވެ. މި ސާމްޕަލްތައް ނަގާނީ ފަސް ކެޓަގަރީއެއްގެ މީހުންގެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސާމްޕަލްތަކުން ޕީސީއާރް ޓެސްޓް ހަދައި ޕޮޒިޓިވް ވާ މީހުންނާ މެދު އަމަލުކުރާނީ މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ ގޮތަށެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އައިސޮލޭޓްކޮށްގެން ބެލެެހެއްޓުމާއި ބޮޑަށް އަލާމާތްތައް ފެންނަ، އަދި ހައި ރިސްކް މީހުން އިތުރަށް ގާތުން ބެލެހެއްޓުމެވެ.

"އޭގެ ތެރެއިން ވެސް ހަމަ ޕޮޒިޓިވް ވާ ސާމްޕަލެއް ވެއްޖެއްޔާ ހަމަ އެހެން ވެސް ހަަމަ ޕޮޒިޓިވް ވާ ކޭސްތަކާ މެދު ކަންތައް ކުރެވޭ ފަދައިން ހަމަ އަޅުގަނޑުމެން ހަމަ އެބައި ކުރިއަށް ގެންދާނަން. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ހަމަ އެއާ ވިދިގެން ކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރިއަށް ގެންދާނެ،" އަފްޒަލް ވިދާޅުވި އެވެ.

ބަލިފެތުރުނު މިންވަރު ބަލަން ސާމްޕަލް ނަގާ ކެޓަގަރީތައް

- ފްރޮންޓްލައިން ގައި މަސައްކަތް ކުރާ މީހުން

- ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

- 65 އަހަރުން މަތީގެ މީހުން

- ތޮއްޖެހިގެން ދިރިއުޅޭ މީހުން

- 20 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން (ޒުވާނުން)

އަފްޒަލް ވިދާޅުވީ އެ މަސައްކަތުގައި ފާހަގަ ކުރާ ކްލަސްޓާތަކެއްގެ އިތުުރުން ރެންޑަމް ކޮށް ވެސް ސާމްޕަލް ނަގާނެ ކަމަށެވެ. އެކަމުގައި އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ލުއި ދިނުމުގެ ޕްލޭނާ އެކު ކުރިއަށް ދެވޭނީ އެ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

"ދެން މި ސާމްޕަލް ނެގުމަކީ ހަމަ ޕީރިއަޑިކްކޮށް ރިޕީޓް ކުރަމުން ކޮންމެ 14 ދުވަހަކުން ކުރާނެ ކަމެއް. އެހެންވީމާ ކޮންމެ 14 ދުވަހެއްގެ ތެރޭގައި އަންނަ ބަދަލުތައް އަޅުގަނޑުމެންނަށް އެނގެމުންދާނެ" އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން މިހައިތަނަށް ކޮވިޑް-19 ޖެހުނު މީހުުންގެ އަދަދަކީ 1942 އެކެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 1010 މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެހެންވެ މިހާރު އެކްޓިވް ކޭސްްތަކުގެ އަދަދަކީ 922 އެވެ.