Roadha Mihaaru
ޑިކްޝަނަރީން "ރޭސިޒަމް" އަލުން މާނަކުރަނީ

ޒުވާނެއްގެ ހިތްވަރުން ޑިކްޝަނަރީން "ރޭސިޒަމް" އަލުން މާނަކުރަނީ

11 ޖޫން 2020

މިހާރުގެ ހާލަތަށް ރިއާޔަތްކުރާ އިރު އެމެރިކާގެ ޕަބްލިޝިން ހައުސް މެރިއެމް-ވެބްސްޓާގެ ޑިކްޝަނަރީގައި "ރޭސިޒަމް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ މާނަ އެކަށީގެންވާ ގޮތަށް ބަޔާންކޮށްފައި ނޯންނަ ކަމަށް ބުނެ 22 އަހަރުގެ ޒުވާނަކު ތަކުރާރުކޮށް ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަކާ ގުޅިގެން އެ ބަހުގެ މާނަ މިހާރުގެ ހާލަތަށް ފެތޭ ގޮތަށް ބަދަލުކުރަން އެއްބަސްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރުގެ ހާލަތަށް ރިއާޔަތްކުރާ އިރު އެމެރިކާގެ ޕަބްލިޝިން ހައުސް މެރިއެމް-ވެބްސްޓާގެ ޑިކްޝަނަރީގައި "ރޭސިޒަމް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ މާނަ އެކަށީގެންވާ ގޮތަށް ބަޔާންކޮށްފައި ނޯންނަ ކަމަށް ބުނެ 22 އަހަރުގެ ޒުވާނަކު ތަކުރާރުކޮށް ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަކާ ގުޅިގެން އެ ބަހުގެ މާނަ މިހާރުގެ ހާލަތަށް ފެތޭ ގޮތަށް ބަދަލުކުރަން އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ޑިކްޝަނަރީތަކުގައި "ރޭސިޒަމް" އާންމުކޮށް މާނަކޮށްފައި އޮންނަނީ އިންސާނުންގެ މެދުގައި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކަށް ލިބިދޭ އިމްތިޔާޒުތަކާއި ލިބިދޭ ހައްގުތަކަށް ބިނާކޮށް މާ މަތީ ފަންތީގެ ބައެއްގެ ގޮތުގައި ވަކި ބަޔަކު ސިފަކުރެވޭ ގޮތަށެވެ.

ނަމަވެސް ދާދި ފަހުން މިޒޯރީގެ ޑްރޭކް ޔުނިވަސިޓީން ގްރެޖްއޭޓްވި ކެނެޑީ މިޝަމް އެ މާނައާ ދޭތެރޭ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް، މެރިިއެމް-ވެބްސްޓާ އަށް ފޮނުވަމުން ދިޔަ އީމެއިލްތަކަކަށް އިޖާބަދެމުން އެތަނުން ވަނީ "ރޭސިޒަމް" ގެ މާނަ އަލުން ތަފުސީލުކޮށްދޭން ނިންމައިފަ އެވެ.

މިޝަމް އެންމެ ފަހުން މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މެއިލެއް ފޮނުވީ އެމެރިކާގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ޖޯޖް ފްލޯއިޑް ކިޔާ ކަޅު ނަސްލުގެ މީހަކު އަނިޔާވެރި ގޮތަކަށް މަރައިލި ހާދިސާއާ ދިމާކޮށް އެ ގައުމުގައި އުފެދިފައިވާ ހަރަކާތްތަކާ ގުޅިގެންނެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި މިޝަމް ބުނި ގޮތުގައި "ރޭސިޒަމް" ގެ މާނަ އަށް ބަދަލު ގެންނަން ނިންމިކަން މެރިއަމް-ވެބްސްޓާގެ އެޑިޓަރު އެލެކްސް ޗެމްބާޒް މިދިޔަ ބުރާސްފަތި ދުވަހު އީމެއިލަކުން އެންގުން ދިޔައީ ވަރަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ.

"އެކަމާ އަސްލު ވެސް ވަރަށް ހައިރާންވި. އުންމީދެއްނުކުރަން އެއްވެސް ވަރަކަށް އެކަހަލަ ގޮތަކަށް ޖަވާބެއް ލިބޭނެ ކަމަކަށް،" އޭނާ ބުންޏެވެ. "ރޭސިޒަމްގެ މާނަ ޑިކްޝަނަރީގައި ހިމަނާފައި އޮތް ގޮތާ ދޭތެރޭ އަހަރެން ތަކުރާރުކޮށް ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަށް އިޖާބަ ދިނުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް."

މިޝަމް ބުނިގޮތުގައި އެމެރިކާގައި ފަހަކަށް އައިސް ނަސްލީ ތަފާތުކުރުމުގެ ކަންކަން ހިނގަމުން ދަނީ ރޭވިގެން ހިންގާ އެޖެންޑާއެއްގެ ދަށުންނެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ވެސް ބުންޏެވެ.

"އެކަމަކު ޑިކްޝަރީގައި އޮތް ރޭސިޒަމް އަކުން މިހާރުގެ ހާލަތު ވަޒަނެއް ނުކޮށްދޭ. އޭގެ މާނަ އަކީ ބަހުގެ މާނަ ހާލަތަކަށް ނުފެތެއޭ،" އޭނާ ބުންޏެވެ.

"ރޭސިޒަމް" ގެ މާނަ އަޕްޑޭޓްކުރުމާ ބެހޭ ގޮތުން އެލެކްސް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތަކާއި ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ޑިކްޝަނަރީ އަޕްޑޭޓްކޮށް، އާންމުކުރާ އިރު މިޝަމް ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މާނަ ތަފުސީލުކޮށް ދީފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް މަގުފަހިކޮށްދޭން މިޝަމް ކުރި މަސައްކަތަށް ޝުކުރު ވެސް އަދާކުރަން،" އެލެކްސް ވިދާޅުވި އެވެ. "އަދި މިކަމަށް ކުރިން އިޖާބަނުދެވި އޮތް ކަމަށްޓަކައި މައާފަށް ވެސް އެދެން."

އެލެކްސް ވިދާޅުވި ގޮތުގައި މާނަ އަށް އަންނަ ބަދަލާ އެކު ޖުމްލަ ދިގުވިޔަސް އެއީ މިހާރަކު މައްސަލައެއް ނޫނެވެ. ސަބަބަކީ ޗާޕްކޮށްގެން ނެރޭ ޑިކްޝަނަރީތަކަށް ވުރެ ބޮޑަށް ގިނަ ބަޔަކު މިހާރު ޑިޖިޓަލް ޑިކްޝަނަރީ ގެންގުޅުމެވެ.

މިކަމާ ބެހޭ ގޮތުން މެރިއަމް-ވެބްސްޓާގެ އެޑިޓަ އެޓް ލާޖް ޕީޓާ ސޮކޮލޯސްކީ ވެސް ވިދާޅުވީ "ރެސިޒަމް" ގެ މާނަ އަލުން ތަފުސީލުކޮށް ދޭނީ މުޖުތައުތަކުގައި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ސިޔާސީ ގޮތުން އޮތް ބައިބައިވުންތަކަށް ރިއާޔަތްކޮށެވެ.

"އަހަރެމެން އުންމީދުކުރަން ރެސިޒަމްގެ މާނަ އަށް ގެންނަ ބަދަލާ އެކު މުޖުތަމައުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

މިޝަމް ވެސް ބުނީ މާނަ އަށް ގެންނަ ބަދަލާ އެކު، ހޭލުންތެރިކަން އުދެފި މިހާރަށް ވުރެ ފުޅާކޮށް، ނަސްލީ ތަފާތުކުރުންތަކާ ބެހޭ ގޮތުން ބަހުސްތައް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"މިކަމުން ބަދަލެއް ފެންނާނެ ކަމަށް ގަބޫލުރަން،" އޭނާ ބުންޏެވެ.