Roadha Mihaaru
މިއީ އުނދަގޫ ހާލަތެއް، ޓީމަށް ބަދަލުތަކެއް އަންނާނެ

މިއީ އުނދަގޫ ހާލަތެއް، ޓީމަށް ބަދަލުތަކެއް އަންނާނެ: މާޒިޔާ

12 ޖޫން 2020

ކޮވިޑް-19 ގެ ސަބަބުން ލިބުނު މާލީ ގެއްލުންތައް ފޫބެއްދުމަށް ދުނިޔޭގެ ވަރަށް ގިނަ ކްލަބްތަކުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭއެފްސީ ކަޕުގައި ވާދަކުރުމަށް ބޮޑު ހަރަދެއްކޮށް ޓީމު ބިނާކުރި ކްލަބްތަކުން ވެސް އަންނަނީ އެ މަގުން ހިނގަން ފަށައިފަ އެވެ. އެގޮތުން އެ މުބާރާތުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ ފޭވަރިޓެއް ކަމަށްވާ ރާއްޖޭގެ މާޒިޔާ އިން ވެސް އަންނަނީ އެކަމާ މެދު ވިސްނަމުންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކޮވިޑް-19 ގެ ސަބަބުން ލިބުނު މާލީ ގެއްލުންތައް ފޫބެއްދުމަށް ދުނިޔޭގެ ވަރަށް ގިނަ ކްލަބްތަކުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭއެފްސީ ކަޕުގައި ވާދަކުރުމަށް ބޮޑު ހަރަދެއްކޮށް ޓީމު ބިނާކުރި ކްލަބްތަކުން ވެސް އަންނަނީ އެ މަގުން ހިނގަން ފަށައިފަ އެވެ. އެގޮތުން އެ މުބާރާތުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ ފޭވަރިޓެއް ކަމަށްވާ ރާއްޖޭގެ މާޒިޔާ އިން ވެސް އަންނަނީ އެކަމާ މެދު ވިސްނަމުންނެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ޖެހުމާ އެކު ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ބޮޑު އަގެއްގައި ގެނެސް މާޒިޔާ އިން ވަނީ އެ މުބާރާތަށް ކަނޑައެޅި ފުރަތަމަ ޓާގެޓް ފުރިހަމަ ކޮށްފަ އެވެ. އެއީ ކޮލިފައިން ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމެވެ. އެކަން ހާސިލްކުރީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ގަދަބާރު ބެންގަލޫރު ފަހަތަށް ޖައްސާލައިފަ އެވެ. ކޮވިޑުގެ ސަބަބުން މުބާރާތް މެދުކަނޑާލީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ ޗެންނާއީ ސިޓީއާ މާޒިޔާ އިން ރަށުން ބޭރުގައި 2-2 އިން އެއްވަރުކޮށްފައިވަނިކޮށެވެ. މުބާރާތް އަލުން ފަށާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރުގަ އެވެ.

އޭއެފްސީ ކަޕަށް މާޒިޔާ ޓީމުގައި ހިމެނި އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަަޒީޒީ އާއި ޑިފެންޑަރު މުހައްމަދު ޝަރީފްގެ އިތުރުން ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕެލަނިޗްގެ ކޮންޓްރެކްޓް މިހާރު ވަނީ ހަމަވެފަ އެވެ. މާޒިޔާ އަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީގެ ކޮންޓްރެކްޓް ވެސް ވަނީ ހަމަވެފަ އެވެ.

މާޒިޔާގެ ތިން ބިދޭސީ ކުޅުންތެރިން: (ކ.ވ) ކޯނޭ، ޕެލަނިޗް އަދި ޝަރީފް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ތިން ބިދޭސީ ކުޅުންތެރިން: (ކ.ވ) ކޯނޭ، ޕެލަނިޗް އަދި ޝަރީފް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ އިސް އޮފިޝަލަކު "މިހާރު" އަށް ބުނީ ޓީމު އެކުލަވާލަން ބަލާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ކުރިން އޮތް ހާލަތެއް ނޫން މި އޮތީ. އެހެންވީމަ އެބަޖެހޭ ލިބޭނެ ބަޖެޓާއި އެ ހުރިހާ ކަމަކަށް ވިސްނަން ވެސް. އެއީ މާޒިޔާގެ އެންމެ އިސް ވިސްނުމަކީ ލިބޭނެ ބަޖެޓަކަށް ފައްތައިގެން ކުރިއަށް ދިއުން. އެހެންވެ ޓީމަށް ބަދަލުތަކެއް އަންނާނެ،" އޭނާ ބުންޏެވެ.

މާޒިޔާ އަކީ ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ހިންގައި ގަވާއިދުން ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ނަމޫނާ ކްލަބެކެވެ. އަންނަ ސީޒަނަށް ޓީމު އެކުލަވާލުމާއި މި އަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވުމުގައި ވެސް އެ ކްލަބުން އެފަދަ ވިސްނުން އިސްކުރާނެ އެވެ. އެއީ ޓީމުގައި ތިބި ދިވެހި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދީގެންނެވެ.

"ކޮންމެ ގޮތެއް ވިޔަސް މާޒިޔާ އިން މިހާރު ތިބި ލޯކަލް ކުޅުންތެރިންނަށް ބަލާނެ. މިހާރު ދިމާވެފައިވާ މި ހާލަތުގައި ވެސް ގޮންޖެހުންތަކެއް ހުރިކަމުގައި ވިޔަސް ދިވެހި ކުޅުންތެރިންގެ ކަންތައްތައް ފުރިހަަމަކޮށްދެމުން ގެންދާނަން. ބަދަލުތަކެއް އަޔަސް ކުޅުންތެރިންނާ މެދު ވިސްނައިގެން ކުރިއަށްދާނީ،" އޮފިޝަލް ބުންޏެވެ

ވޭތުވެދިޔަ އަހަރުތަކުގައި މާޒިޔާ މެނޭޖްމަންޓުގެ މަސައްކަތްތައް ބަލައިގަނެ، އެ ޓީމަށް ސްޕޮންސަރުންގެ އެހީތައް ވެސް ވަނީ ލިބިފަ އެވެ. އެ ގޮތުން 10 އަހަރު ވަންދެން ކޮކާކޯލާ ކުންފުންޏާއި އޭޑީކޭގެ ފަރާތުން އެ ކްލަބާ އެކު ސްޕޮންސަޝިޕް އެއްބަސްވުމުގެ ކާމިޔާބު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު މާޒިޔާ އިން ވަނީ އުރީދޫ މޯލްޑިވްސްއާ އެކު ވެސް ކޮންޓްރެކްޓެއް ހަދައިފަ އެވެ. އެއީ ވެސް އެ ޓީމުގެ ހިންގުން ރަނގަޅުވުމުން ލިބުނު ފުރުސަތެކެވެ.

ރާއްޖޭގެ ކްލަބްތައް ހިންގުމުގައި މާޒިޔާ ދައްކާ ނަމޫނާ އަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ތައުރީފުކުރައްވައިފަ އެވެ. އަދި ފުޓްބޯޅަ އަށް މާޒިޔާ އިން ކުރާ ހިދުމަތަށްޓަކައި އެ ކްލަބްގެ މެނޭޖްމަންޓަށް ވަރަށް ބޮޑު ޝުކުރެއް ހައްގުވާކަމަށް ބައްސާމާއި މަހުލޫފް ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ ކުރިއަށް އޮތް ސީޒަނުގައި ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ސީޒަނުގައި އެފްއޭއެމުންނާއި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ލިބުނު އެހީތެރިކަން މާޒިޔާ އިން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން: (ކ.ވ) ނައިބު ރައީސް ފައިސަލް ނަސީމް، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މާޒިޔާގެ ޗެއާމަން މުހައްމަދު ސާޖިދު ޓީމަށް ތަރުހީބު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން: (ކ.ވ) ނައިބު ރައީސް ފައިސަލް ނަސީމް، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މާޒިޔާގެ ޗެއާމަން މުހައްމަދު ސާޖިދު ޓީމަށް ތަރުހީބު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެފްއޭއެމްގެ ރައީސް ބައްސާމް އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ އެހީތެރިކަމަށް ޝުކުރު އަދާކުރަން ބޭނުންވޭ. ހަގީގަތުގައި މާޒިޔާ އިން މިދިިޔަ ސީޒަނުގެ ކާމިޔާބީގައި އެ އެހީތެރިކަން މުހިއްމު ރޯލެއް އަދާކުރި. މާޒިޔާގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވެސް އެ އެހީ ލިބުން. ހަގީގަތުގައި ކުރިމަތީގައި މި އޮތީ ވަރަށް އުނދަގޫ ދުވަސްތަކެއްކަން ގަބޫލުކުރަން ޖެހޭ،" އޮފިޝަލް ބުންޏެވެ.

އަންނަ ސީޒަނަށް ފަށަން އެފްއޭއެމުން މަސައްކަތްކުރަނީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރުގަ އެވެ. މާޒިޔާ އިން މިހާރު ވެސް ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ފަށާފައިވާއިރު، ބިދޭސީ ކުޅުންތެރިންނާއި ކޯޗުގެ ކަންތައްތަކާ ބެހޭގޮތުން ކްލަބްގެ ބޯޑުގެ މެދުގައި އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ.

"ކޮންމެ ގޮތެއް ވިޔަސް ލިބެން ހުރި އެހީތަކަށް ބަަލައި ކްލަބްގެ މެނޭޖްމަންޓަށް ހޯދޭނެ ބަޖެޓަކަށް ފައްތައިގެން މިކަން ކުރާނީ. އޭއެފްސީ ކަޕާ މެދު ވަރަށް ވިސްނަން. ބިދޭސީ ކުޅުންތެރިންނާއި ކޯޗުގެ ކަންތައްތައް ނިންމުމުގައި ވާހަކަތަކެއް އެބަދެކެވޭ. ބަދަލެއް އައުން ވެސް އެކަށީގެންވޭ. ހާލަތާ ބަލައި ވަރަށް މުހިއްމު ނިންމުންތަކެއް ނިންމަން އެބަޖެހޭ،" އޮފިޝަލް ބުންޏެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއާ އެއް ގްރޫޕެއްގައި އޮތް އިންޑިއާގެ ޗެއްނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އިން ވެސް ވަނީ ޓީމަށް ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ. އެގޮތުން އެ ޓީމުތަކުގެ ބިދޭސީ ކުޅުންތެރިން ވެސް ބަދަލުވާނެ އެވެ. އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަކީ އަދިވެސް މާޒިޔާގެ ވަރަށް ބޮޑު ޓާގެޓެކެވެ. އެ ޓީމުން މިހާރު މި އޮތް އުނދަގޫ ހާލަތުގައި ވެސް ކުރިއަށް އޮތް ސީޒަނާ މެދު ނިންމާ ކޮންމެ ނިންމުމެއްގައި ވެސް އޭއެފްސީ ކަޕާ މެދު ހާއްސަ ނަޒަރަކުން ވިސްނާނެ އެވެ.