Roadha Mihaaru
ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

މާލޭގެ ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

12 ޖޫން 2020

މާލޭގެ ގެސްޓް ހައުސްއެއްގައި މިދިޔަ ބުދަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ ގެސްޓް ހައުސްއެއްގައި މިދިޔަ ބުދަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައިވަނީ 18 އަހަރުން މަތީގެ ފިރިހެނެކެވެ.

އެކަން ޔަގީންކޮށްދެމުން ފުލުހުން ބުނީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއީ މާލެ ލޮކްޑައުންކޮށް، ސަބަބެއް ނެތި ބޭރުގައި އުޅުން މަނާކޮށްފައި އޮތް ދުވަސްވަރަކަށް ވުމުން ކުޑަކުއްޖަކު ގެސްޓް ހައުސްއަކަށް ގެންދިޔައީ ކިހިނެއްތޯ ބެލުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި މި ކަމުގައި ގެސްޓް ހައުސްގެ އިހުމާލު ވެސް ވަރަށް ބޮޑެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފަ އެވެ.

ފުލުހުން އޭރު ބުނެފައިވަނީ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާ އަށް ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ މައްސަލައެއް އާއިލާ އިން ހުށަހެޅުމުން ކަމަށެވެ. ރޭޕްކޮށް، ކުޑަކުއްޖާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މި ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްގެ ކައިރިއަށެވެ. ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައި ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މާގިނަ ތަފްސީލެއް ފުލުހުން ނުދެ އެވެ.