Roadha Mihaaru
ތައުލީމާ ގުޅޭ ދެ ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ތައުލީމާ ގުޅޭ ދެ ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

12 ޖޫން 2020

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލް އާންމުންގެ ޚިޔާލަށް މަޖިލީހުން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލް އާންމުންގެ ޚިޔާލަށް މަޖިލީހުން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާފައިވާ މަތީ ތައުލީމުގެ ބިލާއި ސަރުކާރުގެ ފަރާތން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ތައުލީމުގެ ބިލް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައިވަނީ އެ ދެ ބިލާ މެދު އާންމުންގެ އެއްވެސް ޚިޔާލެއް އޮތް ނަމަ، ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އީމެއިލް ނުވަތަ ލިޔުމުން ވެސް އެ ދެ ބިިލަށް ޚިޔާލު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މަތީ ތައުލީމުގެ ބިލަކީ ރާއްޖޭގައި މަތީ ތައުލީމު ދޭ މަރުކަޒުތައް ހިންގުމާއި އެފަދަ ތަންތަން މޮނީޓާކޮށް، ފެންވަރު ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައަޅާ ބިލެކެވެ. ތައުލީމުގެ ބިލަކީ ތައުލީމް ހާސިލް ކުރުމުގައި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ދައުލަތުގެ ޒިންމާތައް ކަނޑައެޅުމާ ބެހޭ ބިލެކެވެ.

މީގެކުރިން ވެސް މަޖިލީހުން ވަނީ ބައެއް ބިލްތައް އާންމުންގެ ޚިޔާލަށް ހުޅުވާލައިފަ އެވެ.