Roadha Mihaaru
ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގީ ސްކޭމެއް ގޮތަށް: ޝުޖާއު

ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި: ޝުޖާއު

09 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް އޭރު ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް އޭރު ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. ކުރީގެ ސަރުކާރުން ބުނި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމުގައި 15،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓު ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮން ޖަރީމާއެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"މަތީ ތައުލީމް އުނގެނޭ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއް ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްތައް ހިންގީ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއް ދޭ އުސޫލުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭގެ ސަަބަބުން ކޮލެޖުތައް އިނދަޖެހިގެން ދިޔަ ކަމަށާއި ބައެއް ކޮލެޖުތައް ތަޅު އަޅުވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ އެއް ގޮތަކީ އަމިއްލަ ކޮލެޖުތައް ބާރުވެރި ކުރުވުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން ހާއްސަ އިސް ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުނޑުމެންގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އުމުރު ދުވަސް ހޭދަ ކުރެއްވީ މަތީ ތައުލީމް ދިވެހި ދަރިވަރުންނަށް އުނގަނައި ދިނުމަށްޓަކައި. ސަރުކާރުތަކުން ކޮބައިތޯ ވަކި ކުރިއެރުމެއް ދީފައި އެ ދާއިރާތަކަށް،" ގާސިމްގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ބިލުގައި ވަނީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ޝަރުުތުތައް ދަށްކޮށްފަ އެވެ. އެގޮތުން މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމާއި ބައެއް އެހެނިހެން ޝަރުތުތައް ހަމަވުމުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.