Roadha Mihaaru
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ލޮކްޑައުން އިތުރުކުރީ ވަގުތު ހަމަވި ފަހުން، ޖޫރިމަނާއާ މެދު ސުވާލު އުފައްދައިފި

13 ޖޫން 2020

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ މަހު 28 އިން ފެށިގެން ލުއިތަކާ އެކު ލޮކްޑައުން 14 ދުވަހަށް އިތުރުކުރި އެވެ. އެހެންވެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން 14 ދުވަސް ހަމަވަނީ ޖޫން 11 ފެށުމާ ހަމައަށެވެ. އަދި އެޗްޕީއޭ އިން އެފަހަރު 14 ދުވަސް އިއުލާނުކުރި ވަގުތު ކަމަށްވާ 28 ވަނަ ދުވަހުގެ ހަވީރު 4:07 އިން ފެށިގެން ބެލިޔަސް 11 ވަނަ ދުވަހުގެ މި ގަޑިއަށް ވަގުތު ހަމަވާނެ އެވެ.

އެކަމަކު ލޮކްޑައުންގެ މުއްދަތު އިތުރު ކުރީ އެރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ނަމަވެސް އެ ހާލަތުގައި އަޅާނެ ފިޔަވަޅުތައް ވަކިން އިއުލާނުކުރަންޖެހެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ލޮކްޑައުންގައި މި ދިޔަ ހުސްކަމުގެ ވަގުތުގެ ތެރޭގައި ވެސް އެތައް ބަޔަކު ހުއްދަ ނެތި ބޭރުގައި އުޅުނު ކަމަށް ބަލައި ހައްޔަރުކޮށް ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ.

އެކަމާ މެދު ސުވާލު އުފައްދަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުން އުވާލުމުގެ ވަގުތާ ގުޅޭ ގޮތުން އާއްމުންނަށް ރަނގަޅަށް މައުލޫމާތު ސާފުނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި އަދަބެއް ދިނުމަކީ ކުރެވިދާނެ ކަމެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އޭނާ ވަނީ އެ ވަގުތުގައި ޖޫރިމަނާކޮށްފައިވާ ނަމަ އެ މީހުން އެ ފައިސާ ދައްކަން ޖެހޭނެތޯ އައްސަވައިފަ އެވެ.

"މިއީ ބަލިމަޑުކަމާ ހެދި ގިނަ މީހުންގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާ ދުވަސްވަރެއް. މި ވަގުތުތަކުގައި ޖޫރިމަނާ ކުރި މީހުން އެ ފައިސާ ދައްކަން ޖެހޭނެތޯ،" ފުލުހުން ޓެގްކޮށް، ޓްވިޓާގައި އޭނާ އެއްސެވި އެވެ.

މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށީ އެ ބަލީގެ މީހަކު މާލެ އިން ފެނުމުންނެވެ. އެ ދުވަހުން ފެށިގެން އެކި މުއްދަތަށް ސަރުކާރުން ވަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ހަރުކަށިކޮށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހާލަތަށް ބެލުމަށް ފަހު، ލޮކްޑައުން އަށް ފުރަތަމަ ލުޔެއް ދިނީ މިދިޔަ މަހުގެ 29 އިން ފެށިގެންނެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ވަނީ ނިންމާފަ އެވެ.