Roadha Mihaaru
ސްޓޮކްގައި ހުރި ލޭ ހުސްވާތީ ލޭ ހަދިޔާކުރަން އެދެފި

ސްޓޮކްގައި ހުރި ލޭ ހުސްވާތީ ލޭ ހަދިޔާކުރަން އަނެއްކާވެސް އެދެފި

13 ޖޫން 2020

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ސްޓޮކްގައި ހުރި ލޭ ވަރަށް މަދުވެއްޖެ ކަމަށާއި އެހެންވެ ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން އަނެއްކާ ވެސް އެދެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ސްޓޮކްގައި ހުރި ލޭ ވަރަށް މަދުވެއްޖެ ކަމަށާއި އެހެންވެ ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން އަނެއްކާ ވެސް އެދެފި އެވެ.

އެމްބީއެސްގެ ކްލިނިކަލް ނާސް ގުލިސްތާން އީސާ "މިހާރު" އަށް ވިދާޅުވީ މިހާރު އެއްވެސް ވަރަކަށް ލޭ ނެތޭ ބުނާ ވަރަށް ސްޓޮކް މަދުވެފައިވާ ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު އަވަށް ލޭ ހަދިޔާކުރުމަށް އެދިވަޑައިގަތެވެ.

"ތެލަސީމިއާ ޕޭޝަންޓުން ލޭ އަޅަން އަންނަނީ އަމިއްލަ ޑޯނަރުން ގޮވައިގެން. އަޅުގަނޑުމެންގެ ސްޓޮކްގައެއް ނެތް އެކަށީގެންވާ ވަރަކަށް ލެއެއް،" ގުލިސްތާން ވިދާޅުވި އެވެ.

ގުލިސްތާން ވިދާޅުވީ ހުރިހާ ގްރޫޕެއް ވެސް ލޭ ވެސް ސްޓޮކްގައި މިހާރު ހުރީ ވަރަށް މަދުން ކަމަށެވެ. ތެލަސީމިއާ ޕޭޝަންޓުންނަށް ހަފުތާ އަކު 160 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށާއި އެ މިންވަރު އެތަނުގައި ނުހުންނަތާ ދެ ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔަކުރުމުގެ އިތުރުން އެހެނިހެން ބަލި ފަރާތްތަކަށް ވެސް އަޅުގަނޑުމެން ލޭ ފޯރުކޮށްދެން. އެކަމަކު ސްޓޮކްގައި ނެތުމުން މި ކަން ކުރަން ވަރަށް ދަތި،" ގުލިސްތާން ވިދާޅުވި އެވެ.

އުމުރުން 18 އަހަރުވެފައިވާ ސިއްހަތު ރަނގަޅު ކޮންމެ މީހަކަށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރެވޭނެ އެވެ. އެއީ އެ މީހެއްގެ ބަރުދަނުގައި 45 ކިލޯ ހުންނަ ނަމަ އާއި ހިމޮގްލޮބިން ކައުންޓްގައި 12.5 ޕޮއިންޓު ހުންނަ ނަމަ އެވެ. ލޭ ހަދިޔާކުރަން ބޭނުން މީހުން، އެޕޮއިންޓްމަންޓް ހަދަން އޭނާ އިލްތިމާސްކުރެއްވި އެވެ.

"މިދުވަސްވަރުގެ ގޮތުން އަޅުގަނޑުމެން މިތަން ވެސް މި ހިންގަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް، ގައިދުރުކޮށްގެން. އެޕޮއިންޓްމަންޓް ނަހަދާ ދުރުވުމުން މައްސަލަތައް ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

އެޕޮއިންޓްމެންޓް ހަދަން ގުޅާނީ 3306089 އަށެވެ. އަދި އެމްބީއެސް އިން ދޭ ވަގުތަށް އެތަނަށް ދާން އޭނާ އެދިވަޑައިގަތެވެ.

އެމްބީއެސްގެ ސްޓޮކްގައި ހުރި ލޭ މަދުވެގެން އެތަނުން ވަނީ ލޭ ހަދިޔާކުރުމަށް މިދިޔަ މާޗު މަހުން ފެށިގެން އެކި ފަހަރު މަތިން އެދިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މީހުން އެއްވެ އުޅުން މަނާކޮށް އަދި ލޮކްޑައުން ކުރުމުން އެމްބީއެސް އަށް އާންމުކޮށް ލޭ ލިބޭ ބްލަޑް ޑޮނޭޝަން ކޭމްޕުތައް ކުރިއަށް ގެންދިއުން ހުއްޓި ލޭ ލިބުން ވަރަށް ބޮޑަށް މަދުވި އެވެ. އެތަނަށް އެންމެ ގިނައިން ލޭ ލިބެނީ ރިސޯޓުތަކުގައި ހިންގާ މިފަދަ ކޭމްޕުތަކުނެވެ. ރިސޯޓުތަކުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ރިސޯޓްތައް ބަންދުކުރުމުން ލޭ ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނެވެ.